ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސްޕެއިނުން ބެލްޖިއަމް ބަލިކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ވާދަވެރި މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެގެންނެވެ.
މިރޭގެ ކުއާޓާއަށް ނުކުތް އިރު، ސްޕެއިނަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ކޭޕް ވާޑް އަތުން އެއްވަރުވި ނަމަވެސް، ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އަތުން ވަނީ މޮޅުވެފައެވެ. ގަދަ 32 ގައި ސްޕެއިނުން ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކުރި އިރު، ގަދަ 16 ގައި ފަހުވަގުތު ޕޯޗުގަލް އަތުން ވަނީ މޮޅުވެފައެވެ. މިރޭގެ މެޗަށް ސްޕެއިން ނުކުތީ ތަފާތު ވަރުގަދަ ޑިފެންސިވް ރެކޯޑަކާ އެކުގައެވެ. އެއީ ކޮޅަށް އެއްވެސް ގޯލެއް ނުވައްދާ އޮވެގެންނެވެ.
ޔޫރަޕްގެ ވަރުގަދަ ކުރިމަތިލުމެއްގެ ގޮތުގައި މިރޭގެ މެޗު ވެގެން ގޮސްފައި އޮތް އިރު، ބެލްޖިއަމުން މުބާރާތުގެ މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ އުނދަގޫތަކަކާއެކުއެވެ. ގްރޫޕުގެ ފަހު މެޗާ ހަމައަށް އުނދަގޫ ހާލަތެއްގައި އޮތް ބެލްޖިއަމަށް ނޮކްއައުޓްގެ ޖާގައެއް ކަށަވަރުވީ ފަހު މެޗުގައި ބޮޑު ތަފާތަކުން ނިއު ޒިލޭންޑް ބަލިކުރުމުންނެވެ. އޭގެ ކުރިން އިރާނާއި މިސްރު ކައިރިންވެސް ބެލްޖިއަމް ވަނީ އެއްވަރުވެފައެވެ.
ގްރޫޕްގެ ހާލަތު އޮތް ގޮތުން ގްރޫޕު ސްޓޭޖުގެ ފަހު ދުވަހުގެ ނަތީޖާތަކަށްފަހު ނޮކްއައުޓް ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ބެލްޖިއަމަށް ލިބުނެވެ. އެއީ ބެލްޖިއަމަށް ލިބުނު ހިތްހަމަ ޖެހުމަކަށްވީ އިރު، އެޓީމަށް ގަދަ 32 ގެ މެޗު ވެސް ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ސެނެގާލުން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ބެލްޖިއަމް ސަލާމަތްވީ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބެލްޖިއަމް މޮޅުވީ ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ގަދަ 16 ގައި މުބާރާތުގެ އެއް ހޯސްޓް އެމެރިކާ އަތުން ބެލްޖިއަމުން ވަނީ ފަސޭހަ މޮޅެއް ހޯދައިފައެވެ. އެ މެޗުން ބެލްޖިއަމް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މާޒީއަށް ބަލާއިރު، ސްޕެއިން އަދި ބެލްޖިއަމް ވަނީ ފާހަގަކޮށްލެވޭ މުހިންމު މެޗުތަކެއް ކުޅެފައެވެ. ނަމަވެސް ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. ތާރީހީ ރެކޯޑުތަކުން ދައްކާ ގޮތުގައި، ދެ ގައުމު ބައްދަލުކުރި ގިނަ މެޗުތަކުން މޮޅުވެފައިވަނީ ސްޕެއިނެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ކުޅުނު ވާދަވެރި މެޗުތަކުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ހަމަހަމަ ކުޅުމެއް ފެނިފައެވެ.
ބެލްޖިއަމްއާ ދެކޮޅަށް ސްޕެއިނުން ކުޅުނު 22 މެޗުގެ ތެރެއިން 12 މެޗަކުން މޮޅުވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ ފަސް މެޗަކުންނެވެ. އަދި ފަސް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުން ސްޕެއިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ ކުރިން ވޯލްޑް ކަޕްގެ ތާރީހުގައި ސްޕެއިނާއި ބެލްޖިއަމް ވަނީ ދެ ފަހަރަކު ބައްދަލުކޮށްފައެވެ. ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލުގައި ވެސް ދެ ޓީމު ބައްދަލުކޮށްފައިވާ އިރު، ޕެނަލްޓީ ޝޫޓްއައުޓަށް ދިޔަ އެ މެޗުން މޮޅުވީ ބެލްޖިއަމެވެ. ނަމަވެސް ޖެހިގެން އައި ވޯލްޑް ކަޕް 1990 ގެ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗު ކާމިޔާބުކުރީ ސްޕެއިނުންނެވެ.
މެޗަށް ބެލްޖިއަމުން ވަނީ އަލުން ޖެރެމީ ޑޯކޫ އަދި ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ފުރަތަމަ 11 އަށް ނެރެފައެވެ. އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ 11 ގައި ހިމެނުނު އަމަދޫ އޮނާނާ އަނިޔާގައި ހުރި އިރު، ޑޮޑީ ލުކެބަކިއޯ ފެށީ ބެންޗުންނެވެ. އަދި ފަހު ވަގުތު އަނިޔާއަކާ ގުޅިގެން ކެޕްޓަން ޔޫރީ ޓިލެމަންސްގެ ބަދަލުގައި ވަނީ ހާންސް ވަނެކަންއަށް ފުރުސަތު ދީފައެވެ.
އަނެއްކޮޅުން ސްޕެއިންވެސް ވަނީ މުހިއްމު ބަދަލެއް ފާހަގަވެފައެވެ. މިޑްފީލްޑަރު ޕެޑްރީ ބެންޗުން ފެށި އިރު، ފުރަތަމަ 11 އަށް އޭނާގެ ބަދަލުގައި ނެރެފައި ވަނީ ޕީއެސްޖީގެ މިޑްފީލްޑަރު ފަބިއަން ރުއިޒްއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅާ ހަމައަށް ފެނުނީ ގިނަ ބަޔަކު އުންމީދުކުރި ގޮތަށް ސްޕެއިންގެ ޑޮމިނެންސެވެ. ބޯޅަ ހިފަހައްޓައިގެން ހަމަލާތައްވެސް އުފެއްދީ ސްޕެއިނުންނެވެ. ޕާސްތައް ގިނަކޮށްގެން ނުރައްކާ ކުރި ސްޕެއިން ހުއްޓުވުމަށް، އެހެން ޓީމުތަކަކޭވެސް އެއްގޮތަށް ބެލްޖިއަމްވެސް ތިބީ މަޑުކޮށްލައިގެންނެވެ. އެއީ ސްޕެއިނާ ދެކޮޅަށް މިހާތަނަށް މުބާރާތުގައި ގިނަ ޓީމުތަކުން ބޭނުންކުރި އުކުޅެވެ.
ފުރަތަމަ ހަމަލާ 10 ވަނަ މިނެޓުގައި ފެނުނު އިރު، ރުއިޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރީ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. އޭގެ ދެ މިނެޓް ފަހުން އޭރިއާ ތެރެއިން އެލެކްސް ބައޭނާ ފޮނުވާލި ބޯޅަވެސް ބްލޮކްވި އިރު، ލަމީން ޔަމާލް ވެސް ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ.
މެޗުގެ 21 ވަނަ މިނެޓުގައި މިކެލް އޮޔާޒަބާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް އޭނާގެ ރަސްމީ ސްޓައިލްގައި ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ އިރު، ހައިޑްރޭޝަން ބްރޭކަށްފަހު ސްޕެއިން ލީޑު ނެގިއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ރުއިޒްއެވެ. . ޕެޑްރޯ ޕޮރޯ ދިން ބޯޅައިގައި ޑެނީ އޮލްމޯ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، ބެލްޖިއަމް ކީޕަރު ތިބޯ ކޯޓުވާ ވަނީ ވެއްޓިގެންފައި އެ ބޯޅަ ދިފާއުކޮށްފައެވެ. އެ ބޯޅައިގެ ރިބައުންސްގައި ރުއިޒް ފޮނުވާލި ހަމަލާ ވައްދާލީ ގޯލްގެ ތެރެއަށެވެ.
އެ ގޯލަށް ފަސް މިނެޓް ފަހުން ޔަމާލްގެ ހިލޭ ޖެހުމެއްވެސް ކޯޓުވާ މަތަކުރި އިރު، ޔަމާލްގެ އިތުރު ހަމަލާއެއް އޭގެ ފަސް މިނެޓް ފަހުން 40 ވަނަ މިނެޓުގައިވެސް ފެނުނެވެ. އެ ހަމަލާވެސް ދިޔައީ އަރިމަތިން ބޭރަށެވެ.
ސްޕެއިނުން އެޓޭކަކަށްފަހު އެޓޭކެއް ކުރަމުން ދިޔަ ދިޔުމަށް ހައިރާންކަން ގެނުވީ ބެލްޖިއަމުން އުފެއްދި ފުރަތަމަ ހަމަލާގައި ގޯލް ޖެހުމުންނެވެ. 41 ވަނަ މިނެޓުގައި ޓިމޮތީ ކަސްޓަންޔާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ސްޕެއިންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް ގޯލް ޖަހަިއދިނީ ޗާލްސް ޑި ކެޓެލާއެވެ.
އެއީ ވޯލްޑް ކަޕްގައި 649 މިނެޓަށްފަހު ސްޕެއިން ކޮޅަށް ވަން ފުރަތަމަ ގޯލެވެ. އެހިސާބުން ދެވަނަ ހާފު ޝައުގުވެރިވާނެކަން ޔަގީންވިއެވެ.
ދެވަނަ ހާފުގައިވެސް ފެނުނީ ފުރަތަމަ ހާފުގެ މަންޒަރެވެ. ސްޕެއިނުން ފެށީ އެޓީމުގެ ރަސްމީ އެޓޭކިން ގޭމްގައެވެ. ހަމަލާތައް އިތުރަށް ވަރުގަވެސް ކުރިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި މާކް ކުކުރެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔަމާލް ފޮނުވާލި ހަމަލާ، ބެލްޖިއަމް ޑިފެންޑަރު ބްރެންޑަން މެކެލާ ބްލޮކް ކުރި އިރު، އަނެއްކޮޅުން ބެލްޖިއަމްވެސް ފުރަތަމަ ހާފަށްވުރެ ބޮޑަށް އެޓޭކް ކުރެވޭތޯ ބެލިއެވެ.
އެގޮތުން މެކްސިމް ޑި ކައުޕާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ދިޔައީ ހަނި ގޮތަކަށް ބޭރަށެވެ.
އޭގެފަހުން އަނެއްކާވެސް ސްޕެއިން ދެ ހަމަލާއެއް ފުލުފުލުގައި ފެނުނު އިރު، އެ ދެ ހަމަލާގެވެސް ހުރަކަަށްވީ ބެލްޖިއަމްގެ ކީޕަރު ކޯޓުއާއެވެ. ޔަމާލް ރަސްމީކޮށް މެދުތެރެއަށް ކަނޑާލާފައި ފޮނުވާލި ހަމަލާއެއްގެ އިތުރުން އޮޔާޒަބާލް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ކޯޓުއާ މަތަކުރި އިރު، ހައިޑްރޭޝަން ބްރޭކަށް ދިޔައީ ކޯޓުއާއަށް އަނިޔާއެއް ވެގެންނެވެ. އެ އަނިޔާގެ ސަބަބުން އޭނާއަށް އިތުރަށް ކުރިއަށްވެސް ނުގެންދެވުނެވެ.
އެންމެފަހުން ކޯޓުއާގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސާން ލަމެންސް ކުޅުމަށް ގެންނަން ބެލްޖިއަމް ކޯޗު ރުޑީ ގާސިއާއަށް މަޖުބޫރުވިއެވެ.
އެހިސާބުން ސްޕެއިނަށް ހިތްވަރު ލިބި ދުރުން ބައެއް ހަމަލާތައް ފޮނުވާލިތަން ފެނުނު އިރު، ސްޕެއިނުން ކުރަމުންދިޔަ އެޓޭކްތަކަށް ކާމިޔާބު ލިބުނީ އެންމެ ފަހުވަގުތުއެވެ. މިރޭގެ މެޗުގައިވެސް ގޯލް ޖަހައިދިނީ ޕޯޗުގަލް ކޮޅަށް ބަދަލަކަށް އަރައި ގޯލް ޖެހި މިކެލް މެރީނޯއެވެ.
ޕެނަލްޓީ އޭރިއާ ބޭރުން ޕައު ކުބާސީ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ކީޕަރު ސަން ލަމެންސް މަތަކުރުމާއެކު، ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެރީނޯ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގައެވެ.
އެ ގޯލާއެކު ސްޕެއިނުން ސެމީ ފައިނަލް ޔަގީންކޮށް، ފްރާންސާ ދެކޮޅަށް ނުކުންނަން ތައްޔާރުވިއެވެ. އެމެޗު ވެގެންދާނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދާ ތަފާތު ވާދަވެރި މެޗަކަށެވެ. ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް