ޔޫކްރެއިނަށް ބޭނުންވާ 50،000 ސްޓްރައިކް ޑްރޯން ގަތުމަށް ޖަރުމަނުވިލާތުން 90 މިލިއަން ޔޫރޯގެ ފަންޑެއް ހަމަޖައްސައިދީފިއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ހުޅަނގުގެ ގައުމަކުން ޔޫކްރެއިނަށް ޑްރޯން ފޯރުކޮށްދިނުމަށް މިހާތަނަށް ހެދި އެންމެ ބޮޑު އެއް އެއްބަސްވުމެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ހުޅަނގުގެ ގައުމަކުން ޔޫކްރެއިނަށް ޑްރޯން ފޯރުކޮށްދިނުމަށް މިހާތަނަށް ހެދި އެންމެ ބޮޑު އެއް އެއްބަސްވުމެވެ.

މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެނީ ޔޫކްރެއިންގެ ކުންފުންޏެއް ކަމަށްވާ 'ސްކައިފޯލް' އިން އުފައްދާފައިވާ 'ޝްރައިކް' މަރުކާގެ އެފްޕީވީ ޑްރޯންތަކެކެވެ. މި ޑްރޯންތަކުގައި ބޭނުންކުރަނީ އެމެރިކާގެ ޑިފެންސް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ 'އޮޓީރިއަން' ގެ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާގެ އެހީގައި، އަމާޒުކުރާ ތަންތަނަށް އަމިއްލައަށް ދަތުރުކޮށް، ހަރަކާތްތެރިވާ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން މި ޑްރޯންތަކަށް ލިބިގެންވެއެވެ.

އޮޓީރިއަންގެ ސީއީއޯ ލޮރެންޒް މެޔަރ ވިދާޅުވި ގޮތުގައި، މީގެ ތެރެއިން ބައެއް ޑްރޯންތައް މިހާރު ވަނީ ޔޫކްރެއިނާ ހަވާލުކޮށްފައެވެ. އަދި ބާކީ ހުރި ޑްރޯންތައް މިއަހަރުގެ ނިޔަލަށް ފޯރުކޮށްދޭނެއެވެ.

މި މުއާމަލާތާ ގުޅޭގޮތުން ޖަރުމަނާއި ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައިނުވަނީ އޮޕަރޭޝަނަލް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް، އަސްކަރީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ރަޝިއާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުން އެންމެ ބޮޑަށް ބަރޯސާވަނީ ޑްރޯން ޓެކްނޮލޮޖީއަށެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް އެތައް ހާސް ޑްރޯން ހަމަލާތަކެއް ޔޫކްރެއިނުން ދެމުންގެންދެއެވެ.

މި އެހީއަކީ ޖަރުމަނާއި ޔޫކްރެއިނާ ދެމެދު އޮންނަ ދިފާއީ ގުޅުމުގެ ތެރެއިން ފޯރުކޮށްދޭ އެހީއެކެވެ. މިދިޔަ އޭޕްރީލް މަހު މި ދެ ގައުމުން ވަނީ 4 ބިލިއަން ޔޫރޯގެ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ގުޅިގެން ޑްރޯން އުފެއްދުމުގެ މަސައްކަތްތަކެއް ކުރުމަށްވެސް ދާދި ފަހުން ވަނީ ނިންމާފައެވެ.