ބޮޑުތަކުރުފާނު މަގުން ދަރުބާރުގެ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި ހާދިސާގައި ދިވެއްސަކު މަރުވީ ލޮރީއެއްގެ ދަށުވެގެންކަމަށް ފުލުހުން ބުނެފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 4:00 ހާއިރުއެވެ. އެކްސިޑެންޓުގައި މަރުވެފައިވަނީ މާލެ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، އިބްރާހީމް ނާސިހު (39އ) އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ނާސިހު މަރުވީ ލޮރީގެ ދަށުވެގެންކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް، މިއީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ހިނގި އެކްސިޑެންޓެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ލޮރީގެ ދަށަށް ވަންނަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.