ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުވެ، ރާއްޖޭގެ ދަތުރުފަތުރުގެ އިންފްލޭޝަން މިދިޔަ މެއި މަހު 9.3 ޕަސެންޓަށް އުފުލިއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 1.1 ޕަސެންޓް އިތުރުވެފައެވެ. އޭޕްރީލް މަހު މި ނިސްބަތް 8.2 ޕަސެންޓުގައި ހުރި އިރު، މާޗު މަހު ހުރީ ހަ ޕަސެންޓުގައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ތިން މަހުވެސް ވަނީ ދަތުރުފަތުރުގެ އަގުތައް އުފުލިފައެވެ.

ދަތުރުފަތުރުގެ ދާއިރާގެ އަގުތައް ކުއްލިއަކަށް އުފުލުމުގެ އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވައިގެ ދަތުރުފަތުރުގެ ހަރަދުތައް ބޮޑުވެ، ފްލައިޓްތަކުގެ ޓިކެޓުގެ އަގުތައް ވަނީ 5.6 ޕަސެންޓަށް އުފުލިފައެވެ. މި ނުތަނަވަސްކަމުގެ އަސަރު މުޅި ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ފޯރައިފައެވެ.

މިދިޔަ އަހަރުގެ މޭ މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ 0.6 ޕަސެންޓުގައެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 1500 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަތުރުފަތުރުގެ އަގުތައް އައީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އަގުތައް 0.7 ޕަސެންޓަށް ވެއްޓިފައިވާ އިރު، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް 1.3 ޕަސެންޓަށް އަގުތައް ދަށްވިއެވެ. މިއީ 2022 ވަނަ އަހަރު ދަތުރުފަތުރުގެ އަގުތައް ހަ ޕަސެންޓަށް އުފުލުނު ފަހުން، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް މި ދާއިރާގެ އަގުތައް މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.