ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ފްރާންސުން ކުޅުނު މެޗުގައި މޮރޮކޯ ބަލިކޮށް، ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފްރާންސުން މޮރޮކޯ ބަލިކުރީ 2-0 އިންނެވެ.
ފްރާންސް އަދި މޮރޮކޯވެސް މިރޭގެ މެޗަށް ނުކުތީ ވަރުގަދަ ފޯމެއްގައި އޮވެގެންނެވެ. އެއީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވުމުގެ ޓްރެކް ރެކޯޑަކާއެކުގައެވެ. މެޗަށް ނުކުތް އިރު، ފްރާންސުން ވަނީ ހުރިހާ މެޗެއް ކާމިޔާބުވެސް ކޮށްފައެވެ. މޮރޮކޯ އިން ގްރޫޕު ސްޓޭޖުގައި ބްރެޒިލް އަތުން އެއްވަރުވި އިރު، އެހެން ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ.
ވަރުގަދަ އެޓޭކު ލައިނަކާއެކު ވާދަކުރާ ފްރާންސުން ގަދަ 16 އާ ހިސާބަށް އައިސްފައިވަނީ ފަސޭހަ މޮޅުތަކާއެކުއެވެ. ކިލިއަން އެމްބާޕޭ، ޕެނަލްޓީއަކުން ޖެހި ގޯލަކުން ފްރާންސަށް ކުއާޓާގެ ޖާގައެއް ލިބުނީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ އަތުން މޮޅުވެގެންނެވެ.
މޮރޮކޯއަށް ކުއާޓާގެ ޖާގައެއް ލިބުނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މިރޭގެ މެޗަކީ ބަދަލު ހިފުމުގެ ރޫހެއް އޮތް މެޗެއް ކަމަށްވެސް ބެލެވޭނެ ޖާގަ އޮތެވެ. ފްރާންސާއި މޮރޮކޯ އިން ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެފަހަރު މޮރޮކޯ ކުރި ދަތުރަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ބަޔަކު ހައިރާން ކޮށްލި އެއް ދަތުރެވެ. މޮރޮކޯއިން އެފްރިކާގެ ޝަރަފަށްޓަކައި ކުޅެ، ސެމީއަށް ދިޔައެވެ. އެއީ އެފްރިކާގެ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ. އެފަހަރު ސެމީން ފްރާންސް ކައިރިން މޮރޮކޯ ބަލިވީ 2-0 އިންނެވެ.
އެ މެޗުގެ ކުރީކޮޅު ތިއޯ ހެނާންޑޭޒް ގޯލެއް ޖެހި އިރު، ފަހު ވަގުތުކޮޅުގެ ތެރޭގައި ރަންޑަލް ކޯލޯ މުއާނީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.
މޮރޮކޯއަށް މިރޭގެ މެޗަށް ނުކުންނަން ޖެހިފައި ވަނީ އެޓީމުގެ އެންމެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީއާ ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
މޮރޮކޯ ކޯޗު މުހައްމަދު ވަހްބީ މިރޭ ފްރާންސާ ދެކޮޅަށް ނުކުތީ ފަހަތަށްވެސް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން މޮރޮކޯގެ ސެންޓަބެކް މަގާމުން މިރޭ ފެނުނީ، ފުލްބެކެއްގެ ގޮތުގައި ހުރިހާ މެޗަކުން ފެނުނު ނުސައިރް މަޒްރާވީއެވެ. އެންމެ ފަހުން ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ މަގާމަށް ކުޅުނު ރެދުވާން ހަލްހަލް މި މެޗު ފެށީ ބެންޗުންނެވެ، އަދި މަޒްރާވީ ކުޅެމުންދިޔަ ރައިޓްބެކްގެ މަގާމުން ފުރަތަމަ 11 އިން ފެނިގެންދިޔައީ އަނަސް ސަލާހް އެދީނެވެ.
އަނެއްކޮޅުން މިރޭގެ މެޗުގައި އަނިޔާގައި ހުރި ފްރާންސްގެ މިޑްފީލްޑަރު އޯރެލިއަން ޗުއަމެނީ ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ބްރެޑްލީ ބާކޯލާގެ ބަދަލުގައި މިރޭ ފުރަތަމަ 11 އަށް ނުކުތީ ޑިޒައިރޭ ޑޫއޭއެވެ.
މޮރޮކޯއިން މެޗު ފެށީ ޑިފެންސިވްލީ ވިސްނައިގެންނެވެ. ފްރާންސްގެ ތާރީހީ ވަރުގަދަ އެޓޭކް ލައިން ހުއްޓުވަން އެޓީމުން ބޮޑަށް ކުޅެމުން ދިޔައީ މިޑްފީލްވެސް އެއްކޮށް ފަހަތަށް ޖައްސައިގެންނެވެ.
ފަސް މިނެޓް ވާން ދަނިކޮށް އެމްބާޕޭ ހަމަލާއެއް ފެނުނު އިރު، އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން އެމްބާޕޭ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑަޔޮޓް އުޕަމެކާނޯ ބޮލުން ފޮނުވާލި ހަމަލާ ވެސް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ.
އޭގެފަހުންވެސް ފްރާންސުން ބޮޑަށް ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، މަޑުމަޑުން ފްރާންސްގެ އެޓޭކް ލައިން ދިޔައީ މެޗަށް ވަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން 25 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. ކައުންޓާ އެޓޭކެއްގައި މައިކަލް އޮލީސޭ ދިން ބޯޅައެއް ހިފައިގެން ކެޕްޓަން އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމާއެކު، އޭނާއަށް މޮރޮކޯ ޑިފެންޑަރު މަޒްރާވީ ވަނީ ފައުލް ކޮށްފައެވެ.
އެ ފައުލާއެކު ލިބުނު ޕެނަލްޓީ އެމްބާޕޭ ފޮނުވާލި ނަމަވެސް މޮރޮކޯ ކީޕަރި ބޯނޯ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކް ފަހުންވެސް އަނެއްކާވެސް ހުސް ފުރުސަތެއް ލިބުނީ ފްރާންސަށެވެ. 35 ވަނަ މިނެޓުގައި މޮރޮކޯގެ އައްޔޫބް ބުއާދީ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑޫއޭ ފޮނުވާލި ހަމަލާވެސް މަތަކުރީ މޮރޮކޯ ކީޕަރު ބޯނޯއެވެ.
ފްރާންސްގެ އެ ހުރިހާ ހަމަލާތަކަކާއެކުވެސް ހާފު ނިންމާލަން ޖެހުނީ ގޯލެއް ނުފެނިއެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ ފެށުމާއެކު، އެ މަންޒަރު ބަދަލުވުމުގެ ކުލަވަރު އަނެއްކާވެސް ފެންނަން ފެށިއެވެ.
އެގޮތުން މެޗުގެ 56 ވަނަ މިނެޓުގައި އޮލީސޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒު ނުވެ ދިޔައީ ކިރިޔާއެވެ. އޭގެ ހަތަރު މިނެޓް ފަހުން އެމްބާޕޭގެ ޖާދުލާއެކު ފްރާންސުން މެޗުގެ ލީޑުވެސް ނެގިއެވެ.
ޑޫއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހިތްގައިމު ކާވްއެއްގައި އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ. ކީޕަރު ބޯނޯ ހުރީ ހުއްޓުން އަރާފައެވެ. އެމްބާޕޭ މިހާތަނަށް އަށް ގޯލް ޖަހާފައިވާ އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި އޭނާ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ އަރާ ހަމަކޮށްފައެވެ.
އެހިސާބުން ފްރާންސްގެ ހާސްކަން ކެނޑި، އެޓީމުން އިތުރަށް މެޗު ޑޮމިނޭޓް ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މޮރޮކޯއަށް ހިފަހައްޓާލަން އުނދަގޫވެ، 66 ވަނަ މިނެޓުގައި ފްރާންސުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ފްރާންސަށް ދެވަނަ ގޯލެއް ޖަހައިދިނީ ޑެމްބެލޭއެވެ.
އެހިސާބުން ފްރާންސަށް ގާތްގަނޑަކަށް ސެމީ ފައިނަލް ޔަގީންވި އިރު، އޭގެފަހުން މޮރޮކޯގެ ފަރާތުން މާބޮޑު ހިތްވަރެއް ނުފެނެއެވެ. އެންމެ ނުރައްކާތެރި ހަމަލާއެއް މޮރޮކޯއިން ފެނުނީ 83 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ހަކީމީ ޖައްސާލި ބޯޅައަކުން، ޕެނަލްޓީ އޭރިއާ ބޭރުން އެޒެދީން އުނާހީ ފޮނުވާލި ބާރު ޖަމަލާ މަތަކުރީ ފްރާންސް ކީޕަރު މައިކް މިނިއޯއެވެ.
އޭގެފަހުން އަނެއްކާވެސް މެޗުގެ ފަހުކޮޅުގައި ފެނުނީ ފްރާންސް އެޓޭކްގެ ފުރިހަމަ ކަމެވެ. އޭރު އެޓޭކް ލީޑު ކުރަމުން ދިޔައީ ބަދަލަށް ނުކުތް ޔޯން ފިލިޕް މަޓެޓާއާއި ބްރެޑްލީ ބާކޯލައެވެ. އެއީ ޑޫއޭއާއި އެމްބާޕޭގެ ބަދަލަށް ނުކުތް ދެ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ބާކޯލާ ފަހުކޮޅުގައި ނުރައްކާ ކުރި އިރު، އޭނާ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ބޯނޯ މަތަކުރިއެވެ.
އޭގެ ފަހުން އޮލީސޭއަށްވެސް ރަނގަޅު ހުސް ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި މަޓެޓާ ފޮނުވާލި ހަމަލާވެސް މަތަކުރީ ބޯނޯއެވެ.
ފްރާންސުން ސެމީގައި ނުކުންނަން ޖެހޭނީ ސްޕެއިނާއި ބެލްޖިއަމް ވާދަކުރާ ކުއާޓާއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް