ވޯލްޑް ކަޕް ފެށުމުގެ ކުރީންވެސް ފެންނާނެ ކަމަށް އުންމީދު ކުރެވުނު މަންޒަރެކެވެ. ކްލަބު ފުޓުބޯޅައިގައި ތަފާތު ދައްކަމުން ދިޔަ މައިކަލް އޮލީސޭއާއި އެންމެފަހުގެ ބެލޮންޑިއޯ ހޯދައި، ޕީއެސްޖީއާއެކު ފުލުފުލުގައި ދެ ޗެމްޕިއަންސް ލީގު ހޯދި އުސްމާން ޑެމްބެލޭ އަދި އިތުރު ސުވާލަކަށް ބޭނުން ނުވާނެ ކިލިއަން އެމްބާޕޭގެ ހުނަރުގެ ވާހަކައެވެ. އެ ފޯވަޑް ލައިނާއެކު ފްރާންސުން ވޯލްޑް ކަޕަށް ގެނެސްދޭނެ ޖާދުލުގެ ވާހަކަ ކުރިންވެސް އޮތީ ދެކެވިފައެވެ. ސުވާލަކަށް އޮތީ އެ ތަރިންނާއެކު ފްރާންސަށް ވޯލްޑް ކަޕްގައި ޕްރެޝަރާ ކުރިމަތިލެވޭނެ ތޯ ކުރެވުނު ސުވާލެވެ. މިހާތަނަށް އެ ސުވާލަށް ދޭން އޮތް ޖަވާބު "މާ ރީއްޗަށްވެސް" ދީފިއެވެ. އުންމީދު ކުރި ހިތްގައިމުކަން ފްރާންސްގެ ފޯވަޑް ލައިނުން ދަނީ ފެންނަމުންނެވެ. ރެކޯޑުތައް މުގުރާލުމުގެ މިސްރާބަށް އެ ފޯވަޑް ލައިން ދަނީ ކުރިއަށެވެ.

ފާހަގަކުރި ތިން ކުޅުންތެރިންގެ އިތުރުން ފްރާންސް ބެންޗުން ދެން އަރަނީވެސް ޒުވާން، ހުނަރުން ފުރިގެންވާ ތަރިންނެވެ. ޑިޒައިރޭ ޑޫއޭއާއި ބްރެޑްލީ ބާކޯލާ ފަދަ ކުޅުންތެރިންނެވެ. އެ ހުނަރާއެކު ފްރާންސުން މިހާތަނަށް ސެމީ ފައިނަލަށް ކުރި ދަތުރުގައި ހަތް މެޗުން 15 ގޯލް ޖަހައިފިއެވެ. އޭގެ ތެރެއިން އެޓީމުގެ މައިގަނޑު ތިން އެޓޭކަރުންގެ ތެރެއިން އެމްބާޕޭއާއާއި ޑެމްބެލޭ އެކަނިވެސް 13 ގޯލް ޖަހައިފިއެވެ. އޮލީސޭއަށް ގޯލް ނުޖެހުނު ނަމަވެސް، ޖުމުލަ ފަސް އެސިސްޓާއެކު އޭނާއަކީ މިހާތަނަށް އެންމެ ގިނަ އެސިސްޓް ފުރިހަމަ ކުރި ކުޅުންތެރިޔާއެވެ. އެމްބާޕޭ މިހާތަނަށް 8 ގޯލް މި ވޯލްޑް ކަޕްގައި ޖަހާފައިވަ އިރު، އޭނާއަކީ ލިއޮނަލް މެސީއާއެކު ގޯލް ޖެހުމުގެ ލިސްޓްގެ އެއްވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އޭގެ އިތުރުން އެމްބާޕޭއަކީ ވޯލްޑް ކަޕް ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެއީ 20 ގޯލާއެކުގައެވެ. އެއްވަނައިގައި އޮތް މެސީ ޖަހާފައި ވަނީ 21 ގޯލެވެ. ޑެމްބެލޭ ނޯވޭ ކޮޅަށް ހެޓްރިކް ހަދައި، މިހާރު ފަސް ގޯލް ހަމަކޮށްފިއެވެ.

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޕެނަލްޓީގައި ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

ފްރާންސްގެ މިހާރު އޮތް އެޓޭކް ލައިނުން އެންމެ ނުރައްކާކޮށް ފެންނަ ތިން ކުޅުންތެރިންގެ މެދުގައި 13 ގޯލް ޖަހާފައި އޮތް އިރު، އެއީ ތާރީހުގައިވެސް ކުރިއަށް ކުޅުނު ތިން އެޓޭކަރެއްގެ ފަރާތުން ފެނުނު އެންމެ މަތީ އަދަދާ އެއްވަރެކެވެ. އަނެއްކޮޅުން އާޖެންޓީނާއިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގީ ޖުމުލަ 15 ގޯލާއެކުގައެވެ. އެހެން ނަމަވެސް ގޯލް ޖެހުމުގައި މީގެ ކުރިންވެސް ތާރީހީ އެޓޭކް ލައިންތަކެއް ފެނިފައި އޮތުމުން، އެ އެޓޭކް ލައިންތަކުން ފެނުނު މަންޒަރާ، މިހާރު ފްރާންސްގައި އޮތް އެޓޭކް ލައިނުން ފެންނަ މަންޒަރާ އަޅައި ކިޔާލަމާ ހިނގާށެވެ.

1954 ގައި ފެނުނު ވަރުގަދަ ދެ އެޓޭކް ލައިނެއް، ހަންގޭރީއާއި ވެސްޓް ޖަރުމަނު

ހަންގޭރީން ފެނުނު ވަރުގަދަ އެޓޭކް ލައިންގެ ޓީމް ---

ސްވިޒަލޭންޑްގައި 1954 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހު ދުށް އެންމެ ކާމިޔާބު ދެ އެޓޭކް ލައިން ފައިނަލުގައި ކުރިމަތިލި އަހަރެކެވެ. އެފަހަރު ފައިނަލުގައި ހަންގޭރީގެ ބަލިނުވާނެ ކަމަށް ހީވިއެވެ. އެއީ ގްރޫޕް ސްޓޭޖުގައި ވެސްޓް ޖަރުމަނު ކައިރިން ބޮޑު ތަފާތަކުން މޮޅުވެފައި އޮތުމުންމެވެ. އެ ފައިނަލަށް ނުކުތް އިރު، ދެޓީމުގެ އެޓޭކަކީވެސް ވޯލްޑް ކަޕް ތާރީހުން ޖާގަ ހޯދި ދެޓީމެވެ.

ހަންގޭރީން މުބާރާތުގައި ޖުމުލަ 27 ގޯލް ޖެހި އިރު، ވެސްޓް ޖަރުމަނުން ނިންމާލީ 25 ގޯލާއެކުގައެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނު، އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހި ދެޓީމެވެ. ވެސްޓް ޖަރުމަނުން ގްރޫޕް ދެވަނަ ހޯދީ ތުރުކީއާ ހާއްސަ ޕްލޭ އޮފް މެޗެއް ކުޅެގެންނެވެ. އެއީ ޕޮއިންޓް އެއްވަރުމުންނެވެ. އޭރު އޮތް އުސޫލާއެކު ވެސްޓް ޖަރުމަނުން ޖުމުލަ 6 މެޗު މުބާރާތުގައި ކުޅުނު އިރު، ހަންގޭރީން އެ ވަރަށް ގޯލް ޖެހީ 5 މެޗުންނެވެ.

ހަންގޭރީ ކައިރިން ވެސްޓް ޖަރުމަނު ތަށި ހޯދި އިރު، ގިނަ ބައެއްގެ ނަޒަރުގައި ހަންގޭރީގައި އޭރު އޮތް ޓީމަކީ ތަށްޓަކާ ނުލައި ވޯލްޑް ކަޕެއް ނިންމާލި އެންމެ ވަރުގަދަ ޓީމެވެ. ހަންގޭރީގެ އެޓޭކުން ފެނުނީ ފެރެންކް ޕުޝްކަޝްއާއި ސާންޑޯ ކޮޝިޝް އަދި ފޯލްސް ނައިންއަކަށް ކުޅުނު ނަންޑޯ ހިޑެގޫޗީ އަދި ވިންގް، ޒޮލްޓާން ޝީބޯރެވެ. ހިޑެގޫޗީއަކީ ފުޓުބޯޅައިގެ "ފޯލްސް ނައިން" މަގާމު ވުޖޫދުކުރި ކުޅުންތެރިޔާއެވެ. އޭގެ ތެރެއިން ކޮޝިޝް އެކަނި އެ މުބާރާތުގައި 11 ގޯލް ޖެހިއެވެ. "ދަ މައިޓީ މަގްޔާސް"ގެ އޭރު އޮތް ޓީމުން ވޯލްޑް ކަޕަށް ނުކުތީ 1950 އިން ފެށިގެން ބަލިނުވެ އޮތް ވަރުގަދަ ބާރެއްގެ ގޮތުގައެވެ. ފައިނަލުގައި އަތް ދަށުވީ ހަމަ އެ ކޮލިޓީގެ އެޓޭކެއް ކައިރިންނެވެ.

ވެސްޓް ޖަރުމަނުގެ އެޓޭކް ލީޑު ކުރީ ކެޕްޓަން ފްރިޓްޒް ވޯލްޓާ، މެކްސް މާލޮކް، ހެލްމުޓް ރާންއެވެ. އޭގެ އިތުރުން ހާންސް ޝޭފާއާއި އޮޓްމާ ވޯލްޓާވެސް ފާހަގަވިއެވެ. ފްރިޓްޒް އެ މުބާރާތުގައި ނުވަ އެސިސްޓް ހެދި އިރު، އެއީ އަދިވެސް ރެކޯޑެކެވެ. މާލޮކް އެ މުބާރާތުގައި ހަ ގޯލް ޖެހި އިރު، ރާން ވީ މުހިއްމު ގޯލް ޖެހި ކުޅުންތެރިޔަކަށެވެ. ފައިނަލް ނެގީ ތަފާތު ރޫހަކަށް ކަމަށްވާ އިރު، އެ ޓީމުގެ ރޫހު ހިފެހެއްޓީ އެޓޭކް ލައިނުން ކަމަށް ބުނެވިދާނެއެވެ.

1970، 2022: ބްރެޒިލްގެ ޖާދުވީ ދެ އެޓޭކް ލައިން

ބްރެޒިލްގެ ރޮނާލްޑޯ 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ތެރެއިން ---

ވޯލްޑް ކަޕުން ފެނުނު އެޓޭކް ލައިންތަކުގެ ވާހަކަ ބްރެޒިލާ ނުލައި ނުދެއްކޭނެއެވެ. ބްރެޒިލުން ގެނެސްދިން ސާމްބާގެ ފުރިހަމަ އެޓޭކްތަކަކީ ވޯލްޑް ކަޕްގެ ތާރީހުން ޖާގަ ހޯދި އެޓޭކްތަކެވެ. ބްރެޒިލަކީ ވޯލްޑް ކަޕުން ފެނުނު އެންމެ ޗަރުކޭސް ގިނަ، ގިނަ ބައެއްގެ ލޯބި ހޯދި އެޓޭކްތަކެއް ގެނެސްދިން ޓީމެވެ. "ޖޮގާ ބޮނީޓޯ"އަށް އެތައް މިލިއަން ބަޔަކު ލޯބި ދިނީ ބްރެޒިލްގެ ހިތްގައިމު އެޓޭކްތަކުންނެވެ.

ފުރަތަމަވެސް އެވާހަކަ ފަށަން ޖެހީ 1970 ގައި ބްރެޒިލް ހޯދި ވޯލްޑް ކަޕުންނެވެ. އެއީ ތާރީހުގައިވެސް އެންމެ ފުރިހަމަ ޓީމު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހުނަރުވެރި ވާތު ފައެއްގެ ވެރި ރިވަލީނޯއާއި ޖައިރްޒީނިއޯ އަދި ޕެލޭގެ އިތުރުން ޓޮސްޓޭއޯ ގެނެސްދިން ހިތްގައިމު ކަމަކީ ވޯލްޑް ކަޕްގެ ތާރީހުން ފަނޑުވެގެން ނުދާނެ ހިތްގައިމު ކަމެކެވެ.

ޓޮސްޓޭއޯއަކީ އެފަހަރު ބްރެޒިލް އެޓޭކްގެ މައި އެއް ތަނބެވެ. އެފަހަރު ވޯލްޑް ކަޕްގައި ޖުމުލަ 19 ގޯލް ބްރެޒިލުން ކާމިޔާބުކުރި އިރު، ޓޮސްޓޭއާ ވަނީ ހަތަރު އެސިސްޓާއެކު ދެ ގޯލް ޖަހައިފައެވެ. ފުޓުބޯޅައިގެ "ކިންގް" ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެލޭ ހަ އެސިސްޓް ހަދައި، ހަތަރު ގޯލް ޖެހިއެވެ. އަދި ހަލުވި ވިންގް ޖައިރްޒީނިއޯ ހަތް ގޯލް ޖަހައި ތިން އެސިސްޓް ހެދިއެވެ. އޭގެ އިތުރުން ގާސަންވެސް އެޓޭކްގައި އިސް ދައުރެއް އަދާކުރި އިރު، ޕެލޭއަށް އެއީ ތާރީހީ ތިންވަނަ ވޯލްޑް ކަޕެވެ.

ބްރެޒިލްގެ އެ "އުފާވެރި"، ޝައުގުވެރި، ހުނަރުން ފުރިގެންވާ ފުޓުބޯޅަ ދެން އެންމެ ފަހުން ފެނުނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އަދި ޖަޕާނުގައި އޮތް ވޯލްޑް ކަޕުން ކަމަށް ގިނަ ބަޔަކު ހެކިވާނެއެވެ. 2002 ވަނަ އަހަރު އޮތް ތިން "އާރް"ގެ އެޓޭކް ލައިން ވެގެން ގޮސްފައި ވަނީ ދިވެހީންނަށް ވޯލްޑް ކަޕް ކުލަވިފަހުން ފެނުނު އެންމެ ކުޅަދާނަ އެއް އެޓޭކް ލައިނަށެވެ. ރޮނާލްޑޯ، ރޮނާލްޑީނިއޯ އަދި ރިވާލްޑޯ ދެއްކީ ތަފާތު ޗަރުހޭކެވެ. ޑަމީތަކާއެކު ބަލަން ތިބި ގިނަ ބަޔަކު ފުޓުބޯޅައަށް ލޯބި ޖެއްސިއެވެ. އަދިއަދަށް ދާންދެންވެސް ބްރެޒިލަށް މަރުދޭ ގިނަ ބަޔަކު ތިބީ އެ ކުޅުންތެރިންގެ ސަބަބުންނެވެ. އޭގެފަހުން ބްރެޒިލަށް ތަށްޓެއް ނުލިބުނަސް، އަދިވެސް އެ ބްރެޒިލްގެ މަތިން ހަނދާނެއް ނުނެތެއެވެ.

އެފަހަރު ބްރެޒިލުން 18 ގޯލް ޖެހި އިރު، މުބާރާތުގެ ރަން ބޫޓު ހޯދި، "ނިއްކޮޅު ލީ" ރޮނާލްޑޯ 8 ގޯލް ޖެހިއެވެ. ރިވާލްޑޯ ފަސް ގޯލާއެކު ހަތަރު އެސިސްޓް ހެދިއެވެ. ރޮނާލްޑީނިއޯ ފެނުނީ ބޯޅައިގެ ހުނަރުން ޖަރީވެފައި ހުރިތަނެވެ. ދެ ގޯލާއެކު ތިން އެސިސްޓް ފުރިހަމަކުރި އިރު، އެއީ ތާރީހުން ޖާގަ ހޯދި ފުރިހަމަ އެޓޭކް ޓްރިއޯއެކެވެ.

ފްރާންސްގައި 1958 ގައި އޮތް އެޓޭކާއި ނެދަލޭންޑްސްއިން 1974 ދައްކާލި އެޓޭކްވެސް ހަނދާން ނައްތައެއް ނުލެވޭނެ

ޔޯހަން ކްރައިފް 1974 ވަނަ އަހަރު ވޯލްޑް ކަޕްގެ ތެރެއިން ---

1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ހާއްސަވީ 17 އަހަރުގެ ޕެލޭއަށެވެ. އެއީ ޕެލޭ ފުރަތަމަ ނެގި ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕްގެ ހުރިހާ ހެޑްލައިނެއް ގޮސް ހުސްވީ ޕެލޭއަށެވެ. ބްރެޒިލަށެވެ. ސްވިޑެންގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލުގައި ސްވިޑެން ބަލިކޮށް ބްރެޒިލް ތަށި ގެންދިޔައީ ޔޫރަޕަށް އެއްޗެއް ބުނެދީފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ފްރާންސްގެ އެޓޭކް ދެއްކި ކުޅުން ހަނދާނުން ފޮހެލައިގެން ނުވާނެއެވެ.

ފްރާންސުން ވަނީ ކުޅުނު ހަ މެޗުން 23 ގޯލް ޖަހައިފައެވެ. އޭގެ ތެރެއިންވެސް އެންމެ ހާއްސަވީ ޖަސްޓް ފޮންޓައިންއެވެ. އޭނާ 1958 ވަނަ އަހަރު ވޯލްޑް ކަޕްގައި 13 ގޯލް ޖެހިއެވެ. އެއީ މިހާތަނަށް އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އެ މުބާރާތް ނިންމި ގޮތަށް ފޮންޓައިން ފާހަގަކުރީ އެކުގައި ކުޅުނު އެޓޭކިން ދެ ކުޅުންތެރިން ކަަމަށްވާ ރޯޖާ ޕިއަންޓޯނީއާއި ރޭމަންޑް ކޮޕާގެ ނަމެވެ.

ކޮޕާ އެފަހަރު ވޯލްޑް ކަޕްގައި ނުވަ އެސިސްޓް ހަދައި، ކުރިން ފާހަގަކުރި ވެސްޓް ޖަރުމަނުގެ ފްރިޓްޒްގެ ރެކޯޑާ ހަމަކުރިއެވެ. އަދިވެސް އެއީ އެއް ވޯލްޑް ކަޕެއްގައި ހެދިފައިވާ އެންމެ ގިނަ އެސިސްޓްގެ ރެކޯޑެވެ. ކޮޕާއަކީ އެއަހަރުގެ ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާވެސް މެއެވެ.

ދެން އޮތީ ނެދަލޭންޑްސްއިން ގެނެސްދިން 1974 ވަނަ އަހަރުގެ ތަފާތެވެ. ޔޯހަން ކްރައިފް މުޅި ފުޓުބޯޅައަށް ޒަމާނީ އިންގިލާބެއް ގެނައި ވޯލްޑް ކަޕަކަށް އެ ވޯލްޑް ކަޕް ވާނެއެވެ. "ޓޯޓަލް ފުޓުބޯޅަ" އާއެކު ޒަމާން ބަދަލުކޮށްލިއެވެ. ނެދަލޭންޑްސް ތާރީހީ ފައިނަލަކަށް ގޮސް، ވެސްޓް ޖަރުމަނު ކައިރިން ބަލިވި ނަމަވެސް އެޓީމުގެ ހަނދާން ވޯލްޑް ކަޕުން ފޮހެވިގެން ނުދާނެއެވެ. ކްރައިފް، ފަސް އެސިސްޓާއެކު ތިން ގޯލް ޖެހި އިރު، ޖޯނީ ރެޕް ހަތަރު ގޯލް ޖަހައި ދެ އެސިސްޓް ހެދިއެވެ. އޭގެ އިތުރުން އެޓޭކުން މިޑްފީލްޑަރު ޔޯހަން ނީސްކެންސްގެ ފަސް ގޯލް ޖަހައި އެސިސްޓެއް ހެދިއެވެ. އަދި އަނެއް ފަޅިއަށް ކުޅުނު ރޮބް ރެންސެންބްރިންކް ތިން އެސިސްޓާއެކު ގޯލެއް ޖެހިއެވެ.

ފައިނަލާ ހަމައަށް ނެދަލޭންޑްސް ދިޔަ ދިޔުމަކީ ތަފާތެއް ގެނުވި ދަތުރެކެވެ. މުޅި ދުނިޔޭގެ ފުޓުބޯޅައަށް އިންގިލާބެއް ގެނައި އެ ދަތުރުގެ އެޓޭކަރުން ފުޓުބޯޅަ ބަދަލުކޮށްލިއެވެ. އެ މަންޒަރު މިއަދުވެސް ފެނުން އެއީ އެ އެޓޭކް ލައިންގެ ހާއްސަ ކަމަކަށް ބެލެވިދާނެއެވެ.

އުސްމާން ޑެމްބެލޭގެ ގޯލަކަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

ތާރީހުގައި ތަފާތު ހުނަރުވެރި އެޓޭކްތައް ފެނިއްޖެއެވެ. ޗަރުކޭހާއި ޖާދުވީ އެޓޭކްތަކެވެ. ގޯލް ޖެހުމުގެ ރެކޯޑު އޮތް ތަފާތު ވަރުގަދަ ގޯލް ޖެހުންތެރިންގެ އެޓޭކްތަކެވެ. މޮޅެތި ކޮމްބިނޭޝަންތައްވެސް ފެނިގެން ހިނގައްޖެއެވެ. އަދަދާއި ނަންބަރުން ބައެއް އެޓޭކް ލައިންތައް ކުރީގައި އޮތް ނަމަވެސް، އަނެއްބައި އެޓޭކްތަކަކީ ހިތްގައިމުކަމުން ހާއްސަވި އެޓޭކްތަކެވެ. ޒަމާން ބަދަލުވެގެން އައިސް ޗަރުކޭހާއި ކޮށްޓުންތައް ގިނަ އެޓޭކްތައް މަދުވި ނަމަވެސް، މިހާރު ފްރާންސްގައި އޮތް އެޓޭކް ލައިނުންވެސް ހާއްސަ ކަންތައްތަކެއް ފެނެއެވެ. ކުރީގެ ބައެއް އެޓޭކް ލައިންތައް ތަށްޓާއެކު ދަރަޖައެއް މައްޗަށް ޖެހުނު އިރު، މިހާރު ދާ މިސްރާބާއެކު ފްރާންސްގެ އެޓޭކް މިހާރުވެސް އޮތީ ހާއްސަ މަގާމެއްގައެވެ. ދަތުރުފުރިހަމަ ނުވި ނަމަވެސް އެއީ މިހާތަނަށް ވޯލްޑް ކަޕް ދުށް އެންމެ ކުޅަދާނެ އެޓޭކް ލައިންތަކުގެ ލިސްޓަށް ލާން ޖެހޭ އެޓޭކެއް ކަމަށް ބެލެވިދާނެތޯ، އެއީ ދޫކޮށްލަން ބޭނުންވާ ސުވާލެކެވެ.