ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ބުނެ ހޫތީން ފަތުރަމުންދާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ސައުދީން އެކަމާ ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ޔަމަނުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށާއި، އެ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން އދ. އާއި ޔަމަނުގެ ގާނޫނީ ސަރުކާރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަންނަކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ޔަމަނުގެ ތަރައްގީއަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީން އަދާކުރާ މުހިންމު ދައުރުވެސް ފޮރިން މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާއާއެކު އޮތް ގާތް އަދި އުހުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމަށެވެ.

ޔަމަނުގެ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސައުދީއާއެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީންވަނީ ދީފައެވެ.