ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް، ހައްގުތަކަށް މަސައްކަތް ކުރާ ފެއާސްކެޔާއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ފެއާސްކެޔާއިން ބުނެފައި ވަނީ އިންފަންޓީނޯއާ ދެކޮޅަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ ފީފާގެ ރައީސް "ސިޔާސީ ވަކިއަތަކަށް ބުރެވެގެން ނުވާނެ،" ކަމަށް ބުނެފައިވާ މާއްދާއާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ކަމަށެވެ.

މީގެ ކުރިން ފެއާސްކެޔާއިން ވަނީ ފީފާގެ އެތިސް ކޮމިޓީއަށްވެސް އެ މައްސަލަ ހުށަހަޅައިފައެވެ. އެއީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ފީފާގެ ރައީސް އިންފަންޓީނޯ ތަކުރާރުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާތީ ކަމަށެވެ. ހާއްސަކޮށް ޓްރަމްޕްގެ ޕޮލިސީތަކަށްވެސް ތާއީދުކޮށް އިންފަންޓީނޯ ވާހަކަ ދައްކާފައިވާ ކަމަށް އެ ގްރޫޕުން ބުންޏެވެ.

ފެއާސްކެޔާ ވަނީ ފީފާއިން އަލަށް ދިން ޕީސް ޕްރައިޒްވެސް ޓްރަމްޕަށް ދޭން ޖެހުނު ސަބަބު ބަޔާންކޮށްދޭން އެދިފައެވެ. އަދި އެކަން ކުރީ ކޮން އުސޫލަކުންތޯވެސް ސުވާލު އުފައްދާފައިވެއެވެ.

މިފަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯއިން ވޯލްޑް ކަޕް ހޯސްޓް ކުރަމުން އަންނަ އިރު، ވޯލްޑް ކަޕްގެ ގަދަ 32 ގެ މެޗެއްގައި އެމެރިކާގެ ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑެއް މައާފުކޮށްދީފައިވެއެވެ. ބޮސްނިއާއާ ދެކޮޅަށް އެމެރިކާއިން ކުޅުނު މެޗުގައި ބަލޮގަންއަށް ދެއްކި ރަތް ކާޑު ބެލްޖިއަމް މެޗުގެ ކުރިން ފީފާއިން މައާފުކޮށްދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ކޯލަކާއެކުގައެވެ.

އެއާއެކު އިންފަންޓީނޯއަށް ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ފެއާސްކެޔާއިން ބުންޏެވެ. އެ މައްސަލަވެސް ޔޫރޮޕިއަން ޕާލިމެންޓްގެ 50 މެންބަރުން ވެގެން ފީފާއަށް ހުށަހަޅާފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

އޭގެ އިތުރުން ފީފާ ޕީސް ޕްރައިޒާ ގުޅޭގޮތުން ނޯވޭގެ އެފްއޭއިންވެސް ވަނީ ސުވާލުތަކެއް އުފައްދައި، ރަސްމީކޮށް މައްސަލަ ވައްދައިފައެވެ. އެއީވެސް ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހޭތީ ކަމަށް ބުނެއެވެ.