ވަޓްސްއެޕްގެ އައިއޯއެސް އެޕްލިކޭޝަނަށް ގެނައި އެންމެ ފަހުގެ އަޕްޑޭޓާއެކު، މެސެޖު ބަބްލްތަކުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ޑަބްލިއުއޭބީޓާއިންފޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު މެސެޖު ބަބްލްތަކުގެ ކަންތައް ކުރިއަށްވުރެ ވަށްކޮށް ފެންނަން ހުންނާނެއެވެ. ފޮޓޯ އާއި ވީޑިއޯ ފަދަ މީޑިއާ ފައިލްތައް ފޮނުވާއިރު، ކުރިން ފެންނަ ބޯޑަރު ނުވަތަ ފްރޭމް މިހާރު ނުފެންނާނެއެވެ.

މި އަޕްޑޭޓް މިހާރު ލިބެމުންދަނީ ޓެސްޓްފްލައިޓް މެދުވެރިކޮށް ބީޓާ ވާޝަން 26.29.10.70 ބޭނުންކުރާ ފަރާތްތަކަށާއި، އެޕް ސްޓޯރުން ލިބެން ހުރި އެންމެ ފަހުގެ ސްޓޭބަލް ވާޝަން ބޭނުންކުރާ ބައެއް ޔޫޒަރުންނަށެވެ. ވަޓްސްއެޕުން މި ބަދަލު ގެނެސްފައިވަނީ، އެޕްލިކޭޝަންގެ އިންޓަފޭސް އިތުރަށް ޒަމާނީކޮށް، އެޕަލްގެ ލިކުއިޑް ގްލާސް ޑިޒައިން ލޭންގުއޭޖާ ގުޅޭގޮތަށް އެޕްލިކޭޝަން ބައްޓަންކުރުމުގެ މަގުސަދުގައެވެ.

މި ބަދަލާ ގުޅޭގޮތުން ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، މިއީ ޔޫޒަރުންނަށް މެސެޖުތައް ކިޔަން ފަސޭހަވާނެ އަދި ލޮލަށް ފަސޭހަ ޑިޒައިނެއް ކަމަށެވެ. ހާއްސަކޮށް މީޑިއާ ފައިލްތަކުގެ ބޯޑަރު އުނިކުރުމުން، ޗެޓް ސްކްރީން ކުރިއަށްވުރެ ސާފުކޮށް ފެންނާން ހުންނާނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން، އާ ޑިޒައިން އައިމެސެޖްގެ ބަބްލްތަކާ ވައްތަރު ގޮތެއް ހުންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ. މިއީ އެޕަލްގެ އަމިއްލަ އެޕްލިކޭޝަންތަކާ އެއްގޮތް ކުރުމަށް ވަޓްސްއެޕުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި އަޕްޑޭޓުގައި ހިމެނޭ މައިގަނޑު ބަދަލުތަކަކީ:

  • މެސެޖު ބަބްލްތަކުގެ ކަންތައް ވަށްކުރުން
  • މީޑިއާ ފައިލްތަކުގެ ބޯޑަރު އުނިކުރުން
  • ލިކުއިޑް ގްލާސް ޑިޒައިނާ އެއްގޮތަށް އިންޓަފޭސް ބަދަލުކުރުން

މި ބަދަލުތަކުގެ ސަބަބުން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ލިބޭ ތަޖުރިބާ ރަނގަޅުވެ، މެސެޖުތައް ކިޔުމަށް ފަސޭހަވެގެންދާނެ ކަމަށް މާހިރުން ވިދާޅުވެއެވެ. މި ބަދަލުތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާންމު ހުރިހާ އައިއޯއެސް ޔޫޒަރުންނަށް ލިބެން ފަށާނެ ކަމަށް ޑަބްލިއުއޭބީޓާއިންފޯއިން ބުނެފައިވެއެވެ.