ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް ގުޅުމުގެ ސަބަބުން ފުޓުބޯޅައަށް ކިލަނބުކަން އައިސް، ހަލާކުވަމުންދާ ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.
ބްލެޓާ، މީގެ ކުރިން 17 އަހަރު ފީފާގެ ރައީސްކަން ކުރައްވާފައިވެއެވެ. އެއީ 2015 ވަނަ އަހަރާ ހަމައަށެވެ. އޭނާގެ ފަހުން ރައީސްކަމާ ހަވާލުވީ މިހާރުގެ ރައީސް އިންފަންޓީނޯއެވެ. އިންފަންޓީނޯއަށް ފާޑުވިދާޅުވެ ބްލެޓާ ވާހަކަ ދައްކަވާފައި ވަނީ ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި އިންފަންޓީނޯ ހިންގަން މަސައްކަތް ކުރާ އިންވެސްޓްމަންޓް ޕްލޭންގެ ސަބަބުންނެވެ.
ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހިއްސާ ވިއްކަންވެސް ވަނީ ނިންމައިފައެވެ. އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.
މިފަހަރު ވޯލްޑް ކަޕާ ދިމާކޮށްގެންވެސް އިންފަންޓީނޯއާއި ޓްރަމްޕްގެ ގުޅުމަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން ޓްރަމްޕަށް ސިޔާސީ މަންފާއަށް އިންފަންޓީނޯ މަސައްކަތް ކުރި ކަމަށްވެސް ނޫސްތައް ފާހަގަކޮށްފައިވެއެވެ.
ފީފާއިން ބުނެފައި ވަނީ އެފްއެފްއީ ހިންގަން ފާސްވެެއްޖެ ނަމަ، އެކަން ކުރިއަށް ގެންދާނީ ތްރައިވް އެޓާނަލް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އެ ކުންފުންޏަކީ އެމެރިކާ ރައީސް ޓްރަމްޕްގެ ކޮއްކޮ، ޖޯޝުއާ ކުޝްނާގެ ދަނބިދަރި ޖަރެޑްގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ކުންފުންޏެކެވެ.
"ފުޓުބޯޅައަކީ ވަކި ފަރުދަކަށް އަމިއްލަ ކުރެވޭނެ އެއްޗެއް ނޫން. އަދި ވަކި އިދާރާއަކަށްވެސް އަމިއްލަ ކުރެވޭނެ އެއްޗެއް ނޫން. އެއީ އާންމު އެތައް ބައެއްގެ އެއްޗެއް،" އުމުރުން 90 އަހަރުގެ ބްލެޓާ ވިދާޅުވިއެވެ.
ބްލެޓާ 2016 ވަނަ އަހަރު ފީފާގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ އެކުގައެވެ. އެހެންނަމަވެސް އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ. އިންފަންޓީނޯއަކީ ފީފާގެ ޖެނެރަލް ސެކްރެޓަރީއަކަށް އޭރު ހުރި ފަރާތެކެވެ.
ބްލެޓާ މީގެ ކުރިންވެސް އިންފަންޓީނޯގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީ އަރަބިއްޔާއަށް ހޯސްޓް ކުރަން ދިނުމަށާއި، މިއަހަރުގެ ވޯލްޑް ކަޕް 48 ގައުމަށް ފުޅާކުރުންވެސް ހިމެނެއެވެ.
"ފީފާއިން މާލީ މަންފާ ހޯދަން ކޯޕަރޭޓް އޮނިގަނޑަކަށް ބަދަލުވެއްޖެނަމަ، އެ އިދާރާގެ ދިރުން ގެއްލި އަސްލު ގެއްލޭނެ. ޓްރަމްޕާއި އިންފަންޓީނޯ އެކުވެގެން މި ކުރަމުންދާ ކަންތައްތަކުން ހަލާކުވަނީ ފުޓުބޯޅަ. މުޅި ދުނިޔެއަށް އޭގެ އަސަރުކުރާނެ،" ބްލެޓާ ވިދާޅުވިއެވެ.
އެފްއެފްއީގެ ކަންކަން ކުރިއަށް ގެންދަން މެމްބަރު 211 ގައުމުގެ ވޯޓު ބޭނުންވާ އިރު، ފަންޑިންގެ ބިރު ދައްކައިގެން އިންފަންޓީނޯ ދަނީ ވޯޓު ހޯދަން މަސައްކަތް ކުރަމުން ކަމަށް ނޫސްތައް ބުނެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ
ކޮމެންޓް