ވިލިމާލޭގެ ގުދުރަތީ ރީތިކަމާއި ފެހިކަން ދަމަހައްޓަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވިލިމާލޭގެ މީހަކު ބުނެފައިވަނީ ވިލިމާލޭގެ ގަސްތައް ކަނޑާފައި ނަމަވެސް އެ ރަށުގައި ފުލެޓް އަޅަން ގިނަ ރައްޔިތުން ބޭނުންވާ ކަމަށެވެ.

އެކަމާ ގުޅިގެން ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެއަކީ ފެހިކަމާއި ގުދުރަތީ ސިފަތައް ހިމާޔަތް ކުރެވިފައިވާ، ކޮންކްރީޓް ޖަންގަޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބުރިޖުން މާލެއާއި ތިލަފުށި ގުޅާލުމުން، ގުޅިފަޅާއި ތިލަފުށީގައި އިސާހިތަކު އުސް އިމާރާތްތައް ބިނާވެގެންދާނެ ކަމަށެވެ.

ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގުމަށް މި ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފުލެޓް އަޅަން ނިންމީ ވިލިމާލޭގެ ފުނަވާ ހިމެނޭ ސަރަހައްދުގައެވެ. ނަމަވެސް އެ ސަރަހައްދުގެ ގަސްތައް ކަނޑަން ޖެހޭތީ ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ވަނީ ގަސްތައް ނުކަނޑައި، އެހެން ސަރަހައްދެއްގައި ފުލެޓްތަކުގެ އެއް ޓަވަރު އެޅުމަށް ނިންމާފައެވެ.