ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ފްރާންސް ކައިރިން ހޯދި މޮޅާއެކު، ސްޕެއިނުން 2010 ވަނަ އަހަރުގެ ރޫހުގައި ކުޅެމުންދާ ކަމަށް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުން ފްރާންސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފްރާންސާއި ސްޕެއިން ގަދަ ހިފުމަކަށް ދިޔަ އިރު، ސްޕެއިން ފެނުނީ މާ ބޮޑަށްވެސް ތަފާތު ކޮށެވެ.
ރޭގެ ކާމިޔާބީއާއެކު އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ސްޕެއިނަށް ވަނީ ހިތްދަތި ވޯލްޑް ކަޕް ދަތުރުތަކަކަށް ނިމުން ގެނެވިފައެވެ. 2010 ވަނަ އަހަރުގެ ތަށްޓަށްފަހު 2014 ގައި އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަދި އޭގެފަހުން 2018، 2022 ވަނަ އަހަރުވެސް ސްޕެއިނަށް ގަދަ 16 ފަހަނައަޅައި ދެވިފައެއް ނުވެއެވެ. މިއީ ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ.
"ދެވުނު މެސެޖަކީ އަހަރެމެން ކުޅުނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާއޭ. އަދި އިދިކޮޅަށް ނުކުތް ފްރާންސުން އެ ކުޅުނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމާ. އެތަން އެ ފެނުނީ. މި ކުޅުންތެރިންނަކީ ތަފާތު ކުޅުންތެރިންތަކެއް. ހުނަރު އެކަންޏެއް ނޫން، ގައުމަށްޓަކައި އެ ކުރާ މަސައްކަތް. އަހަންނަށް އެބަ ފެނޭ އުފާވެރި ޑްރެސިން ރޫމަކާއެކު މުޅި ގައުމު މި ޓީމާއެކު ތިބިތަން. މިއީ 2010 ގެ ރޫހު،" ޑެ ލަ ފުއަންޓޭ މެޗަށްފަހު ބުންޏެވެ.
ޑެ ލަ ފުއަންޓޭ ބުނީ ޓީމު ނެގުމުގައި ރޫހު ރަނގަޅު ކުޅުންތެރިން ނަގަން އަބަދުވެސް ވިސްނަނީ އެހެންވެ ކަމަށާއި، ސްޕެއިން ޓީމުން އެ ފެންނަ މަންޒަރު ފެންނާނީ ރޫހު ރަނގަޅު ކުޅުންތެރިންގެ ސަބަބުން ކަމަށެވެ. އަދި ވަކި ކުޅުންތެރިއަކަށްވުރެ އަބަދުވެސް ޓީމު މުހިއްމު ވާނެ ކަމަށް ޑެ ލަ ފުއަންޓޭ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް