ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި މިރޭ އާޖެންޓީނާ އާއި އިންގްލޭންޑް ބައްދަލުކުރާ މެޗު ކުރިއަށްދާ ވަގުތު، މީހުންނަށް އުނދަގުވާ ގޮތަށް އަޑުގަދަ ނުކުރުމަށާއި، ސައިކަލް ބުރުތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މެޗާ ދިމާކޮށް އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ. ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވާތީ، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ހަރަކާތްތައް ނުހިންގުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
އެފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަކީ މުހިންމުކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެކަމަށް އިލްތިމާސްކޮށްފައިވާ އިރު، މި ވޯލްޑް ކަޕް ތެރޭގައި ވެސް އާޖެންޓީނާ އަދި ބްރެޒިލް ފަދަ ޓީމުތަކުގެ މެޗުތަކަށްފަހު ބައެއް މީހުން ވަނީ އުފާފާޅުކުރުމަށް މަގުތަކަށް ނުކުމެފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.
އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ސެމީ ފައިނަލުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ މެންދަމު 12:00 ގައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް