އުމުރުން 39 އަހަރުގައިވެސް ލިއޮނަލް މެސީ ހުރީ އާދަޔާހިލާފު ފިޓްނަސްއެއްގައި ކަމަށާއި، މިހާރު ފެންނަ ފޯމަކީ ހައިރާންވާން ޖެހޭކަމެއް ނޫންކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި މާދަމާ ހެނދުނު 6:00 ޖަހާއިރު ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކާމިޔާބުކޮށް، ގަދަ 32 ގައި ނުކުތީ ކޭޕް ވާޑާ ދެކޮޅަށެވެ. އެމެޗުން ސަލާމަތްވީ ކިރިޔާއެވެ. އެއީ އިތުރު ވަގުތަށް ގޮސް، 3-2 ގެ ނަތީޖާއަކުންނެވެ. ދެން ގަދަ 16 ގައިވެސް ދިމާވީ އެކަހަލަ ހާލަތެކެވެ. މެޗުގެ ފަހުކޮޅާ ހަމައަށް މިސްރުން އާޖެންޓީނާ ކައިރީ 2-0 އިން ލީޑު ކޮށްފައިވާ އިރު، އާޖެންޓީނާއިން ފަހުވަގުތު ފަހަތުން އަރައި މޮޅުވީ 3-2 އިންނެވެ.
ތަފާތު ރޫހެއްގައި އާޖެންޓީނާއިން މުހިއްްމު ވަގުތުގައި މޮޅުވަމުން އަންނައިރު، އެޓީމުގެ ރޫހުގެ ގޮތުގައި ފާހަގަވަނީ މެސީއެވެ. މެސީ މިހާތަނަށް މި ވޯލްޑް ކަޕްގައިވެސް 8 ގޯލް ޖަހައި، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައިގައި އޮތް އިރު، އެ ލިސްޓްގައި މެސީއާ އެއްވަރަށް ގޯލް ޖަހާފައި ވަނީ ކިލިއަން އެމްބާޕޭއެވެ.
މި ވޯލްޑް ކަޕްގެ ތެރެއިން މެސީ ވަނީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހުންތެރިޔާގެ ރެކޯޑުވެސް މުގުރާލައިފައެވެ. އެއީ ކުރިން މިރްސްލާވް ކްލޯސާ އަތުގައި އޮތް ރެކޯޑެކެވެ. މެސީ ވަނީ ވޯލްޑް ކަޕްގައި ޖުމުލަ 21 ގޯލް ޖަހައިފައެވެ.
"މެސީ އަދިވެސް ކުރިއެކޭ އެއްގޮތަށް ހުރިހާ މެޗެއްގައިވެސް ދުވެ ހަދާ. ފިޒިކަލީ ހުރީ ތަފާތުކޮށް. އެކަމުގެ ފަހަތުގައި ވަނީ އޭނާގެ ބުރަ މަސައްކަތް. މުބާރާތުގެ ކުރިން އިންޓަ މިއާމީއަށް ކުޅުމުންދިޔައިރުވެސް އަމިއްލަ ފިޓްނަސް ކޯޗާއެކު މެސީ މަސައްކަތް ކުރި. ދެން ނަންބަރުތަކަށް ބަލާއިރުވެސް މެސީއަށް މާބޮޑު ބަދަލެއް ނާދޭ. ސާފުވާ އެއްކަމަކީ މެސީއަށް ކުޅެވުނު އެންމެ ރަނގަޅަކަށް ޖާނާއި މާލު ދީގެން އަދިވެސް ކުޅޭކަން. އެ ހާލަތުގައި މެސީއަކީ ނުރައްކަލެއް. މެޝިނެއް،" ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނީ، މެސީ މިހާރު ހުރި އުމުރުގައި އޭނާގެ ކުޅުން ދަށްވާނެ ކަމަށް ހީކުރި މީހުން އެ ހީކުރަނީ ގޯސްކޮށް ކަމަށެވެ. އަދި މެސީ އެހުރި ލެވެލަކީ ހައިރާންވާވަރުގެ ކަމެއް ނޫން ކަމަށްވެސް ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާއާ ދެކޮޅަށް މާދަމާ ނުކުންނަ ސްވިޒަލޭންޑުން 72 އަހަރު ފަހުން ވޯލްޑް ކަޕްގެ ކުއާޓާގައި ވާދަކުރަން ތައްޔާރުވެފައިވާ އިރު، ސްކަލޯނީ ބުނީ އެއީ ފަސޭހަ ޓީމަކަށް ނުވާނެ ކަމަށެވެ. އަދި ހާއްސަކޮށް ސްވިޒަލޭންޑަކީ ވޯލްޑް ކަޕްގެ ސަގާފަތެއް އޮތް ތަޖުރިބާކާރު ކުޅުންތެރިން ތިބި ޓީމެއް ކަމަށްވެސް ސްކަލޯނީ ފާހަގަކުރިއެވެ.
އާޖެންޓީނާއާއި ސްވިޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ މާދަމާ ހެނދުނު 6:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް