އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މެޗަކީ ސްޕެއިނާއި ބެލްޖިއަމް ބައްދަލުކުރާ މެޗެވެ. މުބާރާތުގެ އެންމެ ފަހު މަރުހަލާތަކަށް ޓީމުތައް ވާދަކުރަމުން އަންނަ އިރު، ސެމީ ފައިނަލުގެ ޖާގައަކަށް ވުރެ ބޮޑަށް، މި މެޗުން ފެނިގެންދާނީ ފުޓުބޯޅައިގެ ވަރަށް ތަފާތު ދެ ވާހަކައެކެވެ. އެއީ ކުރިމަގު އުޖާލާކޮށް އޮތް ޒުވާން ޖީލަކާއި، ބައިނަލްއަގުވާމީ ފުޓުބޯޅައަށް އަލްވަދާއު ކިޔަން ތައްޔާރުވަމުން އަންނަ ރަން ޖީލެއްގެ ކުރިމަތިލުމެވެ.

ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި، ސްޕެއިނަށް މިއީ އާ ފެށުމެކެވެ. ނަމަވެސް ބެލްޖިއަމަށް މިއީ ލިބޭ އެންމެ ފަހު ފުރުސަތެވެ. ދެ ޓީމުގެ ސަޕޯޓަރުންވެސް ތިބީ މި ތާރީހީ ކުރިމަތިލުމުގެ ނަތީޖާ ނުކުންނާނެ ގޮތަކަށް އިންތިޒާރުކޮށްގެންނެވެ.

އާ ރަން ޒަމާނެއްގެ ފެށުން

ސްޕެއިންގެ ފުޓުބޯޅަ މިހާރު ވަދެފައިވަނީ އާ ރަން ޒަމާނަކަށެވެ. އިކާ ކަސިޔަސް، ޒަވީ ހެނާންޑޭޒް، އަންދްރޭސް އިނިއެސްޓާ އަދި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިންނާއެކު 2008 އިން 2012 އަށް ދުނިޔޭގެ ފުޓުބޯޅައިގައި ރަސްކަން ކުރުމަށްފަހު، އެ ގައުމުން ވަނީ ޓީމު އަލުން ބިނާކުރުމަށް ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ބޮޑެތި މުބާރާތްތަކަށް ވާދަކުރެވޭ ފެންވަރުގެ އާ ޖީލެއް މިހާރު ވަނީ އުފެދިފައެވެ. މިހާރު އޮތް ސްކޮޑަކީ ކުރީގެ ޓީމާ އެއް ފެންވަރަކަށް ކާމިޔާބީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ ޓީމެކެވެ.

އެގޮތުން، އުމުރުން ހަގު ނަމަވެސް ލަމީން ޔަމާލް ވެފައިވަނީ ދުނިޔޭގެ އެންމެ އުޖާލާ އެއް ތަރިއަށެވެ. އޭނާގެ ހުނަރުވެރިކަމާއެކު ޕެޑްރީ އަންނަނީ އޭނާގެ އުމުރަށްވުރެ މާ ފުރިހަމައަށް މެޗުތައް ކޮންޓްރޯލް ކުރަމުންނެވެ. ވިންގަރުންގެ ހަލުވިކަމާއި، ރޮޑްރީގެ މޮޅު ކުޅުމުގެ ސަބަބުން ޓީމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ރޮޑްރީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ހޯލްޑިން މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ އިތުރުން، އައިމެރިކް ލަޕޯޓް އާއި އާ ޑިފެންޑަރުންނާއެކު ސްޕެއިންގެ ފަހަތް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ފެންނަނީ އެންމެ ފުރިހަމަ އެއް ޓީމުގެ ގޮތުގައެވެ. ކުރިން ކުޅެމުން އައި ޕާސިން ގޭމް ދަމަހައްޓަމުން، މިހާރު އެ ޓީމުން ވަނީ ހަލުވިކަމާއި އެކި ސްޓައިލްގައި ހަމަލާ އުފެއްދުން ވަރުގަދަކޮށްފައެވެ. ފުޓުބޯޅަ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ކުރިއަށްއޮތް އަހަރުތަކުގައި ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ސްޕެއިންގެ މި ސްކޮޑުން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެއެވެ.

ވޯލްޑް ކަޕް 2026 ގައި ސްޕެއިންގެ ތަރި ލަމީން ޔަމާލް -- ފޮޓޯ/ ގެޓީ

ރަން ޖީލުގެ ފަހު މަރުހަލާ

ބެލްޖިއަމްގެ ހާލަތު ސްޕެއިންއާ މުޅިން ތަފާތެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި އެއް ސްކޮޑު އޮތީ ބެލްޖިއަމްގައެވެ. ކެވިން ޑި ބްރޭނާ، ރޮމެލޫ ލުކާކޫ އަދި ތިބޯ ކޯޓުއާ ފަދަ ކުޅުންތެރިންނަކީ އެ ކުޅުންތެރިން ކުޅޭ މަގާމުތަކުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވުނު ކުޅުންތެރިންނެވެ. މި ކުޅުންތެރިންގެ އެހީގައި ބެލްޖިއަމް ވަނީ ފީފާ ރޭންކިންގެ އެންމެ ކުރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓައިފައެވެ.

އެހެންނަމަވެސް، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތައްޓެއް ހޯދުމަކީ އެ ޓީމަށް އަދިވެސް ހާސިލު ނުކުރެވި އޮތް ލަނޑުދަނޑިއެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދުމާއި، ބޮޑެތި މުބާރާތްތަކުގެ ފަހު މަރުހަލާތަކަށް ދަތުރުކުރި ނަމަވެސް، އެ ޓީމުގައި އޮތް ހުނަރުވެރިކަން ތައްޓަކަށް ބަދަލުކުރެވިފައެއް ނުވެއެވެ. މިއީ ބެލްޖިއަމްގެ ސަޕޯޓަރުންނަށް ލިބިފައިވާ އެންމެ ބޮޑު މާޔޫސްކަމެވެ.

މިހާރު ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ބައިނަލްއަގުވާމީ ކެރިއަރުގެ ފަހުކޮޅާ ގާތްވެފައިވާ އިރު، 2026 ގެ ވޯލްޑް ކަޕަކީ އެ ކުޅުންތެރިންގެ ލެގަސީ ފުރިހަމަކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ. ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަކީ ހަމައެކަނި ސެމީ ފައިނަލުގެ ޖާގައަކަށް ކުޅޭ މެޗެއް ނޫނެވެ. މިއީ ފުޓުބޯޅައިގެ އެންމެ މޮޅު އެއް ޖީލުގެ އުންމީދުތައް ދިރިހުރިކަން ސާބިތުކޮށްދިނުމަށް ކުރާ ހަނގުރާމައެކެވެ. ޑި ބްރޭނާ ފަދަ ކުޅުންތެރިންނަށް މިއީ ގައުމީ ޖާޒީގައި ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕަށްވުން އެކަށީގެންވެއެވެ.

ބެލްޖިއަމްގެ ރަން ޖީލުގައި ހިމެނުނު ކީޕަރު ކޯޓުއާ، ކެވިން ޑި ބްރޭނާ އަދި ރޮމެލޫ ލުކާކޫ --

މާޒީގެ ކުރިމަތިލުންތަކާއި ތަފާސްހިސާބު

މާޒީއަށް ބަލާއިރު، ސްޕެއިން އަދި ބެލްޖިއަމް ވަނީ ފާހަގަކޮށްލެވޭ މުހިންމު މެޗުތަކެއް ކުޅެފައެވެ. ނަމަވެސް ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. ތާރީހީ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ދެ ގައުމު ބައްދަލުކުރި ގިނަ މެޗުތަކުން މޮޅުވެފައިވަނީ ސްޕެއިނެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ކުޅުނު ވާދަވެރި މެޗުތަކުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ހަމަހަމަ ކުޅުމެއް ފެނިފައެވެ.

ބެލްޖިއަމްއާ ދެކޮޅަށް ސްޕެއިނުން ކުޅުނު 22 މެޗުގެ ތެރެއިން 12 މެޗަކުން މޮޅުވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ ފަސް މެޗަކުންނެވެ. އަދި ފަސް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުން ސްޕެއިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި ސްޕެއިނާއި ބެލްޖިއަމް ވަނީ ދެ ފަހަރަކު ބައްދަލުކޮށްފައެވެ. ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލުގައި ވެސް ދެ ޓީމު ބައްދަލުކޮށްފައިވާ އިރު، ޕެނަލްޓީ ޝޫޓްއައުޓަށް ދިޔަ އެ މެޗުން މޮޅުވީ ބެލްޖިއަމެވެ. ނަމަވެސް ޖެހިގެން އައި ވޯލްޑް ކަޕް 1990 ގެ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗު ކާމިޔާބުކުރީ ސްޕެއިނުންނެވެ.

ތާރީހީ ނަތީޖާތަކަށް ބަލާއިރު ސްޕެއިނަށް ކުރިއެރުމެއް އޮތް ނަމަވެސް، ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި މިފަދަ ފެންވަރު ރަނގަޅު ދެ ޓީމު ބައްދަލުކުރާ އިރު، މާޒީގެ ނަތީޖާތަކުން މާ ބޮޑު އަސަރެއް ނުކުރާނެއެވެ. މިއީ މުޅިން އާ މާހައުލެއްގައި، ތަފާތު ޕްރެޝަރަކާއެކު ކުޅެވޭނެ މެޗެކެވެ.

ސްޕެއިނާއި ބެލްޖިއަމުން 2016 ގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ

މެޗުގެ ފޭވަރިޓުންނާއި ޓެކްޓިކަލް އެނަލިސިސް

ކުއާޓާ ފައިނަލާ ކުރިމަތިލާ އިރު، މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ސްޕެއިނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެ ޓީމުގެ މެދުތެރެއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް މިޑްފީލްޑެވެ. އަދި މުބާރާތުގައި މިހާތަނަށް ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވަދެ، އެ ޓީމުގެ ޑިފެންސް ފެނިފައިވަނީ ވަރަށް ވަރުގަދަކޮށެވެ. މީގެ އިތުރުން، ޒުވާން ކުޅުންތެރިންގެ ހަލުވިކަމަކީ ބެލްޖިއަމްގެ ޑިފެންސަށް އޮތް ބޮޑު ނުރައްކަލެކެވެ.

އެހެންނަމަވެސް، ބެލްޖިއަމުން ވަނީ މި މުބާރާތުގައި އެ ޓީމުގެ ހިތްވަރުގަދަކަން ސާބިތުކޮށްދީފައެވެ. ނޮކްއައުޓް މެޗުތަކުގެ ޕްރެޝަރު ތަޖުރިބާކާރު ކުޅުންތެރިންނަށް އެނގެއެވެ. އުނދަގޫތަކަކާއެކު މިހާ ހިސާބަށް ދަތުރުކުރި ބެލްޖިއަމުން މިޑްފީލްޑް ކޮންޓްރޯލުކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ގޯލުގައި ކޯޓުއާ މޮޅު ކުޅުމެއް ދައްކައިފިނަމަ، ސްޕެއިން ބަލިކުރުމުގެ ފުރިހަމަ ގާބިލުކަން ބެލްޖިއަމްގައި އެބައޮތެވެ.

މިއީ ހަމައެކަނި ސެމީ ފައިނަލަށް ދިއުމަށް ކުޅޭ މެޗެއް ނޫނެވެ. މިއީ ފުޓުބޯޅައިގެ ދެ ޖީލެއްގެ ދެމެދުގައި ރަމްޒީގޮތުން ބާރުތައް ބަދަލުވެގެންދާނެ މެޗެކެވެ. ސްޕެއިންގެ އުޖާލާ ތަރިން ދުނިޔޭގެ ފުޓުބޯޅައިގެ އާ ރަސްކަމަކާ ދިމާއަށް ކުރާ ދަތުރު ކުރިއަށް ގެންދާނީތޯ، ނުވަތަ ބެލްޖިއަމްގެ މަޝްހޫރު ރަން ޖީލުން އެ ކުޅުންތެރިންގެ ތާރީހީ ވާހަކައިގައި އިތުރު ސަފުހާއެއް ލިޔާނީތޯ، މިއީ އުފެދޭ ސުވާލެކެވެ. މެޗުގެ ފަހު ކަށިގަނޑު ފުމެލާއިރު، އެއް ޖީލަކަށް ތާރީހުގެ ތެރެއިން ޖާގަ ކަށަވަރުވެގެންދާނެއެވެ. އަނެއް ޖީލެއްގެ އެންމެ ބޮޑު ހުވަފެން ނިމުމަކަށް އަންނާނެއެވެ. މި މެޗުގެ ނަތީޖާއިން ކަށަވަރުވެގެންދާނީ ކުރިއަށް އޮތް މުބާރާތްތަކުގައި ޔޫރަޕްގެ ފުޓުބޯޅަ ކޮންޓްރޯލްކުރާނީ ކޮން ބައެއް ކަމެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސްޕެއިނާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:00 ގައި އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައެވެ. މި މެޗުން މޮޅުވާ ޓިމެއް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މޮރޮކޯ ބަލިކޮށް ޖާގަ ހޯދި ވަރުގަދަ ފްރާންސްއާ ދެކޮޅަށެވެ.