މެޓާ ކުންފުނީގެ މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕްގެ ގިނަ އަދަދެއްގެ އެކައުންޓުތަކެއް އިންޑިއާގައި އެއްވެސް އިންޒާރަކާ ނުލައި 24 ގަޑިއިރަށް ބްލޮކްކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިމާވާން ފެށީ އިންޑިއާ ގަޑިން ރޭ 8:00 ހާއިރުއެވެ.
އެކައުންޓުތައް ބްލޮކްވި މީހުންނަށް ވަޓްސްއެޕް ހުޅުވުމުން ފެންނަން ހުރީ އެކައުންޓު ރިވިއުކުރަމުންދާ ކަމަށާއި، އެޕްލިކޭޝަންގެ ގަވާއިދުތަކާ ހިލާފުވެފައިވޭތޯ ބެލުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް އަންގާނެ ކަމަށް ބުނާ މެސެޖެކެވެ. މިއާއެކު، އެޕްލިކޭޝަންގެ މެސެޖުކުރުމާއި ގުޅުމުގެ އެއްވެސް ހިދުމަތެއް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ބަންދުވެފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، އެއްވެސް ސަބަބެއް ނެތި ކުއްލިއަކަށް އެކައުންޓުތައް ބްލޮކްވުމުގެ ސަބަބުން މުއާސަލާތުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި ބައެއް މީހުން ވަނީ އެކައުންޓު އަނބުރާ ހޯދުމަށް އެޕީލްކޮށްފައިވާ ކަމަށްވެސް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ވަޓްސްއެޕްގެ ތަރުޖަމާނަކު ބުނެފައިވާގޮތުގައި، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އެޕްލިކޭޝަން ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން ހުއްޓުވައި، އާންމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށެވެ. ނަމަވެސް، ބައެއް ފަހަރު އޮޓޮމެޓިކް ސިސްޓަމްތަކަށް އޮޅިގެން އެކައުންޓުތައް ބްލޮކްކުރެވޭ ކަމަށާއި، އެފަދަ ހާލަތްތަކުގައި ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށްދީ، މީހުންނަށް އަލުން އެޕްލިކޭޝަން ބޭނުން ކުރެވޭނެ ގޮތް ހަދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް
ކޮމެންޓް