ފުޓުބޯޅަ ހާލަތު ގޯސްކޮށް އޮތް އިޓަލީން އަލުން އަނބުރާ ކުރީގެ ފެންވަރަށް ދާން މަސައްކަތް ކުރަމުންދާ ދިޔުމުގެ ތެރެއިން މައްސަލަ ބޮޑު ހަފުތާއެއްހާ ދުވަހަށް ފަހު އާ ކޯޗުކަށް ކުރިންވެސް އެގައުމަށް ކޯޗުކަން ކޮށްދިން ރޮބާޓޯ މަންޗީނީ ހަމަޖައްސައިފިއެވެ.
އިޓަލީން މަންޗީނީ ހަމަޖެއްސުމުގެ ކުރިން، އެގައުމުގެ ކޯޗުކަމަށް ތިން ކޯޗުކު ހޯދަން މަސައްކަތް ކުރިއެވެ. އެއީ އެގައުމަށް އުފަން، މިހާރު ބްރެޒިލްގައި ހުރި ކާލޯ އެންޗެލޮޓީއާއި މެންޗެސްޓާ ސިޓީ ދޫކޮށްލި ޕެޕް ގާޑިއޯލާގެ އިތުރުން ކުރީގެ މިޑްފީލްޑަރު އަންދްރޭއާ ޕިރްލޯއެވެ.
އޭގެ ތެރެއިން ޕިރްލޯއާ މަގާމު ހަވާލުކުރުމާ ގާތަށް ޖެހިލި ނަމަވެސް، އޭނާއަށް ކޯޗުކަން ނުދޭން ނިންމީ ރަޝިއާގެ ބެޓިން ކުންފުންޏަކާ އޮތް ގާތް ގުޅުމަކުން ކަމަށް ނޫސްތައް ބުނެއެވެ.
އިޓަލީ ފުޓުބޯޅައަށް ބަދަލު ގެންނަން ފެޑަރޭޝަންގެ އާ ރައީސް ޖިއޮވާނީ މަލާގޯ ނިންމީ ޓެކްނިކަލް ޑިރެކްޓަރަކަށް ކުރީގެ ތަރި ޕައުލޯ މަލްޑީނީ ހަމަޖައްސައި، އޭނާއަށް ލަފާ ދޭން ލިއެނާޑޯ ހަމަޖައްސައިގެންނެވެ. އެހެން ނަމަވެސް އެ ދެމީހުންވެސް އިއްޔެ މަގާމުން އިސްތިއުފާ ދިނެވެ.
އިޓަލީން މިދިޔަ ތިން ވޯލްޑް ކަޕަށްވެސް ކޮލިފައިވެފައިނުވާ އިރު، އެންމެފަހުން ހުރި ކޯޗު ޖެނަރޯ ގަޓޫސޯ މަގާމު ދޫކޮށްލީ އޭޕްރީލް މަހުއެވެ. އެއީ ޕްލޭ އޮފްގެ ފެއިލިއާއާއެކުގައެވެ. އެހިސާބުން ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރީ 21 އަހަރުން ދަށުގެ ކޯޗު ސިލްވިއޯ ބަލްޑީނީއެވެ.
އިޓަލީން އަލުން ވޯލްޑް ކަޕާ ހަމައަށް ދާން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަންޗީނީއާ މަގާމު ހަވާލުކުރި އިރު، އުމުރުން 61 އަހަރުގެ މަންޗީނީ ވަނީ މީގެ ކުރިން 2018 އިން 2023 އަށް ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ. އޭނާއާއެކު އިޓަލީން ޔޫރޯ 2020 ކާމިޔާބުކުރީ 37 މެޗުން ބަލިނުވެ ރެކޯޑު ހަދައިގެންނެވެ.
އެހެން ނަމަވެސް މަންޗީނީއަށްވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދެވޭ ގޮތެއް ނުވިއެވެ.
މަންޗީނީއަކީ ކުރިންވެސް ކާމިޔާބު ކޯޗެކެވެ. 2012 ވަނަ އަހަރު ސިޓީއަށް ފުރަތަމަ ލީގު ތަށި ހޯދައިދިން މަންޗީނީ ވަނީ އިންޓަ މިލާނާއި ލާޒިއޯއާއެކު ކާމިޔާބީތައް ހޯދައިފައެވެ.
އިޓަލީ ދޫކޮށްލުމަށްފަހު މަންޗީނީ ވަނީ ގަތަރުގެ އަލް ސާދަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ އިިތުރުން ސައުދީ އަރަބިއްޔާ ގައުމީ ޓީމަށްވެސް އޭނާ ކޯޗުކަން ކޮށްދިނެވެ.
މަންޗިނީއަށް ކޯޗުކަން ހަވާލުކުރުމުގެ އިތުރުން އިޓަލީން މިއަދު އިއުލާނުކުރީ އާ ޓެކްނިކަލް ޑިރެކްޓަރަކީ ކުރިން ލެސްޓާ ސިޓީއާއެކު ލީގު ހޯދައިދިން ކްލައުޑިއޯ ރަނިއޭރީ ކަމަށެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް