ރައީސް ޑރ. މުއިއްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
އެ ގަސްތައް ރާއްޖެއާ ހަވާލުކުރުމަށްޓަކައި މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަންގްލަދޭޝްގެ ފަރާތުން ގަސްތައް ހަވާލުކޮށްދެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަހްމާންއެވެ. ރާއްޖޭގެ ފަރާތުން އެ ގަސްތަކާ ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި އެންވަޔަރުމެންޓް ވަޒީރު އަލީ ޝަރީފްއެވެ.
ރަސްމިއްޔާތުގެ ތެރެއިން ތިން ވަޒީރުންވެސް ވަނީ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބަންގްލަދޭޝްއިން އެފަދަ އެހީއެއް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދައި، ރާއްޖޭގެ ތިމާވެށި ފެހިކުރުންކަމަށް ޝަރީފު ވިދާޅުވިއެވެ.
އިރުތިޝާމް ވިދާޅުވީ، މިއީ ރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގައި ބަންގްލަދޭޝްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނެކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
ހަލީލުއްރަހްމާން ވިދާޅުވީ ތިމާވެށީގެ ނާޒުކު ދެ ގައުމުގެ ގޮތުގައި ރާއްޖެއާއި ބަންގްލަދޭޝްއިން އަންނަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަމުންން ކަމަށެެވެ. އަދި އެކުވެރި ގައުމުތަކަށް ގަސް ހަދިޔާކުރުމަކީ ބަންގްލަދޭޝްގެ ސަގާފީ އާދަކާދައެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިފަހަރު ބަންގްލަދޭޝްއިން ހަދިޔާކުރި 20،000 ގަހަކީ މިހާތަނަށް ބޭރުގެ ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ.
މީގެ ކުރިން އެންމެ ގިނައިން ގަސް ހަދިޔާކޮށްފައިވަނީ ސްްރީ ލަންކާއިންނެވެ. އެއީ 1،000 ގަހެވެ.
މުހައްމަދު އިޝާން
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ކޮމެންޓް