މާލޭގެ މަގުތަކަށް ދިމާވެފައިވާ ދާއިމީ މައްސަލަތައް ހައްލުކުރުމަށްޓަކައި، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށަން ޗައިނާއިން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މަޝްރޫއު ނިމުމުން ޒަމާނީ މަގުތަކެއް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އެ މަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއް ވައުދު ކަމަށެވެ.

މާލޭގެ މަގުތައް ތަރައްގީކުރުމުގެ އެ މަސައްކަތް ލަސްވެފައިވާ ސަބަބާ ގުޅިގެން ރައީސް ވިދާޅުވީ ހިލޭ އެހީގެ ދަށުން ހިންގާ އެފަދަ ބިޔަ މަޝްރޫއުތަކުގައި އިދާރީ ވަރަށް ދިގު މަރުހަލާތަކެއް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އެ ހުރިހާ މަރުހަލާއެއް ނިމި، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އާދެ އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ ހަމަ އުންމީދު މިކުރެވެނީ މިއަހަރު ނިމެންވާއިރަށް ފެށޭނެކަމަށް. ދެން ފެށިގެންދާއިރުގައި އެންމެ ބޮޑެތި ބައެއް މަގުތަކުގަ މީ އަމަލީ މަސައްކަތް ފެށިގެންދާނެ. ދެން ހަމަ މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ހެދިގެންދާނެ. އެހެންވީމަ އިރާދުކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ މަސައްކަތް މިފެށެނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން އެ މަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުވެސް މަގުތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން އޭރު މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި ސްޓޯމް ވޯޓާ މަޝްރޫއުގެ ސަބަބުން، ކުރީން ތިން ހަތަރު ދުވަސް ވަންދެން މަގުތަކުގައި ފެންގަނޑު ހެދިފައި އޮތް އޮތުން ބަދަލުވެ، ދެތިން ގަޑިއިރު ތެރޭގައި ފެން ހިނދޭނެ ނިޒާމެއް ގާއިމުކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މާލޭގެ އާބާދީ އިތުރުވެ، މަގުތައް ބެލެހެއްޓުމުގައި ދިގު މުއްދަތެއްގެ އިހުމާލުތަކެއް ވުމުގެ ސަބަބުން، އެކަށީގެންވާ ދާއިމީ ހައްލެއް މިހާތަނަށް ލިބިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަރަށް ލަސްކޮށް އަދި ފެންވަރު ދަށްކޮށް ކަމަށާއި، އޭގެ ހެއްކަކީ އެ މަގުގެ މަސައްކަތް ނިމުނުތާ ދެ އަހަރުވެސް ނުވަނީސް، މަގުގެ ތާރުގަނޑު އަލުން މަރާމާތުކުރަން ޖެހިފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވާ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ، ފެންވަރު ރަނގަޅު އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ބިޔަ މަޝްރޫއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާ ސަރުކާރުން އެކަމަށް ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައިވާ ކަމަށާއި، މިއީ މާލޭގެ ތާރީހުގައިވެސް ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ހަމައެކަނި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތެއް ނޫން ކަމަށާއި، މި މަޝްރޫއުގެ ދަށުން މަގުތަކުގައި ޒަމާނީ ފެންވަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ގާއިމުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް އިމާރާތްކުރާ ތަންތަނުން ފެން ހިންދުމަށް ބޭނުންވާ ޑީވޯޓަރިން ސިސްޓަމާއި، އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ފެން ހިންދާ ނިޒާމުތައްވެސް މަގުތަކުގެ އަޑީގައި ގާއިމުކުރެވިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ ހަނި ގޯޅިތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ފަރުމާކުރެވި، ޕާކިންގް މައްސަލައަށްވެސް މި މަޝްރޫއުގެ ތެރެއިން ހައްލުތަކެއް ހޯދައިދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.