އަޑިއަޅާލާފައި އޮތް އިޓަލީގެ ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިޓަލީ ފުޓުބޯޅަ ފެޑަރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރަކަށް އެގައުމުގެ ލެޖެންޑަރީ ޑިފެންޑަރު ޕައުލޯ މަލްޑިނީ ހަމަޖައްސައިފިއެވެ.
އިޓަލީ، އެންމެފަހުން ބޭއްވި ތިން ވޯލްޑް ކަޕަށްވެސް ކޮލިފައިވެފައި ނުވާ އިރު، ހަތަރު ފަހަރުގެ ޗެމްޕިއަނުންނަށް މިއީ ފުޓުބޯޅައިގައި މާޔޫސީ ދުވަސްތަކެވެ. ޔޫރޯ 2020 ގެ ޗެމްޕިއަންކަން އިޓަލީން ހޯދި ނަމަވެސް، 2014 ވަނަ އަހަރަށްފަހު އެގައުމު އަދި ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ. މިފަހަރުގެ ކޮލިފިކޭޝަނުންވެސް އިޓަލީ ފެއިލްވީ ޕްލޭ އޮފްގެ ފައިނަލްގައި ބޮސްނިއާ ކައިރިން ހަނި ގޮތަކަށް ބަލިވެގެންނެވެ.
އިޓަލީއަކީ ކުރިން ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އިރު، އެގައުމުގައި އެންމެ ވިދާލި އެއް ޑިފެންޑަރު މަލްޑިނީ ވަނީ ގައުމީ ޓީމަށް 126 މެޗު ކުޅެފައެވެ. ރިޓަޔާމެންޓަށްފަހު މަލްޑިނީ ވަނީ އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހަތަރު އަހަރު ހޭދަކޮށްފައެވެ. އެއީ އޭނާގެ މުޅި ކްލަބު ކެރިއަރު ހޭދަ ކުރި ޓީމެވެ. މަލްޑިނީގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގައި އޭސީ މިލާނުން ވަނީ ލީގު ތަށި ހޯދައިފައެވެ.
އުމުރުން 58 އަހަރުގެ މަލްޑިނީއަށް ޓެކްނިކަލް ޑިރެކްޓަރުކަން ދޭން ނިންމާފައި ވަނީ އިޓަލީގެ ފެޑަރޭޝަނަށް އަލަށް އިންތިހާބުވި ޖިއޮވާނީ މަލާގޯގެ އިރުޝާދުގެ ދަށުންނެވެ. ކުރިން އިޓަލީގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރި މަލާގޯ ފުޓުބޯޅައާ ހަވާލުވީ އޭގެ ކުރިން ހުރި ގެބްރިއޭލް ގްރަވީނާ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމުގައި ހުރި މަލްޑިނީގެ ކުރީގެ ޓީމް މޭޓް ޖެނަރޫ ގަޓޫސޯ އެމަގާމު ދޫކޮށްލާފައިވާ އިރު، އާ ކޯޗެއް އިއުލާނުކުރުން އެއީ މަލްޑިނީގެ ފުރަތަމަ މަސައްކަތަށް ވާނެއެވެ.
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ
ކޮމެންޓް