ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށްގެންދަނިކޮށް އެތަނަށް ވަދެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިރޭ 21:15 އެހައިކަންހާއިރު އެ ސްކޫލަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ގުނުން ކުރިއަށްދިޔަ ވަގުތުއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ ވަނީ މާރާމާރީ ހިންގައި އެތަނުގެ ގޮނޑިތައްވެސް އުކާލައިފައެވެ.