ކުދި ގައުމުތަކަށްވެސް ވޯލްޑް ކަޕްގެ ހުވަފެން ދެކެވެންވާނެ ކަމަށާއި، އެކަމަށްޓަކައި މުބާރާތުގެ ފޯމެޓް 64 ގައުމަށް އިތުރުކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އެ ވާހަކަ ފާހަގަކުރެއްވި ނަމަވެސް އެކަމަކުގެ މާބޮޑު ތަފްސީލެއް އިންފަންޓީނޯ ދެއްވައިފައެއް ނުވެއެވެ. މިހާރު އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހު ދުށް އެންމެ ބޮޑު ވޯލްޑް ކަޕެވެ. ތިން ގައުމެއްގައި ހޯސްޓް ކުރާ މި ވޯލްޑް ކަޕަކީ 48 ގައުމުގެ މެދުގައި ކުޅެވޭ ފުރަތަމަ ވޯލްޑް ކަޕެވެ. މިފަހަރުގެ ފޯމެޓަށް މުބާރާތުގެ ކުރިން ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ވޯލްޑް ކަޕްގެ ފެންވަރު ދަށްވާނެ ކަމަށް ލަފާކޮށްވެސް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ.

އިންފަންޓީނޯ ވިދާޅުވީ ވޯލްޑް ކަޕްގައި ޓީމުތައް އިތުރުވުމުގެ ސަބަބުން ފެނުނީ ގިނަ ގައުމުތަކެއްގެ ކޮލިޓީ ކަމަށާއި، މެޗުތައް ވެސް އިތުރަށް ފޯރިގަދަވެގެން ދިޔަ ކަމަށެވެ.

"ވޯލްޑް ކަޕްގައި ޓީމުތައް އިތުރުކުރުމަށް ކުރިމަތިވި ގޮން ޖެހުންތަކާއި ދިމާވި ކަންކަމަށް ބަލައި އަހަރެމެން އިތުރަށް މަޝްވަރާ ކުރާނަން. އަހަރެން ދެކޭ ގޮތުގައި ވޯލްޑް ކަޕެއް ބާއްވަންޏާ ބާއްވަން ޖެހޭނީ މުޅި ދުނިޔެ އެކަމުގައި ޝާމިލުވާނެ ގޮތަކަށް. ހަމައެކަނި ޔޫރަޕަކަށް ނޫނީ ދެކުނު އެމެރިކާއަށް ބަލައިގެން ނޫން. ކޮންމެ ގައުމަކަށްވެސް ވޯލްޑް ކަޕެއްގެ ހުވަފެން ދެކެވެން ވާނެ. ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ ޓީމެއްވެސް ވަރަށް ކޮލިޓީ. އަދި އެ ކޮލިޓީ މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން،" 32 ޓީމުން 48 ޓީމަށް ވޯލްޑް ކަޕް ބޮޑު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ 48 ޓީމުގެ ވޯލްޑް ކަޕަކީ ކާމިޔާބެއް ކަމަށާއި، ކުދި ގައުމުތަކަށް ކުރިއެރުމަށް ހިތްވަރު ލިބުނު ވޯލްޑް ކަޕަކަށް މި ވޯލްޑް ކަޕް ވެގެންދިޔަ ކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ ކޮންމެ ކޮންޓިނެންޓެއްގެ ކޮންމެ ޓީމަކުންވެސް ވޯލްޑް ކަޕްގައި ގޯލް ޖަހައި ޕޮއިންޓް ހޯދި ކަމަށާއި، އެފްރިކާގެ 10 ގައުމުގެ ތެރެއިން ނުވަ ގައުމު ނޮކްއައުޓަށްވެސް ދިޔަ ކަމަށެވެ.

މިހާރު އޮތް 48 ގައުމަށް ވޯލްޑް ކަޕް ބޮޑުކުރީ 1998 ވަނަ އަހަރުގެ މަޝްވަރާއާއެކުގައެވެ. ދެން އޮތް ވޯލްޑް ކަޕް 2030 ވަނަ އަހަރު ބާއްވަން ނިންމާފައި ވަނީ މޮރޮކޯއާއި ޕޯޗުގަލްގެ އިތުރުން ސްޕެއިންގައެވެ. އަދި އޭގެފަހުން 2034 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ވޯލްޑް ކަޕް ބާއްވާ އިރު، މިފަހަރުގެ ވޯލްޑް ކަޕުގައި ހުރި ކަންކަން އަނެއްކާވެސް އިންފަންޓީނީ ވަނީ ދިފާއުކުރައްވައިފައެވެ.

އޭގެ ތެރޭގައި ޓިކެޓްގެ އަގާއި ހައިޑްރޭޝަން ބްރޭކްގެ ކަންކަމުގައި އިންފަންޓީނީ ވަނީ އަނެއްކާވެސް ދިފާއުގައި ވާހަކަ ދައްކަވައިފައެވެ.