ދުނިޔޭގެ އެންމެ މޮޅު ދެ ކޯޗުންގެ ތެރޭގައި ހިމެނޭ ޕެޕް ގާޑިއޯލާއާއި ކާލޯ އެންޗެލޮޓީވެސް އިޓަލީގެ ކޯޗުކަމަށް ނޫނެކޭ ބުނެފައިވުމާއެކު އެމަގާމާ ކުރީގެ ކުޅުންތެރިޔާ އަންދްރޭއާ ޕިރްލޯ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ފުޓުބޯޅަ ހާލަތު ގޯސްކޮށް އޮތް އިޓަލީން އަލުން އަނބުރާ ކުރީގެ ފެންވަރަށް ދާން މަސައްކަތް ކުރަމުންދާ އިރު، އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ވަނީ ބަދަލުތަކެއް ގެންނަން ނިންމައިފައެވެ. އެގޮތުން، ފުޓުބޯޅަ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރުކަން ޕައުލޯ މަލްޑިނީއަށް ވަނީ ހަވާލު ކޮށްފައެވެ.

މަލްޑިނީ އާ ކޯޗަކަށް ކުރި މަސައްކަތުގައި ފުރަތަމަ އެންޗެލޮޓީއާއި ގާޑިއޯލާ ހޯދަން މަސައްކަތް ކުރި ނަމަވެސް، އޭގެން ކޯޗަކު ލިބޭނެ ގޮތެއް ނުވިއެވެ.

ހަބަރުތައް ބުނެފައި ވަނީ އުމުރުން 47 އަހަރުގެ ޕިރްލޯ މަގާމާ ހަވާލުވާން ތައްޔާރުވަމުންދާ ކަކަށެވެ. މިވަގުތު ޕިރްލޯ ހުރީ ޔޫއޭއީގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑުބާއީ ޔުނައިޓެޑްގައެވެ.

ކުރިން އިޓަލީ ގައުމީ ޓީމަށް ކުޅުނު ޕިރްލޯއަކީ އެގައުމު ތާރީހު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ކުޅުން ހުއްޓާލުމަށްފަހު ޕިރްލޯ ވަނީ އެއް ސީޒަނަށް ޔުވެންޓަސްއަށް ކޯޗުކަން ކޮށްދީފައެވެ. އެ ކްލަބާއެކު އޭނާ ވަނީ ކޮޕާ އިޓާލިއާއާއި އިޓަލިއަން ސުޕަ ކަޕްވެސް ހޯދައިފައެވެ.