ފަރަންސޭސިވިލާތާއި ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ ނުރައްކާތެރި އަލިފާނުގެ ސަބަބުން 300،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާތައް އެންމެ ބޮޑަށް ފެތުރެމުންދަނީ ފަރަންސޭސިވިލާތުގެ ހުޅަނގުދެކުނުގައި އޮންނަ ބޯޑޯ ސަރަހައްދާއި ސްޕެއިންގެ ވެރިރަށް މެޑްރިޑް އަދި ވެލެންސިއާ ކައިރީގައެވެ.

ފަރަންސޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ގައުމުން އެކަނިވެސް 197،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ހިމެނޭއިރު، ބައެއް މީހުން ސަލާމަތްކޮށްފައިވަނީ ކަނޑުމަގުން ބޯޓުފަހަރުގައެވެ. އަދި ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ މެދުތެރޭގެ ސަރަހައްދުތަކުން 70،000 މީހުން ވަނީ ހުސްކޮށްފައެވެ. މިއީ ސްޕެއިންގެ ތާރީހުގައިވެސް ޖަންގަލީގެ އަލިފާނަކާ ގުޅިގެން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފުރަތަމަ ފަހަރު ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ފަރަންސޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވި ގޮތުގައި، މިއީ އެ ގައުމުން މީގެ ކުރިން ދެކެފައިނުވާ ފަދަ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި 1،500 ސިފައިންނާއި އަސްކަރީ މަތިންދާބޯޓު ބޭނުންކުރަމުން އަންނަަކަމަށް އޭނާ ވިދާޅުވިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވި ގޮތުގައި، މެޑްރިޑް ކައިރީގެ ހާލަތު އަދިވެސް އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ.

މޫސުމާބެހޭ މާހިރުން ފާހަގަކުރި ގޮތުގައި، މި އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ ފެތުރެމުންދަނީ އާދަޔާހިލާފަށް ހޫނުމިން މައްޗަށް ދިއުމާއި ގަދަ ވަޔާއެކު މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުންނެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ މި ކާރިސާއިން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން 14 ގައުމަކުން 777 ފަޔަރފައިޓަރުންގެ ޓީމެއް ފޮނުވައިފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، ސްޕެއިންގެ ވެލެންސިއާ ސަރަހައްދުން އުމުރުން 78 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.