މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގުތިސޯދު 4.0 ޕަސެންޓު ކުރިއަށް ޖެހިފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންބީއެސްއިން މިއަދު އާންމުކުރި "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތު" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ އަގު ހުރީ 8،512 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު 330 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރިޕޯޓްގައިވާ ގޮތުން މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރިއަލް އެސްޓޭޓް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވުމެވެ. އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖޭގެ އިގުތިސާދަށް ލިބުނު ކުރިއެރުމުގެ އެންމެ ބޮޑު އެއް ހިއްސާއެއް ކުރަނީ ރިއަލް އެސްޓޭޓް ދާއިރާއިންނެވެ.

އެ ދާއިރާއިން އިގުތިސޯދީ ކުރިއެރުމަށް 0.9 ޕަސެންޓުގެ ހިއްސާއެއް ކޮށްފައިވާ އިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރެ ކޮންމެ ދާއިރާއަކުން 0.8 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.

މީގެ އިތުރުން ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކުގެ ދާއިރާއިން ވަނީ 0.6 ޕަސެންޓް ޕޮއިންޓް އިތުރުވެފައެވެ.

ނަމަވެސް މި އަހަރުގެ އޮގަސްޓު މަހާ އަޅައި ބަލާއިރު ސެޕްޓެމްބަރު މަހު އިގްތިސޯދީ އުފެއްދުންތެރިކަން ވަނީ 11.6 ޕަސެންޓު ނުވަތަ 1،120 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ.

ސެޕްޓެމްބަރު މަހުގެ އިގުތިސޯދީ ހަރަކާތްތަކުގެ އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދިން ފަތުރުވެރިކަމުގެ ދާއިރާއިން 18.5 ޕަސެންޓް ޕޮއިންޓް ލިބިފައިވާ އިރު، މިއީ މަހުން މަހަށް ބަލާއިރު 29.5 އިންސައްތަ ދަށް އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހިނގަމުންދާ ހަނގުރާމަ އެވެ. މި ހަމަނުޖެހުން ނިމުމުން ޓޫރިޒަމް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާ ކުރެއެވެ.

އަހަރުން އަހަރަށް ބަލާއިރު އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް 16.6 ޕަސެންޓް ކުރިއަރައި 457 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި 8.8 ޕަސެންޓް ކުރިއަރައި 815 މިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އެތެރެކުރި (އިމްޕޯޓް) މުދަލުގެ މިންވަރު އިތުރުވުން ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ދަތުރުފަތުރާއި މުއާސަލާތީ ދާއިރާއަށް ވެސް 0.6 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ އިރު، މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރެއިން އޭޕްރީލް މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ކުރީ އަހަރަށް ވުރެ އިގުތިސޯދީ ކުރިއެރުން ލިބުނު މިންވަރު މައްޗެވެ.

ސްޓެޓިސްޓިކްސްގެ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުން ސެޕްޓެމްބަރަށް ޖުމްލަ އަދަދު ހުރީ 81.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 2.5 ޕަސެންޓްގެ ކުރިއެރުމެކެވެ.