"ފްރާންސް މެޗަކީ އަހަރެންގެ ކެރިއަރުގެ އެންމެ މުހިއްމު މެޗު،" އިއްޔެ އުމުރުން 19 އަހަރު ފުރުނު ލަމީން ޔަމާލް، ފްރާންސާ ދެކޮޅަށް މިރޭ ކުޅެން އޮތް ސެމީ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ޔަމާލަކީ ޒުވާން ތަރިއެއް ނަމަވެސް، ޓީމުގެ ފަރާތުން ބަސް ބުނަން އިއްޔެގެ ޕްރެސްއަށް ނުކުތީ އޭނާއެވެ. ޔަމާލަށް އިތުރަށް ސަމާލުކަން ބޮޑުވީ ކަރުގައި އަޅާލާފައި އޮތް އަގުހުރި އަލިމަސް ފަށާވެސް އެކުގައެވެ. ފަށާ ގުޅިގެން ސުވާލުކުރުން ޔަމާލް ބުނީ އެއީ އަމިއްލަ ނަފުސަށް، އުފަން ދުވަހަށް ދިން ހަދިޔާއެއް ކަމަށެވެ.

ޔަމާލްގެ އަލިމަސް ކަރުގައި އަޅާ ފަށް --- ފޮޓޯ/ ގެޓީ

ދެން ނޫސްވެރިންގެ ސުވާލުތައް އިތުރު އަމާޒުވި އެއް ވާހަކައަކީ ޔަމާލްގެ ތިން އަހަރުގެ ކޮއްކޮ ވޯލްޑް ކަޕް ތެރޭގައި ހޯދަމުން އަންނަ ސަމާލުކަމަށެވެ. ކޮއްކޮ ކޭން ދަނޑުތަކުގެ ސްކްރީނުން ދައްކާ ވަގުތު އަބަދުވެސް ޖަޒުބާތީކޮށް ފެނިގެންދާ އިރު، ވޯލްޑް ކަޕް ތެރެއިން އޭނާގެ މަޖާ، ސަކަ މިޒާޖުގެ ވީޑިއޯތައްވެސް އާއްމުވެފައިވެއެވެ.

"އަހަރެންގެ ކޮއްކޮއަކަށް ނޭނގެ އަސްލު އެންމެންގެ ސަމާލުކަން ހުއްޓޭ ކަހަލަ ކަންކަންމެއް އެ ކުރެވެނީ. ކެމަރާ އަޅުވާލާއިރަށްވެސް ގޭގައި ކުރާ ކަހަލަ މަޖާ ކަންކަން ކޮށްލާނެ. މީހުން ކޮއްކޮޔާ ގަޔާވީމަ އަހަރެން އުފާވި. އަދި ސްކްރީނުން ކޮއްކޮ ފެނުމަކީ ލިބޭ ހިތްހަމަ ޖެހުމެއް. އަދި މަޖާވެސް ވޭ،" ޔަމާލް ބުންޏެވެ.

https://www.facebook.com/photo/?fbid=1014411814510716&set=a.166616015956971

އިއްޔެގެ ޕްރެސްގައި ޔަމާލަށް ތަފާތު އިތުރު ސުވާލަކަށްވެސް ޖަވާބު ދޭން ޖެހުނެވެ. އެއީ ސްޕެއިންގެ ކުރީގެ ޕްރައިމް މިނިސްޓަރު މަރިއާނޯ ރަހޯއީ ފްރާންސާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކަކަށެވެ. ރަހޯއީ ވިދާޅުވީ ފްރާންސަކީ މޮޅު ޓީމެއް ނަމަވެސް، "އެއީ ފްރާންސް ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ޓީމެއް ނޫން،" ކަމަށެވެ.

ޔަމާލަކީ ސްޕެއިން ކުޅުންތެރިއެއް ނަމަވެސް ބައްޕަކީއަކީ މޮރޮކޯ ރައްޔިތެކެވެ. މަންމައަކީ އިކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ މީހެކެވެ. އެ ސުވާލަށް ޖަވާބު ދެމުން ޔަމާލް ބުނީ ޔޫރަޕްގެ ގައުމުތަކުގެ ފުޓުބޯޅައިގެ ރީތިކަމަކީވެސް އެކި ނަސްލުތަކަށް އުފަން ކުޅުންތެރިން ހިމެނުން ކަމަށާއި، ފުޓުބޯޅައަކީ އެންމެން އެކުވެރި ކުރުވާ އެއްޗަކަށް ވެފައިވާކަން އޭގެން ސާފުވާނެ ކަމަށެވެ.

ޔަމާލް އިތުރަށް ބުނީ މިރޭގެ މެޗު ވެގެންދާނީ އާދަޔާހިލާފު ވާދަވެރި މެޗަކަށް ކަމަށާއި، ދެޓީމަކީވެސް އެޓޭކިން ވަރުގަދަ، ޑިފެންސްވެސް އެންމެ ތަފާތުކޮށް އޮތް ދެޓީމު ކަމަށެވެ.

ސްޕެއިނާއި ފްރާންސް ކުރިމަތިލާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.