އެމެރިކާގެ ކުޅިވަރު ސަގާފަތުގައި ހިމެނޭ ޗެމްޕިއަންޝިޕް ރިންގް، ޗެމްޕިއަން ޓީމުތަކަށް ދޭ އުސޫލުން މިފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށްވެސް ޓްރޮފީއާއި މެޑަލްގެ އިތުރުން ޗެމްޕިއަންޝިޕް ރިންގް ދޭން ފީފާއިން ނިންމައިފިއެވެ.

ފީފާއިން ބުނެފައި ވަނީ އާޖެންޓީނާއާއި ސްޕެއިން ވާދަކުރާ ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ޖުމުލަ 30 އަނގޮޓި ދޭނެ ކަމަށެވެ. އޭގެ ތެރެއިން ފައިނަލް މެޗަށްފަހު ވަގުތުން އަނގޮޓި ދޭނީ ކެޕްޓަނާއި ކޯޗަށެވެ. އެހެންނަމަވެސް އެއީ ވަގުތީ އަނގޮޓިއަށެވެ. އޭގެ އަސްލު އަނގޮޓިތައް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ފީފާއިން ދޭނީ އެޓީމަކަށް ހާއްސަކޮށް ކަސްޓަމައިޒް ކޮށްފައެވެ.

ފީފާއިން ބުނީ އަނގޮޓީގެ ޑިޒައިންގެ އެއް ފަޅީގައި ވޯލްޑް ކަޕްގެ ޓްރޮފީ ޖަހާފައިވާ އިރު، އަނެއް ފަޅީގައި ޓީމުގެ ލޯގޯ ޖަހަން ނިންމާފައިވާ ކަމަށެވެ.

ޓީމުތަކަށް ދިނުމުގެ އިތުރުން ޗެމްޕިއަންޝިޕް އަނގޮޓީގެ ލިމިޓެޑް އެޑިޝަނެއް ވިއްކަންވެސް ފީފާއިން ވަނީ ނިންމައިފައެވެ. އެއީ 2026 އަނގޮޓީގެ ތެރެއިން ޓީމަށް ދޭ 30 އަނގޮޓީގެ ބާކީ 1996 އަނގޮޓިއެވެ.

ޗެމްޕިއަންޝިޕް އަނގޮޓި ދިނުމަކީ އެމެރިކާ ކުޅިވަރު ސަގާފަތުގެ ބޮޑު ބައެކެވެ. އެގޮތުން އެންއެފްއެލްއާއި އެންބީއޭ، މޭޖާ ލީގު ބޭސްބޯލް އަދި އެންއެޗްއެލްގެ ޗެމްޕިއަން ޓީމުތަކަށްވެސް އަނގޮޓި ދީފައިވެއެވެ. އެހެން ނަމަވެސް މިއީ ފީފާ މުބާރާތެއްގައި ޗެމްޕިއަންޝިޕް އަނގޮޓި ދޭ ފުރަތަމަ ފަހަރެވެ.

ފީފާއިން އެމެރިކާ ކުޅިވަރު ބައެއް ސަގާފަތްތައް މިފަހަރު ވޯލްޑް ކަޕަށް ވައްދާފައިވާ އިރު، ފެށުމުގެ ކުރިން ބާއްވާ ހަރަކާތްތަކުގެ އިތުރުން ފައިނަލް މެޗުގެ ހާފް ޓައިމް ޝޯވެސް ހިމެނެއެވެ.