ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މެސެޖިން އެޕްލިކޭޝަން، ވަޓްސްއެޕްގައި ފޯނު ނަންބަރު ހާމަނުކޮށް މުއާމަލާތް ކުރެވޭނެ ގޮތަށް "ޔޫޒަނޭމް" ފީޗާއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މެޓާ ކުންފުނިން ހިންގާ ވަޓްސްއެޕުން އިއްޔެ ވަނީ ޔޫޒަނޭމް ރިޒާވްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި މި ފީޗާ އެއްކޮށް ބޭނުންކުރަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ބަދަލާއެކު، އާ މީހަކާ ވަޓްސްއެޕުން ގުޅުމަށް ފޯނު ނަންބަރު ދިނުމުގެ ބަދަލުގައި ދޭން ޖެހޭނީ ޔޫޒަނޭމް އެވެ.
މެޓާއިން ބުނި ގޮތުގައި މިއީ މުޅިން އިހުތިޔާރީ ފީޗާއެކެވެ. މިއީ ޕްރައިވެސީ ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވަޓްސްއެޕްގެ ހެޑް އޮފް ޕްރޮޑަކްޓް އެލިސް ނިއުޓަން-ރެކްސް ވިދާޅުވިއެވެ.
ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގިނަވެގެން 35 އަކުރު ހިމެނޭ ޔޫޒަނޭމްގެ އިތުރުން ހަތަރު އަކުރުގެ "ޕިން" އެއް ނުވަތަ ކީއެއް ސެޓުކުރުމުގެ އިހުތިޔާރުވެސް ލިބޭނެއެވެ. އެހެންކަމުން، އާ މީހަކު ފުރަތަމަ ފަހަރަށް މެސެޖުކުރާއިރު އެ ޕިން ޖަހަން މަޖުބޫރުވާނެއެވެ.
ނަމަވެސް، ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން ވަނީ މި ފީޗާއާ ގުޅޭ ބައެއް ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ.
އެގޮތުން، އެހެން މީހުންގެ ނަމުގައި އެކައުންޓު ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަން ހައްލުކުރުމަށްޓަކައި، މަޝްހޫރު ފަރާތްތަކާއި ސަރުކާރުގެ އިސްވެރިންގެ ނަންތައް އާންމުންނަށް ބޭނުން ނުކުރެވޭނެ ގޮތަށް ވަޓްސްއެޕުން ވަނީ ފިޔަވަޅު އަޅައިފައެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ކެރީސާ ވެލިޒް ފާހަގަކުރެއްވި ގޮތުގައި، ޔޫޒަނޭމް ތައާރަފުކުރުމަކީ ރަނގަޅު ފިޔަވަޅެއް ނަމަވެސް، މެޓާއިން އިޝްތިހާރުކުރުމަށްޓަކައި ޔޫޒަރުންގެ ގިނަ މައުލޫމާތުތަކެއް އެއްކުރާކަން ހަނދާންކުރަން ޖެހެއެވެ.
މި ފީޗާ ތައާރަފުކުރި ނަމަވެސް، މިހާރު ފޯނުގައި ސޭވްކޮށްފައިވާ ކޮންޓެކްޓް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ވަޓްސްއެޕް އެކައުންޓެއް ހެދުމަށް އަދިވެސް ފޯނު ނަންބަރު ބޭނުންވާނެއެވެ. ވަޓްސްއެޕުން މިހާރު އަންނަނީ އެޕްލިކޭޝަންގެ އެންމެ ފަހުގެ ވާޝަން މެދުވެރިކޮށް ޔޫޒަނޭމް ރިޒާވްކުރުމުގެ ފުރުސަތު ގައުމުތަކަށް ތައާރަފުކުރަމުންނެވެ.
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް
ވަޓްސްއެޕް
ކޮމެންޓް