މާލީ ދާއިރާ އާއި ވިޔަފާރީގެ ހަރަކާތްތަކަށް އައި ހެޔޮ ބަދަލުތަކާއެކު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 2.4 ޕަސެންޓު ކުރިއަރައިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ ނެރުނު "މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް" (އެމްއައިއީޖީ) ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގެ އަގު ވަނީ 9.64 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑުކުރެވުނު 9.41 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ އޭގެ ކުރީ ޖުލައި މަހާ އަޅާބަލާއިރު ވެސް 5.4 ޕަސެންޓުގެ ރަނގަޅު ކުރިއެރުމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިގްތިސޯދީ އެ ކުރިއެރުންތައް ލިބުނީ މާލީ ހިދުމަތްތަކުގެ ދާއިރާއަށް ލިބުނު ކުރިއެރުމުންކަމަށް ރިޕޯޓުގައި ބުންޏެވެ. އިންޝުއަރެންސް އާއި މާލީ އެކި މުއާމަލާތްތައް އިތުރުވުމާ ގުޅިގެން އެ ދާއިރާ ވަނީ 21.9 ޕަސެންޓުން އުފުލި، 748 މިލިއަން ރުފިޔާގެ އުފެއްދުންތެރިކަމެއް ހާސިލުކޮށްފައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އިމާރާތްކުރުމުގެ ދާއިރާއިން 10.4 ޕަސެންޓުގެ ކުރިއެރުމަކާ އެކު 487 މިލިއަން ރުފިޔާ ހޯދި އިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވަނީ 8.1 ޕަސެންޓު ކުރިއަރައި 864 މިލިއަން ރުފިޔާއަށް ޖެހިލައިފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން ފަތުރުވެރިކަމާއި ކާބޯތަކެތީގެ ހިދުމަތްތައް ހިމެނޭ "ހޮސްޕިޓާލިޓީ އަދި ފުޑް ސާވިސަސް" ދާއިރާއަކީ މުޅި އިގްތިސޯދުގެ 23.1 ޕަސެންޓެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާއެކު، އެ ދާއިރާއިން 2.23 ބިލިއަން ރުފިޔާ އުފައްދާފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓާ އަޅާބަލާއިރު 0.7 ޕަސެންޓުގެ އިތުރުވުމެއް ނަމަވެސް، ޖުލައި މަހާ އަޅާބަލާއިރު 10.6 ޕަސެންޓުގެ ފާހަގަކޮށްލެވޭ ކުރިއެރުމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން ވެސް ވަނީ އިގްތިސޯދުގެ 11.7 ޕަސެންޓު ހިއްސާކޮށްފައިކަމަށް ރިޕޯޓުގައި ބުންޏެވެ. އެގޮތުން، އޮގަސްޓް މަހުގެ ޖުމްލަ އިގްތިސޯދީ އުފެއްދުންތެރިކަން ވަނީ 10.06 ބިލިއަން ރުފިޔާއަށް އަރައިފައިކަމަށް ރިޕޯޓުގައި ބުންޏެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހަށް ފަހު އިގްތިސޯދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި އޮގަސްޓް 2024 ގައި ރެކޯޑުކުރި 8.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 11.4 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް
ކޮމެންޓް