އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (މެއިޓީ) އިން، ވަޓްސްއެޕްގައި އަލަށް ތައާރަފުކުރަން ތައްޔާރުވަމުން އަންނަ 'ޔޫޒަރނޭމް' ފީޗަރ އިންޑިއާގައި ބޭނުންކުރުން މަޑުޖައްސަން އަންގައި، އެޕްލިކޭޝަންގެ ބެލެނިވެރި ކުންފުނި މެޓާއަށް ރަސްމީ ނޯޓިހެއް ފޮނުވައިފިއެވެ.

މި ނޯޓިހުގައި އަންގާފައިވަނީ، މި ފީޗާއާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތައް ނިމެންދެން މިއަށް އަމަލުކުރުން ފަސްކުރުމަށެވެ. އަދި މި ފީޗާ މަސައްކަތްކުރާ ގޮތާއި، މީގެ ސަބަބުން ނުކުމެދާނެ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ތަފުސީލީ ރިޕޯޓެއް ތިން ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް މެޓާއަށް ވަނީ އަންގައިފައެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކޮށްގެން މުއާމަލާތްކުރެވޭ ގޮތް ހެދުމުން، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމާއި، ފިޝިން އަދި ޑިޖިޓަލް އެރެސްޓް ސްކޭމް ފަދަ ކުށްތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން، ކުށްކުރާ ފަރާތްތައް ދެނެގަތުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ހާއްސަކޮށް، އިންޑިއާގެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް އިން ވަނީ، މެސެޖިން އެޕްލިކޭޝަންތައް ސިމް ކާޑާ ގުޅުވާފައި ބެހެއްޓުމަށް އަންގާފައިވާ އެންގުމާ މި ފީޗާ ފުށުއަރާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މި ފީޗާ އަދި ރަސްމީކޮށް ތައާރަފުކޮށްފައި ނުވާއިރު، މިއީ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރުމަށް ގެނެވޭ ބަދަލެކެވެ. މަޝްހޫރު ފަރާތްތަކާއި ސަރުކާރު އިދާރާތަކުގެ ނަންތައް ނަކަލު ނުކުރެވޭނެ ގޮތަށް ސަލާމަތީ ފިޔަވަޅުތައް ގާއިމުކޮށްފައިވާނެ ކަމަށާއި، އާ އެކައުންޓުތަކުން މެސެޖުކުރާ މިންވަރު ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ވެސް އެކުލަވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މެޓާއިން ހުށަހަޅާ ތަފުސީލުތަކަށް ބިނާކޮށް، އިންޑިއާގެ އައިޓީ ގާނޫނުތަކާ މި ފީޗާ ފުށުއަރާތޯ ބެލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން މިހާރު އަންނަނީ ކުރަމުން ކަމަށް ހަބަރުތައް ބުނެއެވެ.