ދުނިޔޭގެ އެންމެ މަގުބޫލު، އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު އިވެންޓް، ފީފާ ވޯލްޑް ކަޕަކީ ހަމައެކަނި ދަނޑުމަތީގެ ޑްރާމާއެއް ނޫނެވެ. މުބާރާތުގެ ހައިބަތު ބޮޑުކަމުން ޓީމުތަކުގެ ކަންކަމުގައި ގައުމުތަކުގެ ސަރުކާރުތަކުންނާއި އިސް ސިޔާސީ ބައެއްް ވެރީންވެސް ބަސް ބުނާ ފަހަރު އާދެއެވެ. ވޯލްޑް ކަޕަކީ މުޅި ގައުމު އެކުގައި ޝާމިލުވާ މުބާރާތަކަށްވުމުން، އެ މަންޒަރު ފެންނަނީ އަލަކަށްވެސް ނޫނެވެ. ބައެއް މެޗުތަކަށް ސިޔާސީ ހިޔަނި އެޅި، ސިޔާސީ ކޯޅުންތަކަށް މެޗުތައް ވެގެންދާތަންވެސް ފެނެއެވެ. ވެރިންގެ ކޯޅުމުން ގޮސް، ބަހުން ޖަހާ ހިސާބަށްވެސް ދެއެވެ.
ސީދާ ގަދަ އަލިފާން ރޯ ނުވި ނަމަވެސް، އާޖެންޓީނާއާއި އިންގްލެންޑް ކުރިމަތިލުމަކީވެސް އެތައް އަހަރަކަށް ދެމިގެންދާ ޖިއޯ ޕޮލިޓިކަލް މައްސަލައެއް އެކަމުގެ ތެރެއަށް ވަންނަ މެޗެކެވެ. އެތައް ދަހައެއްގެ ކޯޅުން މިފަހަރުގެ ސެމީ ފައިނަލަށް އަލުން އާވެއްޖެއެވެ. ކަން ދިމާކުރި ގޮތުން، މިއީ ފޯކްލެންޑް އައިލެންޑްސްގެ ވާހަކަ ގަދަވި ދުވަސްކޮޅެކެވެ. އާޖެންޓީނާގެ ބަހުރުވައިން އެ ރަށްތަކަކީ "ލަސް މަލްވީނާސް"އެވެ.
ފުޓުބޯޅައިގައި ތަފާތު ވާދައެއް: "ޖަގަޑާ އާއި ޑްރާމާ"
ފުޓުބޯޅައިގައިވެސް އާޖެންޓީނާއާއި އިންގްލެންޑްގެ ވޯލްޑް ކަޕް ކުރިމަތިލުންތަކަކީ އެގޮތް މިގޮތްވެގެން ދިޔަ މަންޒަރުތައް ފެނުނު ކުރިމަތިލުންތަކެކެވެ. 1962 ވަނަ އަހަރު އާޖެންޓީނާއާއި އިންގްލެންޑް ފުރަތަމަ ކުރިމަތިލި މެޗު ސަހަލަ ގޮތަކަށް ނިމުނު ނަމަވެސް 1966 ވަނަ އަހަރު ދެ ޓީމުން ދަނޑުމަތީގައި ކުރީ ހަނގުރާމައެކެވެ. އެ މެޗަކީ "އެލް ރޯބޯ ޑެލް ސިގްލޯ" ގެ ނަން ދެވުނު މެޗެވެ. އެއީ "ތެފްޓު އޮފް ދަ ސެންޗަރީ" ގެ ނަމުން އާޖެންޓީނާ ރައްޔިތުން ނަން ދިން މެޗެވެ.
މެޗުގައި އާޖެންޓީނާ ކެޕްޓަން، ދާދިފަހުން މަރުވި އެންޓޯނިއޯ ރަޓިންއަށް ރަތެއް ދެއްކުމުން ފައިބަން ދެކޮޅު ހަދައި، އެންމެފަހުން ފަައިބައިފައިވެސް އިނގިރޭސި ރާނީއަށް ހާއްސަ ކުރެވިފައި އޮތް ރަތް ދޫލައިގައި އިހުތިޖާޖު ކުރިއެވެ. އޭރު އިނގިރޭސި ކޯޗު ސާ އަލްފް ރަމްސޭ ބުނީ "އާޖެންޓީނާ ކުޅުންތެރިންނަކީ ޖަނަވާރުތަކެއް" ކަމަށެވެ.
ފޯކްލެންޑް އައިލެންޑްސްއަށް އާޖެންޓީނާއާއި އިންގްލެންޑުން 74 ދުވަހުގެ ހަނގުރާމައެއް ކުރީ 1982 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރުފަހުން ވޯލްޑް ކަޕްގައި ދެގައުމު މެކްސިކޯގައި ކުރިމަތިލި މެޗަކީ ތާރީހުގައިވެސް ވޯލްޑް ކަޕްގެ އެންމެ ތަފާތު މެޗެވެ. 1986 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ޑިއޭގޯ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ގޯލާއެކު "ގޯލް އޮފް ދަ ސެންޗަރީ" ފެނިގެން ދިޔައެވެ. އިތުރު ތަފްސީލަކަށް ދާން ނުޖެހޭނެ މެޗެކެވެ.
އޭގެ ފަހުން 1998 ވަނަ އަހަރު ގަދަ 16 ގައި ދެގައުމު ވާދަކުރި މެޗުގައި އިންގްލެންޑްގެ ލެޖެންޑް، މިހާރު ސާ ޑޭވިޑް ބެކަމްއަށް ރަތް ކާޑު ދެއްކީ ޑިއޭގޯ ސިމިއޯނީ ގައިގައި ޖެހުމުންނެވެ. އެމެޗުން މޮޅުވީ އާޖެންޓީނާއެވެ. ޕެނަލްޓީގައެވެ. 2002 ވަނަ އަހަރުގެ މެޗަކީ ދެގައުމުން އެންމެފަހުން ކުޅުނު މެޗެވެ. އެމެޗު ލިބުނީ އިންގްލެންޑަށެވެ. މޮޅުވި ގޯލް ޖެހީ ބެކަމްއެވެ.
އެ ފުޓުބޯޅައިގެ ވާދަވެރިކަމަށް މިފަހަރު އެހެން "ޓެންޝަން" އެއް ވެރިވެއްޖެއެވެ. ކުރިން ފާހަގަކުރި ފޯކްލެންޑް އައިލެންޑްސްގެ ވާހަކައެވެ.
ފޯކްލެންޑް އައިލެންޑްސްގެ ތާރީހަކީ ކޮބާ؟
ފޯކްލެންޑް އައިލެންޑްސްގެ މައްސަލައަކީ 18 ވަނަ ގަރުނުން ފެށިގެން ދެމިގެންދާ މައްސަލައެކެވެ. 1764 ފުރަތަމަ ފްރާންސުން ރަށުގެ މިލްކުވެރިކަން ހޯދީ، އެ ރަށް ހޯދި ކަމަށް ބުނީ ފްރާންސްގެ ދަތުރުވެރިޔާ ލުއީ އެންޓޮއިން ޑެ ބޯގެންވިލޭ ފަރާތުންނެވެ. އެރަށްތަކުގެ މިލްކުވެރިކަމަށް ވާދަވެރިކަން ފެށުނީ 1700 ގެ ފަހުކޮޅުގެ އަހަރުތަކުގައެވެ. އާޖެންޓީނާގެ އިރުމަތިން އެގައުމާ 480 ކިލޯމީޓަރު ކައިރީގައި އޮތް އެ ރަށްތަކަކީ ފްރާންސަށްފަހު އިނގިރޭސިން ކޮންޓްރޯލްކޮށް، ސްޕެއިނުންވެސް ތަޅާފޮޅި ރަށްތަކެކެވެ. އެރަށުގެ މިލްކުވެރިކަމަށް ސްޕެއިނާއި އިނގިރޭސީންވެސް ގާތްގަނޑަކަށް ހަނގުރާމައަކަށް ދިޔައެވެ.
އެފަހަރު އިނގިރޭސިން ދޫ ދިނުމުން ސްޕެއިން އެ ރަށްތަކަށް ގަދަކުރިއެވެ. 778 ވަރަކަށް ރަށް ހިމެނޭ ފޯކްލެންޑް އައިލެންޑްސްގައި ދެ މެއިން ލޭންޑް ހިމެނެއެވެ. އެއީ އިރާއި ހުޅަނގު ފޯކްލޭންޑެވެ. އެއީ މައިގަނޑު ދެ ރަށެވެ.
އޭގެފަހުން 1800 ގައި އާޖެންޓީނާއަށް މިނިވަންކަން ލިބި، އެގައުމުން ތަކުރާރުކޮށް ފޯކްލެންޑް އައިލެންޑްސް ހޯދަން އުޅުނެވެ. އެ އުޅުމުގެ ތެރޭގައި ސްޕެއިން އަތުންވެސް ރަށްތަކުގެ ބާރު ކެނޑި، 1833 ގައި އަނެއްކާވެސް އިނގިރޭސިން އަތް ގަދަކުރިއެވެ. 1982 ވަނަ އަހަރު ހަނގުރާމައަކަށް ދިޔައީ އާޖެންޓީނާއިން އިނގިރޭސިން އެގައުމުން ބާލަން ދިޔަ ހިސާބުންނެވެ.
އިނގިރޭސިންގެ ކޮމާންޑްގެ ދަށުން ޕޯޓް ސްޓޭލީގައި ފޯކްލެންޑް އައިލެންޑްސްގެ ވެރިކަން ކުރަމުން ގޮސްފައިވާ އިރު، އެފަހަރު ހަނގުރާމައިގައި 907 މީހުން ދެގައުމުން މަރުވިއެވެ. އެއީ 649 އާޖެންޓީނާ ސިފައިންނާއި 255 އިނގިރޭސި ސިފައިންނެވެ. އަދި ރަށްތަކުގެ އާންމުންގެ ތެރެއިން ތިން މީހަކުވެސް އެ ހަނގުރާމާގައި މަރުވިއެވެ. އެހިސާބުން އިނގިރޭސީން އެ ރަށްތަކަށް އަނެއްކާ އިތުރަށް ގަދަވެގަނެ، މިއަދު އޮތީ އަނެއްކާވެސް އަމިއްލަ ދައުލަތެއްގައެވެ. އެހެން ނަމަވެސް އިނގިރޭސީންގެ އޯވާސީސް ޓެރެޓަރީއެއްގެ ގޮތުގައެވެ. އެހެން އެކަން އޮތަސް އެއީ ދެގައުމަށްވެސް އަދި އަދަށް ދާންދެންވެސް ފާޑެއްގެ ހަނގުރާމައެކެވެ.
އެގައުމުގެ ރައްޔިތުންނަށް މުސްތަގުބަލަށް ވޯޓެއް 2013ގައި ހުޅުވާލިއެވެ. އެއީ ދެމި ތިބެން ބޭނުންވަނީ ކޮން ގައުމެއްގެ ދަށުންތޯ ބެލުމަށެވެ. ސޮވެރިންޓީ ރެފަރެންޑަމްގައި އެފަހަރު 99.8 ޕަސެންޓް މީހުން ވޯޓުލީ އިނގިރޭސީން ކޮޅަށެވެ. 3600 އެއްހާ މީހުން ދިރިއުޅޭ އެ ރަށްތަކުގައި 2013 ވަނަ އަހަރު ނެގި ވޯޓުގައި 1513 މީހުން ބައިވެރިވިއެވެ.
އެހެންނަމަވެސް އާޖެންޓީނާ ސަރުކާރުން އެ ވޯޓު ގަބޫލު ކޮށްފައެއް ނުވެއެވެ. ރައީސް ހާވިއޭ މިލޭ 2024 ވަނަ އަހަރު ވިދާޅުވީ އަދި އިތުރު އަހަރުތަކަކަށް ފޯކްލެންޑް އައިލެންޑްސް ހޯދުމުގެ މަސައްކަތް ދެމިގެންދާނެ ކަމަށާއި، ވޯޓަކީ ރައްޔިތުންތަކެއް ބޭނުންކޮށްގެން ދެއްކި މަންޒަރެއް ކަމަށެވެ.
ކޮންމެއަކަސް ހަބަރުތައް ބުނެފައިވަނީ އާޖެންޓީނާއަށް މަންފާ ވާގޮތަށް، އިނގިރޭސީން ފޯކްލެންޑް އައިލެންޑްސްއިން ބޭރުކުރަން އެމެރިކާއިން ވިސްނި ކަމަށެވެ. އެމެރިކާ ސަރުކާރުގެ އެންމެ އެތެރެ ކަމަށްވާ ޕެންޓަގަންއިން ލީކުވި މެމޯތަކަކުން އެކަން ފެންނަ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ. އެ މެމޯތަކަކީ މިއަހަރު ޖެނުއަރީ މަހު ހިނގައި ދިޔަ ކަމެކެވެ. އެމެރިކާއިން އިރާނާ ދެކޮޅަށް ހިންގާ މިލިޓަރީ ހުރިހާ ކަމަކަށް ނޭޓޯއާއި އިނގިރޭސީން އެއްބާރުލުން ނުދޭތީ، ފޯކްލެންޑް އައިލެންޑްސް މެދުވެރިވެ، އިނގިރޭސީންނަށް ބިރު ދައްކަން އެމެރިކާ މަސައްކަތް ކުރި ކަމަށް މެމޯތައް ބުނެފައިވާ ކަމަށް ރޮއިޓާސްއިން ބުނެއެވެ. އެއީ ފޯކްލެންޑް އައިލެންޑްސް އިނގިރޭސީންނަށް ގެއްލުވާލަން އެހީވާން އެމެރިކާއިން ބިރު ދައްކަން ވިސްނި ވިސްނުމެއް ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.
އެކަމުގައި އިނގިރޭސީން ބަޔާން ނެރުނު އިރު، އެބަޔާނުގައި ވަނީ ފޯކްލެންޑް އައިލެންޑްސްއަކީ އިނގިރޭސީންގެ ތަނެއްކަން ހަނދާން ކޮށްދީފައެވެ.
މިފަހަރު ފޯކްލެންޑް އައިލެންޑްސްގެ ވާހަކަ ގަދަވީ ކީއްވެ؟
ކުރިން ފާހަގަކޮށްފައި އެވާހެން މިފަހަރު މުބާރާތުގެ ކުރިން ފޯކްލެންޑް އައިލެންޑްސްގެ ވާހަކަ އޮތީ ދެކެވެން ފަށައިފައެވެ. އެއީ އެމެރިކާއިން ލީކްވި މެމޯތަކާވެސް އެކުގައެވެ. އެހެން އެކަން އޮއްވާ، އާޖެންޓީނާއިން ކުއާޓާ މެޗަށްފަހު އުފާފާޅުކުރަމުން ލޮކަރޫމް ތެރޭގައި ފޯކްލެންޑް އައިލެންޑްސްގެ ރައްޔިތުންގެ ހާއްސަ ޗޭންޓެއް ބޭނުން ކުރިކަމަށް ވީޑިއޯތައް ލީކުވިއެވެ. އެއީ "ޕޮރްް ލަ މަލްވީނާސް، ޕޮރް އެލް ޑިއޭގޯ" ކިޔާ ޗޭންޓެކެވެ. ޗޭންޓްގައި ބުނަނީ ފޯކްލެންޑް އައިލެންޑްސްގެ ރައްޔިތުންނަށްޓަކައި، މަރަޑޯނާއަށްޓަކައި މިހެންނެވެ. އަދި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށްޓަކައިވެސް އެ ޗޭންޓްގައި ހިމަނާފައިވެއެވެ.
ވޯލްޑް ކަޕް މެޗާވެސް ފާޑަކަށް ގުޅުވައި، އާޖެންޓީނާގެ ސެކްރެޓަރީ އޮފް ފިނޭންސް ޕަބްލޯ ކީރްނޯ ހާއްސަ ބަޔާނެއް ނެރުނު އިރު، އެބަޔާނާއެކު އަނެއްކާ މައްސަލަ ހޫނުވިއެވެ. އެ ބަޔާނުގައި ބުނީ 2013 ވަނަ އަހަރުގެ ވޯޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އިނގިރޭސިން އެކަން ކުރީ އެމީހުން ބޭނުންވާ ރައްޔިތުންތަކެއް ޕްލާންޓް ކޮށްގެން ކަމަށެވެ.
އެކަމަށް އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރު ސާ ކެއިރް ސްޓާމާއާއި ފޮރިން ސެކްރެޓަރީ ވެޓޭ ކޫޕާ ވަނީ ރައްދު ދެއްވައިފައެވެ. އެއީ ޕަބްލޯގެ ވާހަކަތަކުގައި އަސާސެއް ނެތް ކަމަށް ބުނެއެވެ.
ކުއްލިއަކަށް އެކަންކަން ފެންމަތިވުމާއެކު ބައެއް ކުޅުންތެރިންނަށް ނޫސްވެރިންގެ ކުރިމަތީގައިވެސް ފޯކްލެންޑް އައިލެންޑްސްއާ ގުޅޭ ސުވާލުތަކަށް ޖަވާބު ދޭން ޖެހުނެވެ. އެގޮތުން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑާ އެ ސުވާލު ކުރެވުމުން އޭނާ ވަނީ މެޗަކީ ހަމައެކަނި ފުޓުބޯޅައިގެ ވާދައެއް ކަމަށް ބުނެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީވެސް ފޯކްލެންޑް އައިލެންޑްސްގެ ކަންކަމުގައި ވާހަކަ ދައްކަން އިންކާރުކޮށް ބުނީ، މިއީ ފުޓުބޯޅަ މެޗެއް ކަމަށެވެ. އަދި އޭޕްރީލް 2 ވެޓެރަންސް ފެޑެރޭޝަން އާޖެންޓީނާއިން ގޮވާލީ ދަނޑުމަތިން ބަދަލު ހިފަން ނޫޅުމަށެވެ. ކިތަންމެ ވަރަކަށް ވަތަނީ އިހުސާސް، ފޯކްލެންޑް އައިލެންޑްސް ހަނގުރާމައިން ހުރި ނަމަވެސް، އެކަމަކީ މެޗު ތެރެއިން ގެންނާން ޖެހޭނެ ކަންކަން ނޫން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން އާޖެންޓީނާ ފުޓުބޯޅައާއި އިންގްލެންޑް ފުޓުބޯޅަ، ވޯލްޑް ކަޕެއްގައި މި ނުކުންނަނީ ޒަމާންވީ ވާދައެއްގައެވެ. ދަނޑު ބޭރުންނާއި ދަނޑު ތެރެއިންނެވެ. އެހެން ނަމަވެސް އެކަމަށް މެޗު ހޯސްޓް ކުރާ އެޓްލާންޓާއިން ދަނީ ތައްޔާރުވަމުންނެވެ. އިތުރު 1600 ސިފައިން މަގުމައްޗަށް ނެރެ، މިހާރުވެސް ދަނީ ސެކިއުރިޓީ ޕޯސްޓްތަކާއެކު ފޯރި މަރަމުންނެވެ. އަދި ފޯކްލެންޑް އައިލެންޑްގެ މިނިވަންކަމާ ގުޅޭ ބެނާއެއް ވައްދަން އުޅޭނަމަ، އެކަން ހުއްޓުވަންވެސް ވަނީ ނިންމައިފައެވެ.
މުޙައްމަދު ޝަމްޢޫން

ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް