ސްރީ ލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ގައުމުގައި އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު އެ ގައުމުގެ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

އެ ދެ މީހުން އަތުން ޖުމްލަ އެއް ކިލޯއަށްވުރެ ގިނަ "އައިސް" (ކްރިސްޓަލް މެތް) ވަނީ ފެނިފައެވެ. މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ހަސަން އަބްދުﷲ، ނ. ލަންދޫ، ނިރު، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެއިން ލަންކާއަށް ދިޔަ މަގުމަތީގައި، ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލަންކާ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، ހަސަން އަބްދުﷲ ހައްޔަރުކުރި އިރު އޭނާ ހުރީ 602 ގްރާމްގެ އައިސް ހަށިގަނޑުގައި ބަނދެގެން ފޮރުވައިގެންނެވެ.

ހަސަން އަބްދުﷲ ފުލުހުންނަށް ކިޔައިދިން ގޮތުގައި، އޭނާ އެތަކެތި އެތެރެކުރީ ލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކާ ހަވާލުކުރުމަށެވެ. އެ މައުލޫމާތުގެ އަލީގައި ފުލުހުން ވަނީ ކޮލޮމްބޯގެ ހޮޓަލެއް ބަލައި ފާސްކޮށް، އުމުރުން 28 އަހަރުގެ މުހައްމަދު ޝާފީ ބިން އަހުމަދު، ހ. ޕަލްމެއިރާ ހައްޔަރުކޮށްފައެވެ.

ޝާފީ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު، އެ ތަނުން ވެސް 607 ގްރާމްގެ އައިސް ފެނިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އެ ދެ މީހުން ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި 14 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.