ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި އިންގްލެންޑުން ނޯވޭ ބަލިކޮށް، ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓާ މެޗު އިތުރު ވަގުތަށް ގޮސްގެން އިންގްލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ 2018 ވަނަ އަހަރަށްފަހު އިންގްލެންޑުން ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.
މެޗަށް ނުކުތް އިރު، ޕްރެޝަރު ބޮޑުކޮށް އޮތީ އިންގްލެންޑަށެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު ފުރަތަމަ ތަށްޓަކަށް އެޓީމުން ކުރަމުންދާ އިންތިޒާރަށް ނިމުން ގެނައުމަކީ ކޮންމެ މުބާރާތެއްގައިވެސް ކުރިމަތިވާ ޕްރެޝަރެކެވެ. ފެވަރިޓެއްގެ ގޮތުގައި އޮތް އިންގްލެންޑުން މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ކްރޮއޭޝިއާ އާއި ޕެނަމާ އަތުން މޮޅުވި އިރު، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. ގަދަ 32 ގައި އިންގްލެންޑުން ވަނީ ފަހުވަގުތު ފަހަތުން އަރައި ޑީއާރް ކޮންގޯ އަތުން މޮޅުވެފައެވެ. އަދި ގަދަ 16 ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ މެކްސިކޯގެ ކާމިޔާބު ސްޓޭޑިއަމް، އަޒްޓެކާގައި އިންގްލެންޑުން ވަނީ ކުޅުންތެރިޔަކު މަދުކޮށް މެކްސިކޯ ބަލިކޮށްފައެވެ.
އެ ހިތްވަރާއެކު މިރޭ ނުކުތީ ތާރީހީ ފުރަތަމަ ކުއާޓާ ފައިނަލަށް ނުކުތް ނޯވޭ ކަޓުވާލުމަށެވެ. ނޯވޭއިން ވޯލްޑް ކަޕަށް ކޮލިފައިވެފައި މިވަނީ ވެސް 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ. މި ވޯލްޑް ކަޕްގެ ގްރޫޕު ސްޓޭޖުގައި ނޯވޭ ހަމައެކަނި ބަލިވެފައިވަނީ ފްރާންސް އަތުންނެވެ. އިރާގާއި ސެނެގާލް ވަނީ ބަލިކޮށްފައެވެ. ގަދަ 32 ގައި ފަހުވަގުތު އައިވަރީ ކޯސްޓް ބަލިކުރި އިރު، ގަދަ 16 ގައި ނޯވޭއިން ވަނީ ވަރުގަދަ ބްރެޒިލް ބަލިކޮށް މުޅި ދުނިޔެ ހައިރާންކޮށްލައިފައެވެ.
މެޗަށް ނުކުތް އިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ރަން ބޫޓަށް ވާދަކުރަމުންދާ އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަދި ނޯވޭގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑަށެވެ.
މިހާތަނަށް މުބާރާތުގައި ގޯލު ޖަހާފައިވާ ނިސްބަތަށް ބަލާއިރު، ކޭންއަށް ވުރެ އެއް ގޯލުގެ ތަފާތަކުން ކުރީގައި އުޅެނީ ހާލަންޑެވެ. މުބާރާތުގައި ހާލަންޑް ހަތް ގޯލު ޖަހާފައިވާ އިރު، ކޭން ވަނީ ހަ ގޯލު ޖަހައިފައެވެ. ނަމަވެސް މި ދެ ކުޅުންތެރިން ވެސް އުޅެނީ އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ފްރާންސްގެ ކިލިއަން އެމްބާޕޭއަށް ވުރެ ފަހަތުގައެވެ. އެ ދެ ކުޅުންތެރިން ވަނީ އަށް ގޯލު ޖަހައިފައެވެ.
ނޯވޭއިން މެޗަށް ނުކުތީ އެންޓޯނިއޯ ނޫސާގެ ބަދަލުގައި އަންދްރޭސް ޝެލްޑެރުޕްއަށް ފުރަތަމަ 11 އިން ފުރުސަތު ދީގެންނެވެ. އަނެއްކޮޅުން އިންގްލެންޑުން މިރޭވެސް ބުކަޔޯ ސަކާގެ ބަދަލުގައި ނޮނީ މަޑުއެކޭއަށް ފުރުސަތު ދީފައިވާ އިރު، ރަތް ކާޑާ ގުޅިގެން ޖެރެލް ކުއަންސާ ސަސްޕެންޝަނުގައި ހުރުމުން ޑިފެންސަށް ފުރަތަމަ 11 އަށް ނުކުތީ ޖޯން ސްޓޯންސްއެވެ.
މިރޭ މެޗުގެ ކުރިން ކުއްލި ގޮތަކަށް މަރުވި ދެކުނު އެފްރިކާގެ މިޑްފީލްޑަރު ޖޭޑަން އެޑަމަސްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ. އުމުރުން 25 އަހަރުގެ އެޑަމްސްއަކީ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ގަދަ 32 ގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމަށް ކުޅެފައެވެ.
ފުރަތަމަ ކޮޅުގައި ފެނުނީ އިންގްލެންޑުން ބޯޅަ ހިފެހެއްޓިތަނެވެ. އެހެން ނަމަވެސް ނުރައްކަލެއް ނެތިއެވެ. ނޯވޭއިން ދިޔައީ ހަމަޖެހިލައިގެން މަޑުމަޑުން ޑިފެންސިވް ވިސްނުމެއްގައި މަޑުކޮށްލައިގެން ކުޅެމުންނެވެ.
އޭގެފަހުން މަޑުމަޑުން އިންގްލެންޑުން ތަންކޮޅެއް ބޮޑަށް ނުރައްކާ ކުރިއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ނޮނީ މަޑުއެކޭ ދިން ބޯޅަ، ނޯވޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ނިކޯ އޯ ރައިލީއަށް ރަނގަޅަށް ކޮންޓްރޯލް ނުވެ، ފުރުސަތުގެ ބޭނުން ނުކުރެވި ދިޔަ އިރު، މެޗަށް ދިރުމެއް ލިބުނީ ހައިޑްރޭޝަން ބްރޭކަށްފަހުއެވެ. މަޔާމީގެ ގަދަ ހޫނުގައި ކުޅެމުން ދިޔަ މެޗުގެ 33 ވަނަ މިނެޓުގައި ނޯވޭއިން ނުރައްކާ ކުރިއެވެ.
ޖޯން ސްޓޯންސް އަތުން ގެއްލުނު ބޯޅައަކަށް، ޕެނަލްޓީ އޭރިއާ ތެރެއިން ނޯވޭ ފޯވަޑް އާލިން ހާލަންޑް މަސައްކަތްކުރި ނަމަވެސް، އޭނާގެ ކުރިން އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަ ހޯދާފައެވެ. އަދި އޭގެ މިނެޓެއް ފަހުން ހޫލިއަން ރިޔާސަން ނަގައިދިން ހުރަހަކުން ހާލަންޑް ފޮނުވާލި ހަމަލާވެސް މަތަކުރީ ޕިކްފޯޑެވެ. މަޑުމަޑުން ހާލަންޑް މެޗަށް ވަންނަމުން ދިޔުމާއެކު އިންގްލެންޑަށް ސަމާލުވާން މަޖުބޫރުވިއެވެ.
ނޯވޭން އެ ނުރައްކާތަކާއެކު 36 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންގްލެންޑް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނޯވޭއަށް ގޯލް ޖަހައިދިނީ ޝެލްޑެރަޕްއެވެ. ހުރަހެއް ކަހަލަ ގޮތަކަށް ދިޔަ ބާރު ހަމަލާ ސީދާ ގޯލަށް ވަނީ ޕިކްފޯޑް އަތްމަތިން ދަނޑީގައި ޖެހިފައެވެ.
އޭގެފަހުން ހާފު ނިމުމުގެ ފުލުފުލުގައި ނުރައްކާ ކުރީ ނޯވޭއިންނެވެ. އޭރިއާ ބޭރުން އެލެކްޒެންޑާ ސޯލޮތު ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ މަތަކުރީ ޕިކްފޯޑެވެ. އަދި 43 ވަނަ މިނެޓުގައި ކައުންޓާގައި ސޯލޮތު އަދި ހާލަންޑް މުޅިން ހުހަށް ކުރިއަށް އެރި އިރު، ފަހަތުގައި އޮތީ އިންގްލެންޑްގެ ސްޓޯންސް އެކަންޏެވެ. އެ ބޯޅަ މާ ލަސްވުމުން ފުރުސަތު ގެއްލި ސޯލޮތު ދިނީ ސްޓޯންސް ފަޔަށެވެ.
ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އިންގްލެންޑަށް އެއްވަރު ކޮށްދިނީ ފޯމުގައި ހުރި ޖޫޑް ބެލިންހަމްއެވެ. އެންތަނީ ގޯޑަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ބެލިންހަމް ފޮނުވާލީ ތިރިންނެވެ. އެ ގޯލާއެކު ދެވަނަ ހާފު ހުޅުވިގެން ދިޔައެވެ.
ދެވަނަ ހާފަށް އިންގްލެންޑުން ވަނީ ނީ މަޑުއެކޭ އާއި ޑެކްލެން ރައިސްގެ ބަދަލުގައި ބުކަޔޯ ސަކާ އަދި އެބެރެޗޭ އެޒޭ ކުޅެން ނެރެފައެވެ.
ހާފުގެ ކުރީކޮޅުގައި އަނެއްކާވެސް ނޯވޭއިން ބޮޑަށް ނުރައްކާ ކުރި އިރު، 53 ވަނަ މިނެޓުގައި ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕިކްފޯޑް އަތަށެވެ. އަދި އޭގެ ދެމިނެޓް ފަހުން 55 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ޕެޓްރިކް ބާގް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ޓޯބްޔޯން ހެގެމް، އިންގްލެންޑްގެ ގޯލުގެ ތެރެއަށް ވަނީ ފޮނުވާލާފައެވެ. އެއީ ގޯލެއް ނޫން ކަމަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ކޯނަރުގެ ކުރިން ހާލަންޑް، އިންގްލެންޑްގެ އެލިއަޓް އެންޑަސަން ކޮއްޕާލާފައި އޮތުމުންނެވެ.
ނޯވޭއިން ނުރައްކާ ކުރަމުން ދިޔަ ދިޔުމުގައި 76 ވަނަ މިނެޓުގައި އަނެއްކާވެސް މެޗުގެ ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ކޯނަރެއްގައި ކްރިސްޓޮފާ އަޔާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އިންގްލެންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ.
ނޯވޭގެ އެ ހަމަލާތައް ކާމިޔާބުނުވެ، މެޗު އިތުރު ވަގުތަށް ދާން ދިޔަ އިރު، ފުރިހަމަ ވަގުތުގެ ފަހުކޮޅުގައި އިންގްލެންޑުންވެސް ނުރައްކާ ކުރިއެވެ. ބަދަލުތަކާއެކު ޓީމުގެ ސްޓައިލް ބަދަލުކޮށްލައިގެން ކުޅުނު އިންގްލެންޑަށް، 87 ވަނަ މިނެޓުގައި ލީޑު ނުލިބުނީ ކިރިޔާއެވެ. ސަކާ، އަރިމަތިން އެތެރެއަސް ވަދެ، ކީޕަރު ނެއްޓޭ ވަރަށް ނަގައިދިން ހުރަސް ކޭން ފޮނުވާލަ ފޮނުވާލައި އޮއްވާ ސާފުކޮށްލީ ނޯވޭގެ ފްރެޑްރިކް އޯސްނެސްއެވެ.
ފުރިހަމަ ވަގުތުގައި އެއްވަރުވެ، އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި އިންގްލެންޑުން ގޯލް ޖަހައި މެޗު އަނބުރާލިއެވެ. މިފަހަރުވެސް ބެލިންހަމްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޯގަން ރޮޖާސް ފޮނުވާލި ބާރު ހަމަލާ، ނޯވޭ ކީޕަރު ނީލަންޑް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ބެލިންހަމް ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.
އޭގެ އިރުކޮޅެއް ފަހުން އިންގްލެންޑަށް އިތުރު އުފާވެރިކަމެއް ލިބުނު ކަހަލައެވެ. ޖެޑް ސްޕެންސަށް އޭރިއާ ތެރެއިން އޮސްކާ ބޮބް ކުރި ފައުލަކާ ގުޅިގެން ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރް ބަލައި ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފަށް ނޯވޭ އިން ނުކުތީ ބަދަލަކާއެކުގައެވެ. އެއީ ހާލަންޑްގެ ބަދަލުގައި ޔޯގެން ސްޓްރާންޑް ލާސަން ކުރިއަށް ނެރެގެންނެވެ.
އޭގެފަހުން ދެވަނަ ހާފުގައިވެސް އިތުރު ގޯލަކާ ބޮޑަށް ގާތަށް ޖެހިލީ އިންގްލެންޑޫންނެވެ. އެގޮތުން 110 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ސްޕެންސް ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ފޮނުވާލި ހަމަލާ ވެސް މަތަކުރީ ނޯވޭ ކީޕަރު ނީލަންޑެވެ.
ފަހު ވަގުތުކޮޅު އިންގްލެންޑުން އެއްކޮށް ޑިފެންސްކޮށް ހިފަހައްޓާލި އިރު، އެޓީމުން ސެމީގައި ނުކުންނަން ޖެހޭނީ އާޖެންޓީނާއާއި ސްވިޒަލޭންޑް ކުޅޭ ކުއާޓާ ފަހު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް