ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސާވޭއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ އެ ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ހިންގާ ސާވޭއެއް ކަމަށެވެ.

އެ ސާވޭ މި މަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެރައިވަލް ހޯލުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެމްއޭއިން ބުންޏެވެ. އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށާއި، ދަތުރުވެރިންގެ ފަރާތުން ހޯދާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދާއި، ދަތުރުކުރި ގައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ހަރަދުގެ އިތުރުން މުޅި ދަތުރަށް ކުރެވުނު ޖުމްލަ ހަރަދު ހިމެނޭނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އެ ސާވޭގައި އެއްވެސް މީހެއްގެ ނަމާއި އެޑްރެސް ފަދަ އަމިއްލަ މައުލޫމާތެއް ނުނަގާނެ ކަމަށެވެ. އަދި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެހެންކަމުން، އެ މުއްދަތުގައި ރާއްޖެ އެނބުރި އަންނަ ދިވެހީން މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.