ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ޑިޑިއޭ ޑިޝޭމްޕްގެ ފްރާންސް ލެގަސީއަކީ ތަފާތު ލެގަސީއަކަށް ވާނެއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި މިހާތަނަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެންމެ ތިން ކޯޗުންނެވެ. އެއީ ބްރެޒިލްގެ މާރިއޯ ޒަގޯލާގެ އިތުރުން ޖަރުމަނުގެ ފްރާންޒް ބެކަންބާ އަދި ފްރާންސްގެ ކޯޗު ޑިޝޯމްއެވެ.

ކުޅަދާނަ ކެޕްޓަނެއްގެ ގޮތުގައި ޑިޝޭމްޕްސް ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލީވެސް އެތައް ބަޔަކަށް، އެތައް ކަމެއް ސާބިތުކޮށްދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއި އިޓަލީގެ އިތުރުން އިންގްލެންޑް، އަދި ސްޕެއިންގައި ކާމިޔާބުތައް ހޯދި ޑިޝޭމްޕްސްއަކީ "ނަސީބުން ކާމިޔާބު ހޯދި" ކުޅުންތެރިއެއް ކަމަށް ބުނާ ބަޔަކަށް މެސެޖެއް ދީފައެވެ. ވަރުގަދަ އެތައް ބަޔަކު ޑިޝޭމްޕްސްގެ ހާއްސަ ކަމެއް ނެތް ކަމަށް ބުނަމުން ދަނިކޮށެވެ.

ރޭގެ ސެމީ ފައިނަލަށް ސްޕެއިނާ ދެކޮޅަށް ފްރާންސް ނުކުތީ ވޯލްޑް ކަޕް ތާރީހުގެ ތަފާތު ސަފުހާއަކުން ޖާގަ ހޯދުމަށެވެ. 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ފްރާންސުން 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ކުޅުނު އިރު، މިރޭގެ މެޗު ކާމިޔާބުކޮށް، ފްރާންސަށް ވޯލްޑް ކަޕްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދެން އޮތެވެ. އެއީ ޖެހިޖެހިގެން ތިން ފައިނަލެއްގައި ކުޅުމުގެ ޝަރަފު ހޯދުމެވެ. އެކަން މީގެ ކުރިން ކޮށްފައި ވަނީ ދެ ގައުމަކުންނެވެ. އެއީ 1982، 1986 އަދި 1990 ވަނަ އަހަރު ފައިނަލް ކުޅުނު ވެސްޓް ޖަރުމަނާއި 1994، 1998 އަދި 2002 ވަނަ އަހަރު ފައިނަލް ކުޅެފައިވާ ބްރެޒިލުންނެވެ.

ފުރިހަމަ ރެކޯޑަކާއެކު ރެއާ ހަމައަށް ދިޔަ ނަމަވެސް ތިންވަނަ ހޮވާ މެޗަށް ދާން ޖެހުނީ ހިތްދަތިކޮށެވެ. އަނެއްކާވެސް ސްޕެއިން އަށްދަށުވީއެވެ. ނޭޝަންސް ލީގާއި ޔޫރޯގައިވެސް ޑިޝޯމްއަށް ދިމާވި ޗެލެންޖަކީ ހަމަ އެ ސްޕެއިނެވެ.

ޑިޝޯމް 2012 ވަނަ އަހަރު ފްރާންސާ ހަވާލުވެ، ނުކުތް ފުރަތަމަ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާއިން ދާން ޖެހުނީ ލަދުވެތި ގޮތަކަށެވެ. އެހެންނަމަވެސް އެ ހާލަތު ބަދަލުކުރިއެވެ. ފްރާންސާއެކު ޑިޝޯމް ވަނީ ވޯލްޑް ކަޕްގައި 20 މެޗުން މޮޅުވެ، ރެކޯޑު ހަދައިފައެވެ. މި ވޯލްޑް ކަޕްގެ ކުރިން ފްރާންސް ދޫކޮށްލަން ޑިޝޯމް އިއުލާނުކުރި އިރު، މިއަދު ފްރާންސަކީ ދުނިޔޭގެ އެންމެ ގަދަ އެއް ބާރެވެ. އެކަން ޔަގީނެވެ.

ޑިޝޯމްގެ ފެއާވެލް އަދި އެބައޮތެވެ. އުމުރުން 57 އަހަރުގެ ޑިޝޯމްއަށް ފްރާންސާއެކު ތިންވަނަ ހޮވާ މެޗު އޮތް އިރު، އެމެޗު ވެގެންދާނީ ގައުމީ ޓީމާ އޭނާ އަލްވަދާއު ކިޔާ މެޗަށެވެ. ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރީ ލެޖެންޑް ޒައިނުއްދީން ޒިދާން ކަމަށް ހަބަރުތައް ކަށަވަރު ކޮށްދެއެވެ.

"ޔަގީނުންވެސް ސްޕެއިނުން އެ ސާބިތުކޮށްދިނީ އެޓީމުގެ ފެންވަރު. ކުރީގެ މެޗުތަކަށްވުރެ އަހަރެމެން ދަށް. އަދި ބައެއް ޓެކްނިކަލް މިސްޓޭކްތައް ފެނުނު. އަދި ފިޒިކަލީވެސް އަހަރެމެން އެ ސްޕެއިނަށްވުރެ ދަށް،" ޑިޝޯމް ރޭގެ މެޗަށްފަހު ބުންޏެވެ.

ޑިޝޯމް ބުނީ ރޭގެ މެޗުގައި ފްރާންސަށް ސްޕެއިނަށް ދޭނެ ޖަވާބެއް ނުހޯދުނި ކަމަށާއި، ސްޕެއިނުން ފްރާންސް ހުއްޓުވި ހުއްޓުވުމަށް ހައްގު ކްރެޑިޓް ދޭން ޖެހޭ ކަމަށެވެ. ރޭގެ މެޗަށްފަހު ޑިޝޯމް ވަނީ މެޗުގެ ރެފްރީއާ ދޭތެރޭ ސުވާލު އުފައްދައިފައެވެ.