ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނޯވޭ ކޮޅަށް އިންގްލެންޑުން ޖެހި ފުރަތަމަ ގޯލަށް މަގުފަހިވީ މަތިން ދިޔަ ބޯޅަ، ސްޓޭޑިއަމް މަތިން އަޅާފައިވާ މޯބައިލް ކެމެރާގެ ކޭބަލްގައި ޖެހިގެން ކަމަށް ނޯވޭގެ ކޯޗު، ސްޓޯލޭ ސޫލްބާކެން ބުނެފިއެވެ.

އިންގްލެންޑާއި ނޯވޭ ވާދަކުރި މެޗުގެ ފުރަތަމަ ގޯލް ޖެހީ ނޯވޭއިންނެވެ. އޭގެފަހުން ފުރަތަމަ ހާފު އިތުރު ވަގުތުގެ ފަހު މިނެޓުގައި ބެލިންހަމް ވަނީ މެޗު އެއްވަރު ކޮށްފައެވެ. އެ ގޯލަށް ކުރިއަށް ޖެހެން އިންގްލެންޑަށް ފުރުސަތު ލިބުނީ ނޯވޭ ގޯލްކީޕަރު އޯޔާން ނީލަންޑް ސާފު ކޮށްލަން ޖެހި ބޯޅައެއް އިންގްލެންޑްގެ ކުޅުންތެރިޔާއަށް ލިބިގެން އޭގެ އުފެއްދި އެޓޭކްގައެވެ.

ރިޕްލައިގެ މަންޒަރު ފެންނަ ގޮތުގައި މަތީގައި އޮއްވާ އެ ބޯޅައިގެ މިސްރާބު ބަދަލުވެގެން ދިޔައީ މަތީގައި އަޅާފައި އޮތް ކޭބަލެއްގައި ޖެހިގެންނެވެ. އެހެން ނަމަވެސް ފީފާއިން ބުނެފައި ވަނީ އެ ބޯޅަ މަތީ ކޭބަލްގައި ޖެހުނު ކަމުގެ އަޑު ބޯޅައިގެ ސެންސަރަށް އަރާފައި ނުވާ ކަމަށެވެ.

"ބޯޅަ ވެއްޓުނީ ހަމަ ސީދާ މަތިން. އެހެންވެ ބޯޅައިގެ މިސްރާބު ދިޔައީ ބަދަލުވެގެން. އެބޯޅައިގެ މިސްރާބު ބަދަލުވުމުން ކުޅުންތެރިންނަށް އޮޅުން އެރި. އެއީ އަހަރެމެންނަށް އުނދަގޫވި ވަގުތުކޮޅެއް. އެކަމަކު އަހަރެމެންނަށް އެކަމާ އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެމެންނަކަށް އެމެޗު އަލަކުން ނުކުޅެވޭނެ. އެހެންވީމަ އެއީ އެކަން މިހާލަތަށް އޮތްގޮތް،" ސޫލްބާކެން ބުންޏެވެ.

ސޫލްބާކެން ބުނީ ބޯޅައިގެ މިސްރާބު ބަދަލުވިތަން އޭނާއަށް އަމިއްލަ ލޮލަށް ނުފެނުނު ނަމަވެސް، ކުޅުންތެރިންނާއި ޓެކްނިކަލް އޮފިސަރުންނަށް ފެނުނު ކަމަށެވެ.

ސޫލްބާކެން ބުނީ އެކަމުގައި ޝަކުވާކޮށް، އެއީ ހެޑްލައިނަކަށް ހަދަން ބޭނުން ނުވާ ކަމަށާއި، ނޯވޭއިން މި ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.

ނޯވޭއިން މިފަހަރުގެ ކުއާޓާ ފައިނަލް ކުޅެފައި ވަނީ މުޅިން އަލަށެވެ. އަދި މިއީ 1998 ވަނަ އަހަރަށްފަހު ނޯވޭއިން ވޯލްޑް ކަޕަށް ކުރި ފުރަތަމަ ދަތުރެވެ. މުބާރާތުގައި ބްރެޒިލް ކަޓުވާލައި، ކުއާޓާއަށް ދިޔުން ވެގެން ދިޔައީ ތާރީހީ ކާމިޔާބީއަކަށެވެ.