ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ މެޗަކީ ފައިނަލެއްހާ މުހިއްމު މެޗެއް ނޫނަސް، އެއީ އެކުވެރިކަމުގެ މެޗެއް ނޫން ކަމަށް ފްރާންސްގެ ކޯޗު، ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި އިރު، 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލުގައި އެޓީމުން ކުޅުނެވެ. އެހެން ނަމަވެސް އެފައިނަލުންވީ ބައްޔެވެ. މިފަހަރު ޖެހިޖެހިގެން ތިންވަނަ ފައިނަލަކަށް ދާން ފްރާންސުން ކުރި މަސައްކަތް ނާކާމިޔާބުވީ ސެމީ ފައިނަލުގައި ސްޕެއިން ކައިރިން ބަލިވެގެންނެވެ.
ސްޕެއިން ކައިރިން ފްރާންސް އަނެއްކާވެސް ބަލިވެފައިވާ އިރު، އެޓީމުން އެންމެފަހުން ޔޫރޯ 2024 އާއި ނޭޝަންސް ލީގުންވެސް ކެޓީ ފްރާންސް ކައިރިންނެވެ. ސެމީން ބަލިވެ، ފްރާންސުން މިރޭ އިންގްލެންޑާ ދެކޮޅަށް ތިންވަނަ ހޮވާ މެޗުގައި ނުކުންނަ އިރު، އެމެޗު ހާއްސަވާ އެއް ސަބަބަކީ ކޯޗު ޑިޝޯމް ފްރާންސް ގައުމީ ޓީމަށް ކޯޗުކަން ކޮށްދޭނެ ފަހު މެޗަށް ވާނެތީއެވެ. ޑިޝޯމް ފްރާންސާ ދުރަށް ދާން ނިންމީ 14 އަހަރަށްފަހުއެވެ.
"މިއީ އަހަންނަށް ހާއްސަ ޑިއުޓީއެއް އޮތް މެޗެއް. މިއީ ހަމަ ޔަގީނުންވެސް އެކުވެރިކަމުގެ މެޗެއް ނޫން. މިއީ ތިންވަނަ ހޮވާ މެޗު. ކުޅުންތެރިންނާއި އަހަންނަށްވެސް އެބައޮތް ޒިންމާއެއް އެންމެފަހު ޓާގެޓް ހާސިލުކުރުމަށް. ފައިނަލްހާ މުހިއްމު ނޫނަސް، ގައުމަށްޓަކައި މި މެޑަލް ހޯދައިދޭން ބޭނުން. އިންގްލެންޑާ އަހަރެމެންވެސް މި މެޗު ކުޅެން ބޭނުން ނޫން ނަމަވެސް، މިހާރު ދެން އޮންނާނީ މޮޅުވުން،" ޑިޝޯމް ބުންޏެވެ.
ޑިޝޯމް ބުނީ ފްރާންސް ކުޅުންތެރިންނަށް ސެމީ ފައިނަލް ބަލީގެ ހަނދާން ނައްތާލަން އަދިވެސް އުނދަގޫ ނަމަވެސް، މެޗުގައި ކުރެވުނު މަސައްކަތް ކުރާނެ ކަމަށެވެ.
މެޗުގައި ވަކި ކުޅުންތެރިޔަކު ފަށާނެ ކަމަށް ނޫނީ ސްކޮޑު ރޮޓޭޓް ކުރާނެ ކަމަކަށް ޑިޝޯމް ހާމައެއް ނުކުރެއެވެ. ކުޅުންތެރިން ބުނެފައި ވަނީ "ޗޮކްލެޓް މެޑަލް"އެއް ނަމަވެސް، ފްރާންސުން ކޯޗު ޑިޝޯމްއަށް ފުރިހަމަ އަލްވަދާއެއް ދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ޑިޝޯމް ބުނީ ފަހު މެޗު ނަމަވެސް އެއްވެސް މީހަކު ރޮއެގެން ނުވާނެ ކަމަށެވެ.
ފްރާންސާއި އިންގްލެންޑް ވާދަކުރާ ތިންވަނަ ހޮވާ މެޗު އޮންނާނީ މިރޭ 2:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް