އާޖެންޓީނާ އެންމެ ރަނގަޅަށް ކުޅޭތަން ފެންނަނީ އެޓީމު ޕްރެޝަރާ ކުރިމަތިލާން ޖެހޭ ވަގުތުގައި ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަހަތުން އަރައި، އިންގްލެންޑް ބަލިކޮށް، އާޖެންޓީނާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. އެއީ ފަހުވަގުތު ދެ ގޯލް ޖަހައިގެންނެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ ފައިނަލަށް ދަތުރުކުރީ އިޓަލީ، ބްރެޒިލް، އާޖެންޓީނާގެ އިތުރުން ނެދަލޭންޑްސްއާއި ފްރާންސެވެ. އޭގެ ތެރެއިން ދެ ފައިނަލުން މޮޅުވެފައި އޮތީ ބްރެޒިލާއި އިޓަލީ އެކަންޏެވެ. އާޖެންޓީނާއިން 1986 އަކާއި 1990 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް، 1990 ގައި ނިންމާލީ ރަނަރަޕްގެ ގޮތުގައެވެ. އެހެންކަމުން އިތުރު ފައިނަލަކާއެކު އާޖެންޓީނާއަށް ވަނީ ހާއްސަ ޝަރަފެއް ހޯދިފައެވެ.

އާޖެންޓީނާއަށް މިއީ ތަފާތު ޗެލެންޖިން ވޯލްޑް ކަޕެކެވެ. ގަދަ 32 ގައި ކޭޕް ވާޑާ ދެކޮޅަށް ކުޅުނު މެޗު އިތުރު ވަގުތަށް ގޮސްގެން ކާމިޔާބުވި އިރު، މިސްރު ކައިރިންވެސް ނުކެޓީ ކިރިޔާއެވެ. އަދި ސްވިޒަލޭންޑް ކައިރިންވެސް މޮޅުވީ އިތުރު ވަގުތަށް ގޮސްގެންނެވެ. އެ ހުރިހާ މެޗެއްގައިވެސް އާޖެންޓީނާ ތަފާތު ދެއްކީ ކެޓުމާ ގާތުގައި އޮއްވައެވެ.

"އަހަރެން ހަމަ އަސްލުވެސް ގަބޫލުކުރަނީ، މި ޓީމު އެންމެ ރަނގަޅަށް ކުޅެނީ ޕްރެޝަރަށް ވެއްޓޭ ހިސާބުން ކަމަށް. އަހަރެެމެންނަށް އެންމެ އުނދަގޫވާ ހާލަތުގައި އިދިކޮޅު ޓީމުތަކަށް އެބަ އުނދަގޫތައް ކުރިމަތިވޭ. އަހަރެމެން ކުޅުންތެރިން ފަރާތުން ފެންނަ ފެނުމަށް ހީވަނީ މިޔަރަކަށް ލޭ ވަސް ދުވުމުން އެ އަންނަ ފޯރި އަންނަހެން. އަހަރެން މިހުރީ ހިތްހަމަ ޖެހިފައި. އެއީ ދަނޑުމައްޗަށް ހުރިހާ ހަކަތައެއް މި ޓީމުން އަބަދުވެސް ދޫކޮށްލާތީ،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ އާޖެންޓީނާ ކުޅުންތެރިން ނިކަން ބޯހަރުވާނެ ކަމަށާއި، އެކަން މެޗުތަކުން ފެންނާނެ ކަމަށެވެ. އަދި ފުޓުބޯޅައަކީ އަބަދު ޓެކްޓިކްސް ނޫނީ ޕްލޭނެއްގެ ދަށުން ކުޅޭ އެއްޗެއް ނޫން ކަމަށްބުނެ، ސްކަލޯނީ ބުނީ ބައެއް ފަހަރު ހަޑިކޮށްވެސް މޮޅުވާން ޖެހޭނެ ކަމަށެވެ.

ސްކަލޯނީ ބުނީ އާޖެންޓީނާ ކުޅުންތެރިންގެ ދިރިއުޅުމާވެސް ހިތްވަރު ގުޅޭ ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންނަކީ އެއްވެސް ކަމަކަށް ޖެހިލުން ވެގެން އުޅެވޭނެ ކަހަލަ މާހައުލެއްގައި ބޮޑެތިވެފައިވާ ކުޅުންތެރިން ނޫން ކަމަށް ސްކަލޯނީ ބުންޏެވެ.