ބެލްޖިއަމް ވެގެންދާނީ ސްޕެއިނުން މިހާތަނަށް ވޯލްޑް ކަޕްގައި ކުރިމަތިލާނެ އެންމެ އުނދަގޫ ޓީމަށް ކަމަށް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
ސްޕެއިނުން މިހާތަނަށް ކޮޅަށް ގޯލެއް ވަނަނުދީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އެޓީމުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑް ކައިރިން ހައިރާން ކުރުވަނިވި ގޮތަކަށް އެއްވަރުވިއެވެ. އެހެން ނަމަވެސް ކުޅުނު ދެމެޗުގައި ސައުދީ އަރަބިއްޔާއާއި އުރުގުއާއީ ބަލިކުރި އިރު، ސްޕެއިން ގަދަ 32 ގައި ވަނީ އޮސްޓްރިއާ ބަލިކޮށްފައެވެ. އަދި ގަދަ 16 ގައި އެޓީމުން ވަރުގަދަ ޕޯޗުގަލް ބަލިކުރީ 1-0 އިންނެވެ.
"ބެލްޖިއަމް މެޗު ވެގެންދާނީ މިހާތަނަށް އައިއިރު ކުރިމަތިލާން ޖެހޭ އެންމެ އުނދަގޫ މެޗަށް. ބެލްޖިއަމަކީ ވަރަށް ވަރަށް ވަރުގަދަ ޓީމެއް. މޮޅުވާން އެނގޭ ބައިވަރު ކުޅުންތެރިން އެބަތިބި. މެޗު ވަރަށް ޗެލެންޖިން ވާނެ،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ބެލްޖިއަމަށް މިފަހަރު ގްރޫޕް ސްޓޭޖު އުނދަގޫކޮށް ދިޔަ އިރު، އެޓީމުން ގަދަ 32 ގައި ސެނެގާލް ބަލިކުރީ އެންމެ ފަހުވަގުތު ގޯލްތައް ޖަހައި އިތުރު ވަގުތަށް ކުޅެގެންނެވެ. އެހެން ނަމަވެސް ގަދަ 16 ގައި އެމެރިކާ ބަލިކުރީ ފަސޭހަކަމާއެކުގައެވެ. މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެއް ފްރާންސާ ވާދަކުރަން ޖެހޭ އިރު، ސްޕެއިން ކޯޗު ބުނީ އަދި އެހިސާބަށް ނުވިސްނާ ކަމަށެވެ.
ސްޕެއިނުން އުމުރުން 18 އަހަރުގެ ލެމީން ޔަމާލަށް ވަރަށް ބޮޑަށް ބަރޯސާވާ އިރު، ޑެ ލަ ފުއެންޓޭ ބުނީ ޔަމާލް މިހާރު އަންނަނީ އިތުރަށް ކުޅުން ރަނގަޅު ކުރަމުން ކަމަށެވެ. ހާއްސަކޮށް ޕޯޗުގަލް މެޗުގައި ޑިފެންސިވް މަސައްކަތްވެސް ފުރިހަމައަށް ފެނުނު ކަމަށް ސްޕެއިނާއެކު އެންމެފަހުން އޮތް ޔޫރޯ ހޯދި ޑެ ލަ ފުއެންޓޭ ބުންޏެވެ. ޑެ ލަ ފުއެންޓޭ ބުނީ މެޗުން މޮޅުވުން ބަރޯސާ ވާނީ ވަކި ކުޅުންތެރިޔަކަށް ނޫން ކަމަށާއި، ޓީމަށް ކަމަށެވެ.
ސްޕެއިނާއި ބެލްޖިއަމް ވާދަކުރާ ކުއާޓާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް