ފްރާންސް ގައުމީ ޓީމުގެ އާ ކޯޗަކީ ޒައިނުއްދީން ޒިދާންކަން މިއަދު ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
ފްރާންސްގެ ކޯޗުކަމުގައި ޑިޑިއޭ ޑިޝޯމް، 14 އަހަރު ހުރުމަށްފަހު މަގާމު ދޫކޮށްލީ ވޯލްޑް ކަޕަށްފަހުއެވެ. ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗަށްފަހު ޑިޝޯމް މަގާމު ދޫކޮށްލާފައިވާ އިރު، 2012 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ގައުމީ ޓީމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2022 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅުންވެސް ހިމެނެއެވެ.
ޑިޝޯމް މަގާމުން ދުރަށް ޖެހިލަން މަޝްވަރާ ކުރަން ފެށުމާއެކު ޒިދާން ވަނީ މަގާމަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. ކުރިން ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޒިދާން، މިފަހަރު ކޯޗުކަމަށް އެނބުރި އައިސްފައި ވަނީ ފަސް އަހަރާއި ދެ މަސް ދުވަސް ފަހުންނެވެ. ޒިދާން ފްރާންސާ ހަވާލުވުމުގެ ކުރިން އެންމެފަހުން ރެއާލަށް ކޯޗުކަން ކޮށްދިން އިރު، އޭނާ މަގާމު ދޫކޮށްލީ 2021 ވަނަ އަހަރުއެވެ.
"މިދިޔަ ހަތަރު ނޫނީ ފަސް އަހަރު ދުވަހު އަހަރެން އެތައް ފުރުސަތަކަށް ނޫނެކޭ ބުނިން. އެ ހުރިހާ އޮފާއަކަށް އަހަރެން ބުނީ ނޫނެކޭ. އޭރުން ފެށިގެން އަހަރެން ބޭނުންވީ ގައުމީ ޓީމުގެ ކޯޗުކަން،" ޒިދާން ބުންޏެވެ.
ޒިދާން، 54، ބުނީ ބައެއް ބަދަލުތައް ގައުމީ ޓީމަށް އަންނާނެ ކަމަށާއި، ކާމިޔާބު ހޯދާނީ ސީދާ ކޮންކަމެއް ކޮށްގެންކަން ބުނެދޭން އުނދަގޫ ކަމަށެވެ. އަދި ކުރިން ކުޅުނުއިރު ލިބުނު ތަޖުރިބާގެ ބޭނުންކުރާނެ ކަމަށްވެސް ޒިދާން ބުނެފައިވެއެވެ.
ޒިދާނާއި ކުރީގެ ކޯޗު ޑިޝޯމްވެސް ވަނީ ގައުމީ ޓީމާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިފައެވެ. ޒިދާން ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ލިބިފައިވީ ނަމަވެސް، ކޯޗުކަން ކުރުން އެއީ މުޅިން ތަފާތު ކަމެއް ކަމަށެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް
ކޮމެންޓް