އާޖެންޓީނާއަކީ ފާޑެއްގެ ނުރައްކަލެއް ކުރިމަތިކުރުވާ ޓީމެއް ކަމަށާއި އެޓީމު ފަސޭހަކޮށް ނަގައިފިނަމަ ސްޕެއިނަށް ލަނޑު ލިބޭނެ ކަމަށް 2010 ވަނަ އަހަރު ގައުމީ ޓީމާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ކޯޗު، ވިސެންޓޭ ޑެލް ބޮސްކޭ ބުނެފިއެވެ.

ސްޕެއިންގެ ތާރީހުގައި މިހާތަނަށް ހޯދި ހަމައެކަނި ދުނިޔޭގެ ތަށި ހޯދައިދިން ކޯޗަކީ ޑެލް ބޮސްކޭއެވެ. އޭނާއާއެކު 2010 ވަނަ އަހަރު ސްޕެއިން ތަށި ހޯދީ ފައިނަލުގައި ނެދަލޭންޑްސް ކައިރިން 1-0 އިން މޮޅުވެގެންނެވެ. އެފަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް ސްޕެއިނުން ކާމިޔާބުކުރީ އިތުރު ވަގުތު ޖެހި ގޯލުންނެވެ. މިއީ އެއަށްފަހު ސްޕެއިނުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ފައިނަލެވެ.

"އާޖެންޓީނާއަކީ ހީކުރާ ވަރަށްވުރެވެސް އުނދަގޫ ޓީމެއް. ފާޑަކަށް ނުރައްކާ ކުރާ ޓީމެއް. ދަނޑުމަތީގައި ގެއްލޭނެ އެއްޗެއް ނެތް ގޮތަކަށް ކުޅޭ ޓީމެއް. އަދި ކުރަން ޖެހޭ ކަންކަން އެނގިގެން މެޗުތައް ނަގާ ޓީމެއް. އަހަންނަށް ފެންނަނީ ސަޕެއިން މޮޅުވާނެ ފައިނަލެއް. އެކަމަކު އާޖެންޓީނާ ފަސޭހަ ކޮށްލައިގެން ނުވާނެ. އެޓީމުގައި ތަޖުރިބާ އެބަހުރި،" ސްޕެއިންގައި މިހާރު އޮތް ޓީމުގެ ކުޅުމަށް ތައުރީފުކުރަމުން އުމުރުން 75 އަހަރުގެ ކޯޗު ޑެލް ބޮސްކޭ ބުންޏެވެ.

ޑެލް ބޮސްކޭ ބުނީ މިހާތަނަށް ސްޕެއިންގެ ފަރާތުން ފެނުނީ ސްޕެއިންގެ ރަސްމީ ކުޅުމެއް ކަމަށާއި، މެޗުތައް ކޮންޓްރޯލްކޮށް، ފުރިހަމަ ކޮންފިޑެންސާއެކު ޓީމު ކުޅުނު ކަމަށެވެ.

ސްޕެއިނުން އެންމެފަހުން ވޯލްޑް ކަޕް ހޯދިއިރު، ނެދަލޭންޑްސް ކޮޅަށް ފައިނަލުގައި ގޯލް ޖެހި އަންދްރޭސް އިނިއެސްޓާވެސް ބުނީ ޒުވާން ޖީލުން ތަށި ނަގާނެ ކަމަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު ބާސެލޯނާގައި ގިނަ ދުވަސްތަކެއް ހޭދަކުރި އިނިއެސްޓާ ބުނީ، ސްޕެއިނުން އަދިވެސް މެސީއަށް ވިސްނަން ޖެހޭނެ ކަމަށާއި، މެސީ އަދިވެސް އެހުރީ އެންމެ ޒުވާންއިރު ކުޅެމުންދާ ރޯލުގައި ކަމަށެވެ.