ރަޝިއާއިން ދެމުންގެންދާ ބެލިސްޓިކް މިސައިލް ހަމަލާތަކުން ސަލާމަތްވުމަށްޓަކައި، ޔޫކްރެއިނުން އަމިއްލަ ގައުމުގައި ޕޭޓްރިއަޓް ވައިގެ ދިފާއީ ނިޒާމު އުފެއްދުމުގެ މަސައްކަތް ފެށުމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ގޮވާލައްވައިފިއެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން، އެމެރިކާއިން ވަނީ ޔޫކްރެއިންގައި ޕޭޓްރިއަޓް އިންޓަރސެޕްޓަރ މިސައިލް އުފެއްދުމުގެ ލައިސަންސް ދިނުމަށް އެއްބަސްވެފައެވެ.
ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޒެލެންސްކީ ވިދާޅުވި ގޮތުގައި، މިހާރު ދުނިޔޭގައި ޕޭޓްރިއަޓް ނިޒާމު އުފައްދާ މިންވަރަކީ ރަޝިއާގެ ހަމަލާތަކުން ދިފާއުވުމަށް ފުދޭ މިންވަރެއް ނޫނެވެ. އެމެރިކާއިން މަހެއްގެ މައްޗަށް އުފައްދަނީ 60 އާއި 65 އާ ދެމެދުގެ އަދަދެއްގެ މިސައިލް ކަމަށާއި، މިއީ މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އަޅައި ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ސަޕްލައި ޗެއިންތަކަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ހަތިޔާރު ލިބުން ލަސްވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫކްރެއިންގެ ދިފާއީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ހުޅަނގުގެ ކުންފުނިތަކުގެ އިތުރުން ޖަޕާނުގެ މިޓްސުބިޝީ ފަދަ ކުންފުނިތަކާއެކު ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. އެމެރިކާގެ ލޮކްހީޑް މާޓިން އަދި އާރްޓީއެކްސް ކޯޕަރޭޝަނުން އުފައްދާ މި ނިޒާމަކީ ޔޫކްރެއިންގެ ވައިގެ ދިފާއުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ހަތިޔާރެވެ.
ނަމަވެސް، ޔޫކްރެއިންގައި މިސައިލް އުފެއްދުމުގެ ގާބިލުކަން ގާއިމުކުރުމަށް އެތައް އަހަރެއް ނަގާނެއެވެ. އޭވިއޭޝަން ތަޖުރިބާކާރު ކޮސްޓިއަންޓިން ކްރިވޮލަޕް ވިދާޅުވި ގޮތުގައި، ކާރުހާނާތައް ބިނާކޮށް، މީހުން ތަމްރީނުކުރުމަށްފަހު، އަމިއްލައަށް އުފައްދާ ފުރަތަމަ މިސައިލް ބޭނުންކުރެވެން ފެށޭނީ 2029 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންކަމުން، މި ވަގުތަށް ޔޫކްރެއިނަށް ޖެހޭނީ ބޭރު ގައުމުތަކުން ފޯރުކޮށްދޭ ހަތިޔާރަށް ބަރޯސާވާށެވެ.
މި މަސައްކަތް ފެށުމަށް ޔޫކްރެއިންއިން އަވަސްވެގަނެފައިވަނީ، ރަޝިއާއިން ދެމުންދާ ވައިގެ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ހަފުތާގައި ރަޝިއާއިން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި ޔޫކްރެއިންގެ 22 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް