ވިލިމާލޭގައި ތަރައްގީ ކުރި ސިފައިންގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ހުޅުވައިފިއެވެ.
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި ރަސްމިއްޔާތުގެ މައިދާނުން، ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހާއްސަ ދުއާއެއް ކުރުން އޮތެވެ. އެމްއާރްސީސީގެ އާ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެމްއާރްސީސީގެ އާ އިމާރާތް ހުންނަ ސަރަހައްދުގައި ގަހެއް އިންދަވައިދެއްވައިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ސާޗްއެންޑް ރެސްކިއު އޮޕަރޭޝަންސްތައް އެއް ފުރާޅެއްގެ ދަށުން އެ ހިދުމަތް ހަރުދަނާ ކުރުމަށްޓަކައި އެމްއާރުސީސީގެ އާ އިމާރާތަކީ 2022 ޖޫން 23 ގައި ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން ބިންގާ އެޅި އިމާރާތެކެވެ.
އެމްއާރުސީސީ އިމާރާތް ހުޅުވުމާއެކު މެރިޓައިމްސްގެ ދާއިރާގައާއި ހާއްސަކޮށް ކަނޑުމަތީގެ ހާދިސާތަކަށް އެހީއަކަށް ވާނެއެވެ. އެ އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްއަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ތަމްރީނުތައް ކުރިޔަށްގެންދިއުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމްއެއް ވަނީ ގާއިމްކޮށްފައެވެ.
އޭގެތެރޭގައި ދިފާއީ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމާއި ކޯސްޓުގާޑަށް ވަންނަ ޒުވާނުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މެރިން ދާއިރާއިން އިތުރު ތަމްރީނުތައް ހޯދުން ހިމެނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އެމްއާރުސީސީގެ ހިދުމަތް ފެށުނީ 2006 ވަނަ އަހަރުގެ ޖަނަވަރީ މަހު "ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް"، ޖީއެމްޑީއެސްއެސްގެ ނަމުގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އެއް ފުރާޅެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް 27 ޖުލައި 2012 ގައި، އެ މަރުކަޒުގެ ނަން "މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު"ގެ ނަމަށް ބަދަލުކުރިއެވެ.
އެމްއެންޑީއެފުން މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކުރި ރިޕޯޓުގައި ބުނީ މިދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 3،713 ހާދިސާއެއް އެމްއާރްސީސީއަށް ވަނީ ރިޕޯޓްކޮށްފައެވެ. އެ ހާދިސާތަކުގައި 8،359 ރައްޔިތުންގެ ފުރާނަ އާއި އުޅަނދުފަހަރާއި މުދާ ސަލާމަތް ކުރުމަށް އެ ހިދުމަތުގެ އޭރިއާ ކޮމާންޑުތަކާއި އެމްއާރުސީސީ ގުޅިގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް