އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ އަސްކަރީ ހަރަކާތްތަކުގައި ކާމިޔާބީއާ ހަމައަށް ވާސިލު ވެވިފައިވާ ކަމަށާއި، އިތުރު އިންސާނުންގެ ފުރާނަ ގެއްލުން ހުއްޓުވުމަށްޓަކައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ތެހެރާނަށް ދެއްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ތޭންކްސްގިވިންގް މުނާސަބަތާ ގުޅުވައިގެން އެމެރިކާގެ ސިފައިންނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވަނީ މި ހަނގުރާމަ ނިމުމަކަށް އަންނާނެ ވަގުތު ނިންމާނީ އެމެރިކާއިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިރާނުން މި ފުރުސަތުގެ ބޭނުން ހިފާނެކަމާމެދު ޝައްކު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އިރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށް ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ. އަދި ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގަމުންދާ ކަނޑުގެ ބްލޮކޭޑަކީ ތާރީހުގައިވެސް ހިންގުނު އެންމެ ކާމިޔާބު ބްލޮކޭޑު ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާއިން ވަނީ މެދުއިރުމަތީގައިވާ އަސްކަރީ ބާރު އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިރާނުގެ ނިއުކްލިއަ ވަސީލަތްތަކަށް ހަމަލާދިނުމުގެ ތައްޔާރީތައް ވެސް ވަނީ ވެފައެވެ.
މި ވާހަކަތަކާ ގުޅިގެން އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ތެހެރާނުގެ މައިގަނޑު އަމާޒަކީ ޚާރިޖީ ފިއްތުންތަކަށް ގޮންޖަހައި ގައުމުގެ ސާބިތުކަން ވަރުގަދަކުރުން ކަމަށެވެ. ވިޔަފާރި މަގުތައް ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދިޔަ ނަމަވެސް، މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާގެ ބްލޮކޭޑް އުވާލުމަށް އިރާނުން އެދެއެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ އިރާނުން އެންމެ ފުރަތަމަ ނިއުކްލިއާ އިލްތިޒާމްތަކަށް އަމަލުކުރުމަށެވެ.
ކޮމެންޓް