އަންހެނެއްކަަމަށް ދައްކައި، މީހެއްގެ ބަރަަނާ ފޮޓޯ ހޯދައިގެން ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލަ އަލުން ބެލޭނެކަަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2021 ވަނަ އަހަރުގެ ތެރޭގައި ސްނެޕްޗެޓް މެދުވެރިކޮށް "ކޭ ކަމާލް" ނަމަކަށް ކިޔާ ޔޫސާ ނޭމެއް ބޭނުންކޮށްގެން، އަންހެނަކަށް ހެދިގެން ހަގީގަތް އޮޅުވާލައި، ސ. ފޭދޫ ލިލީގަސްދޮށުގޭ މުހައްމަދު ފަވާޒު ލުތުފީ މީހަކާ ޗެޓްކޮށް އެ މީހާގެ ބަރަހަނާ ފޮޓޯ ފޮނުވުމަށް އެދުމުން އެމީހާ ފޮނުވި، އޭނާގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފައިސާ ހޯދާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ބްލެކް މެއިލް ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލައިގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް މިދިޔަ އޭޕްރީލް މަހު ކުރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ ކޯޓުން ވެސް ނިންމީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރައުޔު ތަފާތުވުންތަކެއް ހުރި ނަމަވެސް، މެޖޯރިޓީ ރައުޔަކީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައިފައެވެ. ނަމަވެސް ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ ނިންމުމާއެކު ދައުލަތުން އެ މައްސަލަ އެންމެ ފަހުން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރެއްވީ، ފަވާޒު ލުތުފީގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން އެނާގެ މައްޗަށްކުރި ބްލެކްމެއިލްކުރުމުގެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފި ނަމަ، މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ހުކުމް ކުރެއްވިއެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ކޮމެންޓް