ބްރެޒިލްގެ ލެޖެންޑަރީ ފުޓުބޯޅަ އައިކަން، ޕެލޭ، އުމުރުން އެންމެ 17 އަހަރުގައި 1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖާޒީ ނީލަމުގައި ވިއްކާލައިފިއެވެ.

ޕެލޭ، އުމުރުން 17 އަހަރު އެފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ 10 ނަމްބަރު ޖާޒީގައެވެ. ފައިނަލުގައި ވަރުގަދަ ސްވިޑެން ކޮޅަށް ޕެލޭ ދެ ގޯލް ޖެހި އިރު، ބްރެޒިލުން ފައިނަލް ކާމިޔާބުކުރީ 5-2 އިންނެެވެ.

ޕެލޭގެ ޖާޒީ ވިއްކާލާފައި ވަނީ ސޮތެބީސް އޮކްޝަން ހައުސްގައި ނީލަން ކިޔައިގެންނެވެ. ސޮތެބީސްއިން ބުނީ އެ ޖާޒީ ގަތުމަށް ފަސް ފަރާތެއްގެ 10 ބިޑެއް ހުށަހަޅާފައިވާ ކަމަށެވެ. ޕެލޭގެ ޖާޒީ 4.9 މިލިއަން ޑޮލަރަށް ވިކިފައިވާ އިރު، އެއީ ފުޓުބޯޅަ ތާރީހުގައި ދެވަނައަކަށް އެންމެ އަގުބޮޑު ޖާޒީއަށް ވަނީ ވެފައެވެ..

އެންމެ އަގުބޮޑުކޮށް މިހާތަނަށް ވިކިފައި ވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖާޒީއެވެ. އިންގްލެންޑް ކޮޅަށް "ހޭންޑް އޮފް ގޯޑް"ގެ ގޯލާއި "ގޯލް އޮފް ދަ ސެންޗަރީ" ކާމިޔާބުކުރި މަރަޑޯނާ ލައިގެން ހުރި ޖާޒީ 2022 ވަނަ އަހަރު ވިކުރީ 9.3 މިލިއަން ޑޮލަރަށެވެ.

ޕެލޭއަކީ އަދިވެސް ވޯލްޑް ކަޕްގެ ފައިނަލެއްގައި ގޯލް ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއެވެ. މިއީ 1958 ވަނަ އަހަރު ޕެލޭ ބޭނުންކުރި ޖާޒީ ނީލަންކީ ދެވަނަ ފަހަރެވެ. ކުރިން އެ ޖާޒީ ނީލަން ކިޔާފައި ވަނީ 2004 ވަނަ އަހަރުއެވެ. އެފަހަރު ވިކުނީ 105،600 ޑޮލަރަށެވެ.

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕެލޭ، އުމުރުން 82 އަހަރު މަރުވެފައި ވަނީ 2022 ވަނަ އަހަރުއެވެ،