ކ. ތިލަފުށީގައި ހުންނަ ކުނި މެނޭޖްކުރާ މައި މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، މާލެ ސަރަހައްދުގެ ބައެއް ރަށްރަށުން ކުނި ބަލައިގަންނަ މިންވަރު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަދުކޮށްފިއެވެ.
ވެމްކޯއިން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 10:20 ހާއިރު ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު 8:00 ޖަހާކަށް ހާއިރު ކަމަށެވެ. އެ ހާދިސާގައި އެ ސައިޓުގެ ބައެއް ސަރަހައްދުތަކަށް ގެއްލުންވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ތަންތަން މިހާރު ވަނީ ބަންދުކޮށްފައިކަމަށް ވެމްކޯއިން ހުންޏެވެ.
އެ ބަދަލާއެކު، ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ޓްރާންސްފާ ފެސިލިޓީތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހިފައިވާކަމަށް ވެމްކޯއިން ބުންޏެވެ. ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން، ދުވަހުން ދުވަހަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްކަމަށް ވެމްކޯއިން ބުންޏެވެ.
މި ހާލަތާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭކަމަށް ވެމްކޯއިން ބުންޏެވެ.
މުހައްމަދު އިޝާން
ވެމްކޯ
ވެމްކޯ
ކޮމެންޓް