މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގައި އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު ބުނެފިއެވެ.

އޭސީސީން މިއަދު ބުނީ، އެމްއެޗްއާރު އަށް ދައުވާ ކުރަން ނިންމީ، އެމްއެމްޕީއާރު ސީގެ ހިޔާނާތާ ގުޅިގެން އޭސީސީ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން ކަމަށެވެ.

އެފަރާތުގެ މައްޗަށް ކުރަން ނިންމާފައި ވަނީ، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީން ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް، ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެމްއެޗްއާރު ޓްރޭޑިންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން މި މައްސަލައިގެ ތަހުގީގަށް ހާމަވާ ކަމަށެވެ.

އެގޮތުން، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސްއޯއެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000 ޑޮލަރު އެމްއެޗްއާރު އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީން ބުނީ މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް މައްސަލައިގެ ތަހުގީގުގައި އެ ކުންފުންޏަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދެއްކި 50,000 ޑޮލަރު އެމްއެޗްއާރު ގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމަށްވެސް ބުނެފައި ވެއެވެ.

އެ ޗެކު އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެމްއެޗްއާރުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައި ވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޒިޔާތު އާއި އެމްއެޗްއާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުއާމަލާތް ކޮށްފައިވާކަމާއި އެ މުއާމަލާތްތަކުން އެމްއެޗްއާރުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެ ކުންފުނީގެ އެމްޑީއަށް ޝައްކު ކުރެވޭނެ ހާލަތެއް އޮތްކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ އެމްއެޗްއާރު ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ، ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާގެ ކުންފުންޏެކެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކެއް ޒިޔަތުގެ މައްޗަށް ސާބިތުވެ އެތައް އަހަރަކަށް ޖަލަށް ލުމަށް މީގެ ކުރިން ކޯޓުން ހުކުމް ކުރިއެވެ.

އޭސީސީން ބުނީ، މި މައްސަލައިގެ ތެރެއިން އެސްއޯއެފްގެ ޗެކުތައް މެދުވެރިކޮށް އެމްއެޗްއާރު ގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000 ޑޮލަރަށްވާ 5,011,500 (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ ރުފިޔާ) އާއި ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދެއްކި 50,000.00 ޑޮލަރު އެމްއެޗްއާރު އަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް ފޮނުވަން ވެސް ނިންމާފައިވާ ކަމަށެވެ.