އިންގްލެންޑް ޓީމުގައި އެއްވެސް ބައިބައިވުމެއް ނޫޅޭ ކަމަށާއި ޓީމު އޮތީ އެކުގައި ގަދަކޮށް ކަމަށް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިންގްލެންޑުން އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނޯވޭ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެމެޗަށްފަހު ދަނޑުމަތިން ކޯޗު ތޯމަސް ޓުޗެލް ދިން އިންޓަވިއުއެއްގައި ބުނީ "މެޗުން މޮޅުވީ ނަސީބަކުން" ކަމަށާއި އިންގްލެންޑްގެ ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެކަމުގައި ބެލިންހަމް އާއި ޓުޗެލް މައްސަލަ ޖެހުނު ކަމަށް މީޑިއާތަކުން ސިފައިކޮށްފައި ވަނީ ހަމަ އެވަގުތު ޓުޗެލް ބުނި އެއްޗަކަށް އެއްޗެއް ބުނަން ބެލިހަމްއާ ސުވާލުކުރުމުން އޭނާ ދިން ޖަވާބުންނެވެ. ބެލިންހަމް ބުނީ "ކޯޗު އެހެން ބުންޏަސް، ދަނޑުމަތީގައި ކުރަން ޖެހޭ މަސައްކަތް ހީނުކުރާހާ އުނދަގޫ،" ކަމަށެވެ.

އެ ވާހަކަ އެހެން ބުނުމާއެކު ބައެއް މީޑިއާތަކުން ވަނީ އެކަން މައްސަލައަކަށް ހަދައިފައެވެ.

"އެކަހަލަ މެޗެއް ކުޅެގެން ފައިބާތާ އެންމެ ފަސް މިނެޓް ތެރޭގައި ޖޫޑް ކައިރީ މި އެހީ ކޯޗު ބުންޏޭ މިހެން. އެހެން އެހީމަ ދެން ކީކޭ ބުނާނީ. ވަރުގަދަ، ޓަފް މެޗެއް ނިންމާލާފައި ފައިބާތަނުން ބުނާނެ އެއްޗެއް ވެސް ނޭނގޭނެ. މީހުންނަށް އަހަރެމެން ބައިބައިވި ކަމަށް ހީވެފައި އޮތަސް، މި ޓީމު މިއޮތީ ވަރަށް ބަދަހިކޮށް. ކުޅުންތެރިން އެކަންޏެއް ނޫން. ކޯޗިން ސްޓާފްވެސް،" ކޭން ބުންޏެވެ.

ކޭން އިތުރަށް ބުނީ ޓުޗެލްއަކީ ސްކްރިޕް ލިޔެގެން ވާހަކަ ދައްކާނެ ކޯޗެއް ނޫން ކަމަށާއި ކޯޗު ހާއްސަވާ ސަބަބަކީ ހިތުގައި އޮންނަ އެއްޗެއް ފަސޭހައިން ބުނެލާތީ ކަމަށެވެ.

އާޖެންޓީނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޭން ބުނީ އެއީ ހަމައެކަނި ލިއޮނަލް މެސީގެ ނުރައްކާ އޮތް ޓީމެއް ނޫން ކަމަށާއި، މެސީއާއެކު މުޅި ޓީމަށްވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ.

އާޖެންޓީނާއާއި އިންގްލެންޑް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.