ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާއި ސިޔާސަތުތައް ބައްޓަންކުރަނީ މާލެއަށް މީހުން ތޮއްޖެހެން ޖެހޭ އަސްލު ސަބަބުތައް ނައްތާލައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މާލޭގެ ތޮއްޖެހުމާއި ވެހިކަލްތަކުގެ މައްސަލައަކީ ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެ މައްސަލައިގެ އަސްލު ސަބަބަކީ ރާއްޖޭގެ ތަރައްގީ އެއް ސަރަހައްދަކަށް މަރުކަޒުވެފައި އޮތުން ކަމަށެވެ. ނަމަވެސް އެކަމަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެންމެ އުތުރުގަ ތަރައްގީގެ އިންޓެގްރޭޓެޑް ޒޯނެއްގެ މަސައްކަތް މިކުރަނީ. ދެކުނުގަވެސް އެގޮތަށް. މީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާ އަދި އެނޫންވެސް ބޭނުންވާނެ ހުރިހާކަމެއް ހިމެނޭހެން ވަޒީފާ ފުރުސަތުތަކާ ހައުސިންނާ ހުރިހާ ކަމެއް ގާއިމްކޮށްގެން، އެއީ ފަސް އާބަން ސެންޓަރެއް. ޑީސެންޓްރަލައިޒް ސިސްޓަމެއް ކަނޑައަޅައި، އެ ތަންތަނަކީ އާބަން ސެންޓަރުތަކުގެ ފެންވަރުގަ ހުރިހާ ހިދުމަތެއް ލިބޭނެގޮތް ހެދުމަށްޓަކައި ކުރެވޭ ވަރަށް ބޮޑު ޕްރޮޖެކްޓެއް ނޫންތޯ އަޅުގަނޑުމެން ފަށައިގެން މި އުޅެނީ.." ރައީސް ވިދާޅުވިއެވެ.
"މާލެއަށް މިއަންނަނީ ރަނގަޅު ފެންވަރެއްގެ ތައުލީމު ހޯދަން، ވަޒީފާ ހޯދަން، ގެދޮރުވެރިކަމަށް ބޭނުންކޮށްގެން. މި ތިން ކަންތައް އެހެން ތަންތަނަށް ހައްލު ވެއްޖިއްޔާ، އަމިއްލަ ގޯތީގަ، އަމިއްލަ ގެދޮރުގަ، އަމިއްލަޔަށް އުޅޭނީ އަމިއްލަ ރަށުގަ. ނޫނީ ރަށާ ކައިރިކޮށްލައިގެން މާ ބޮޑަށްވެސް މީހުން ބޭނުންވާނެ. އެހެންވީމާ، މީ ސަރަހައްދީ ތަރައްގީއާ ގުޅިފައިވާ ކަމެއް. މި ބޮޑު ޕްލޭން އަޅުގަނޑުމެން ތަންފީޒުކުރަން މަސައްކަތް އެބަ ކުރަން. އެކަން ކުރަމުން ދާއިރުގައިވެސް، މާލޭގަ މީހުންގެ މައްސަލަތައް ވެސް ހައްލުކުރުމަށް މަސައްކަތް މި ކުރަނީ"
ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށްވުރެ ބޮޑު ބައެއް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ބިޔަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޕާކިން ބިލްޑިންގްތައް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެފަދަ މަޝްރޫއުތަކުގެ ސަބަބުން މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް ފަސޭހަ ތަންތަނަށް ވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިތަނަށް މީހުން އިތުރުނުވާކަމަށް ވަންޏާ ވެހިކަލްތައްވެސް އިތުރެއް ނުވާނެ ނޫންތޯ. ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާ، ވެހިކަލްތަކުގެ އުމުރު ކަނޑައެޅުން ގާނޫނުންވެސް އޮންނަ ކަމެއް. ކައުންސިލްތަކާ ޒިންމާ މަތި ކުރެވިފަ. ނޫނިއްޔާ ސަރުކާރުން ކުރާ ގޮތަށް، މިއީ ބަދަލުވެގެން ދާ ކަންތައްތަކެއް ނޫން. އެހެންވީމަ، އަޅުގަނޑުމެން އިސްކަން މިދެނީ މިދެންނެވި ރޫޓް ކޯސްއަށް ހައްލު ގެނައުމަށް. ނޫނިއްޔާ އަސްލު މަސައްލައަށް ހައްލު ގެނައުމުގެ މަސައްކަތަށް އިސްކަން މިދެނީ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ލޯން ސްކީމެއް ތައާރަފުކޮށްފައި ކަމަށެވެ. ރައީސް ވިދާޅުވީ، 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ދޫކުރާ އެ ލޯނުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކާއި ސްޓާޓްއަޕްތައް ފެށުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޮންމެ ފަރުދެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށާއި، ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ނުތަނަވަސްކަމުން އަރައިގަނެ، ވަށައިޖެހޭ ހައްލެއް ހުރިހާ ދާއިރާއަކުންވެސް ހޯދައިދިނުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް